Advertisement

ޝީރީން މަރުވީ އިޒްރޭލް ސިފައިން ބަޑި ޖެހުމުން: އދ.

ޝީރީންގެ ހަނދާނުގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޝީރީން މަރުވީ އިޒްރޭލް ސިފައިން ބަޑި ޖެހުމުން: އދ.

ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ގަޔަށް އެރި ވަޒަން އައީ އިޒްރޭލް ސިފައިންގެ ބަޑިއަކުން ކަމަށް އދ. އިން ހިންގި ތަހުގީގުން ދައްކައިފި އެވެ.

ޝީރީން މަރުވީ މޭ 11 ވަނަ ދުވަހު ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގި އޮޕަރޭޝަނެއް އަލް ޖަޒީރާއަށް ރިޕޯޓު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަންފަތާ ދިމާލުން މޫނަށް ބަޑި ޖެހުމުންނެވެ.

ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ ޝީރީން މަރާލި އިރު އޭނާ ހުރި ނޫސްވެރިއެއްކަން އަންގައިދޭ ޖެކެޓު ލައިގެން، ބޮލުގައި ހެލްމެޓް ވެސް އަޅައިގެންނެވެ.

"އަޅުގަނޑުމެންގެ ތަހުގީގުން އެނގުނު ގޮތުގައި ޝީރީން މަރުވީ އިޒްރޭލް ސިފައިން ބަޑި ޖެހުމުން،" އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވި އެވެ.

"މިކަމުގައި އިޒްރޭލުގެ ކަމާ ބެހޭ އިދާރާތަކުން ޖިނާއީ ތަހުގީގެއް ހިންގާފައި ނުވާތީ އަޅުގަނޑުމެން ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

އދ. އިން ހިންގި ތަހުގީގުގައި ބޭނުން ކުރީ އިޒްރޭލް ސިފައިންނާއި ފަލަސްތީނުގެ އެޓޯނީ ޖެނެރަލް ފޯރުކޮށްދިން މައުލޫމާތެވެ.

ޝީރީން މަރުވީ ފަލަސްތީނުގެ "ޓެރަރިސްޓުންގެ" ހަމަލާއަކުން ކަމަށް އިޒްރޭލުން ސިފަކުރަން މަސައްކަތް ކުރި ނަމަވެސް އެ ވާހަކައަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށް އދ. އިން ނިންމި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މިޝޭލް ބެޝެލެޓް ވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ.