Advertisement

ސެޕްޓެމްބަރު 15ގެ ކުރިން އިންތިހާބު ނުބާއްވައިފިނަމަ އިންޑިއާ އަށް ފީފާގެ ސަސްޕެންޝަނެއް

25 ޖޫން 2022 - 07:56 0

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް ފަހު އިންޑިއާގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ސެޕްޓެމްބަރު 15ގެ ކުރިން އިންތިހާބު ނުބާއްވައިފިނަމަ އިންޑިއާ އަށް ފީފާގެ ސަސްޕެންޝަނެއް

25 ޖޫން 2022 - 07:56 0

ނިއު ދިއްލީ، އިންޑިއާ (ޖޫން 25) - އިންޑިއާގެ ސުޕްރީމް ކޯޓުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގައި ހުރި މައްސަލަތައް ހައްލުކުރަން އެކުލަވާލާފައިވާ ތިން މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން ވިޔަސް އަންނަ ސެޕްޓެމްބަރު މަހު 15ގެ ކުރިން އިންތިހާބެއް ބާއްވަންޖެހުނުއިރު، އެކަން އެގޮތަށް ނުވެއްޖެނަަމަ ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި މެއި މަހު 18 ވަނަ ދުވަހު ކޯޓުން ނިންމީ، އިންޑިއާ ފުޓްބޯޅައިގެ ރައީސް ޕްރަފުލް ޕަޓޭލްގެ ލީޑަޝިޕް ނިމުމަކަށް ގެނެސް ކަންކަން ހައްލުކޮށް އާ އިންތިހާބަކަށް ދިއުމަށް ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރުމަށެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްކަން ތިން ދައުރުކުރެއްވި، ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު 2020 ޑިސެމްބަރަށް އޮތީ ހަމަވެފަ އެވެ. އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސް ނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިހާބުވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށާއި މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.

ކުޅިވަރާބެހޭ މިނިސްޓްރީގެ މިކަންކަމަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުން އިންޑިއާ ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ހަމަޖެއްސި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ރިޓަޔަކޮށްފައިވާ ޖަޖް، އަނިލް އާރް ދޭވް، ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސްވައި ކުރޭޝީ އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ބާސްކަރު ގަންގޫލީ އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމިޓީގެ މެމްބަރުން ކަންކަން ކުރަމުން އަންނަ ގޮތް ވިލަރެސް ކުރުމަށް ފީފާ އާއި އޭއެފްސީގެ ޑެލިގޭޝަނެއް ވަނީ އިންޑިއާ އަށް ތިން ދުވަހުގެ ރަސްމީ ޒިޔާރާތެއް ކޮށްފަ އެވެ. ތިން މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން ކަންކަން ދަނީ ރަނގަޅަށްކަން ފާހަަގަކޮށް، ފީފާ އާއި އޭއެފްސީގެ ޓީމުން އެންގީ ސެޕްޓެމްބަރު 15 ކުރިން އިންތިހާބެއް ބާއްވައި އާ ބޯޑެއް އިންތިހާބު ކުރުުމަށެވެ.

އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސޯ ޖޯން ވިދާޅުވީ މައްސަލަތަކަށް ހައްލެއް ނުލިބި ދީފައިވާ މުހުލަަތު ފަހަނައަޅައިފިނަމަ ވީ އެންމެ ހަރުކަށިކޮށް ފިޔަވަޅު އަޅަން ފަަސްނުޖެހޭނެ ކަމަށެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާ ހަވާލުވެފައިވާ ކޮމިޓީ އަށް ފުރަތަމަ އޮތް ޒިންމާ އަކީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމުގެ އަސާސީ ގަވާއިދުގައިވާ ފުށުއެރުންތައް ނައްތާލުމެވެ. އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭ މައްސަލައެއް 2017 ވަަނަ އަހަރުން ފެށިގެން އިންޑިއާ ސުޕްރީމް ކޯޓުގައި އެބައޮތެވެ. ކޯޓުގައި އޮތް އެ މައްސަލަ އަށް ވެސް ރިއާޔަތްކޮށް، އިންޑިއާގެ ސްޓޭޓް އެސޯސިއޭޝަންތަކުން އަންނަނީ އަންނަ މަހުގެ ނިޔަލަށް އަސާސީ ގަވާއިދުގައިވާ ކަަންކަމަށް ހައްލެއް ގެނައުމަށެވެ. ސުޕްރީމް ކޯޓުގައި އަންނަ މަހުގެ 21 ވަނަ ދުވަހު އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދުގެ މައްސަލަ ވަނީ ތާވަލުކޮށްފަ އެވެ.

އަސާސީ ގަވާއިދުގެ ކަންކަން ހަމަޔަކަށް އެޅުވުމަށް ފަހު، ތިން މެމްބަރުންގެ ކޮމިޓީން އިންތިހާބަށް އިއުލާނުކުރާނީ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. އޭރުން ލަސްވެގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ފުޓްބޯޅައިގެ އިންތިހާބު ބޭއްވޭނެ އެވެ. އިންޑިއާގެ 35 ސްޓޭޓް ފުޓްބޯޅަ އެސޯސިއޭޝަންގެ ތާއީދާ އެކު ވަނީ 50 ދުވަސް ތެރޭ އިންތިހާބު ބޭއްވުމުގެ ގަވާއިދު 30 ދުވަހަށް ބަދަލުކުރަން ފާސްކޮށްފަ އެެވެ.

ތިން މެމްބަރުންގެ ކޮމިޓީން ތައްޔާރުކޮށްފައިވާ މަގުޗާޓާ އެއްގޮތަށް ކުރިއަށް ގޮސްފިނަމަ ސެޕްޓެމްބަރު 15 ގެ ކުރިން ހުރިހާ ކަމެއް ނިންމައިލާ، ފީފާގެ ސަސްޕެންޝަންގެ ބިރުވެރިކަމުން ސަލާމަތްވެވޭނެ އެވެ.

އިންޑިއާ އަށް ފީފާގެ ސަސްޕެންޝަނެއް އަތުވެއްޖެނަމަ، އޮކްޓޫބަރު މަހު އެ ގައުމުގައި ހޯސްޓްކުރަން ނިންމާފައިވާ 17 އަހަރުން ދަށުގެ އަންހެން ފީފާ ވޯލްޑް ކަޕް އެހެން ގައުމަކަށް ބަދަލުކުރާނެ އެވެ.