Advertisement

އަފްގާން ބިންހެލުން: ޔޫއޭއީއިން 30 ޓަނުގެ އެހީ ފޮނުވައިފި

ޔޫއޭއީއިން އަފްގާނިސްތާނަށް އެހީ ފޮނުވަން ތައްޔާރު ވަނީ. -- ފޮޓޯ: ވޭމް


އަފްގާން ބިންހެލުން: ޔޫއޭއީއިން 30 ޓަނުގެ އެހީ ފޮނުވައިފި

އަފްގާނިސްތާނަށް އައި ބޮޑު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،150 އަށް ވުރެ މަތިވެފައި ވަނިކޮށް ޔޫއޭއީއިން 30 ޓަނުގެ އެހީ ފޮނުވައިފި އެވެ.

ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންގެ އެންގެވުމަށް ފޮނުވި އެހީގެ ތެރޭގައި ކާބޯތަކެތި ހިމެނެ އެވެ.

އެ މަސައްކަތުގައި އުޅުނީ ހަލީފާ ބިން ޒައިދް އަލް ނަހްޔާން ފައުންޑޭޝަނާއި އެމިރޭޓްސް ރެޑް ކްރެސެންޓް އަދި ޔޫއޭއީގެ ފޮރިން މިނިސްޓްރީ އެވެ.

އަފްގާނިސްތާނުގައި ހުންނަ ޔުނިސެފްގެ މަންދޫބު ޑރ. މުހައްމަދު އަޔޯޔާ ވިދާޅުވީ ޔުނިސެފުން ސިއްހީ ތަޖުރިބާކާރުންނާއި ސާފުތާހިރު ކަމަށް މުހިއްމު ސާމާނު ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގައި ބޭރަށް ހިންގުމާއި ކޮލެރާ ފެތުރެމުން ދަނިކޮށް ބިންހެލުން އައިސް ފެނުގެ ނިޒާމަށް ގެއްލުން ލިބުމުން، ބޮޑު ބަލިމަޑުކަމެއްގެ ބިރު އެބަ އޮތް ކަމަށެވެ.

މިދިޔަ އޯގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން، އަފްގާނިސްތާނުގެ އިގްތިސާދު ހިންގީ ބޭރުގެ އެހީ ހޯދައިގެންނެވެ. ނަމަވެސް ބޭރު ފަރާތްތަކުން ވަނީ ތާލިބާން ސަރުކާރަށް އެހީ މެދުކަނޑާލަން ނިންމާފަ އެވެ.

އޭގެ ސަބަބުން އިގްތިސާދު ހުއްޓި، ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ވަނިކޮށް އައި ބިންހެލުމުގެ ސަބަބުން އިތުރު ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.

އެހެންވެ، ތާލިބާނުން ވަނީ ބޭރުގެ އެހީ އިތުރު ކުރުމަށް އެދިފަ އެވެ. ޔޫއޭއީއިން 30 ޓަނުގެ އެހީ ފޮނުވި އިރު، ޕާކިސްތާނުން ވެސް ކާބޯތަކެތީގެ އެހީ ފޮނުވި އެވެ.

އިރާނާއި ގަތަރުން ވެސް ވަނީ އިންސާނީ އެހީ ފޮނުވާފަ އެވެ. އިންސާނީ އެހީ ސަޕްލައި ކުރުމުގެ މަސައްކަތަށް އިންޑިއާގެ ޓެކްނިކަލް ޓީމެއް ކާބުލްއަށް ފޮނުވި އެވެ.

އިންޑިއާއިން ބުނީ އެ ގައުމުގެ އެހީ ހަވާލު ކުރާނީ އދ. ގެ އެޖެންސީތަކާއި އަފްގާން ރެޑް ކްރެސެންޓް ސޮސައިޓީއާ ކަމަށެވެ.