Advertisement

ލަންކާގެ ކޮރަޕްޓް ވެރިންނަށް އެހީ ނުވާން އައިއެމްއެފްއަށް ގޮވާލައިފި

އައިއެމްއެފްގެ ވަފްދަކުން ލަންކާ ސަރުކާރާ އެކު މަޝްވަރާ ކުރަނީ. -- ފޮޓޯ: ނިއުސްފަސްޓް


ލަންކާގެ ކޮރަޕްޓް ވެރިންނަށް އެހީ ނުވާން އައިއެމްއެފްއަށް ގޮވާލައިފި

ސްރީލަންކާއަކީ ބައިނަލްއަގްވާމީ އެހީ ލިބުމުން މަކަރު ހެދުމުގެ ތާރީހެއް އޮތް ގައުމެއް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެކަމަށް ސަމާލުވުމަށް އޯޕަން ސޮސައިޓީ ފައުންޑޭޝަންގެ ރައީސް މާކް މެލޮކް ބްރައުން ގޮވާލައްވައިފި އެވެ.

އޯޕަން ސޮސައިޓީ ފައުންޑޭޝަނަކީ ބައިނަލްއަގްވާމީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ނެޓްވޯކެކެވެ. އެ ޖަމިއްޔާގެ ރައީސް ލަންކާއާ ގުޅޭ ގޮތުން އެފަދަ ވާހަކައެއް ދެއްކެވި އިރު، ލަންކާ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އައިއެމްއެފްގެ އޮފިޝަލުން މިހާރު ތިބީ ކޮލޮމްބޯގަ އެވެ.

މެލޮކް ބްރައުން ވިދާޅުވީ ލަންކާއަށް މި ހާލަތް ކުރިމަތިވި ސަބަބު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އައިއެމްއެފްގެ މަޝްވަރާގެ އެޖެންޑާގައި އެ ވާހަކަ ހިމަނަން ޖެހޭނެ ކަމަށެވެ.

"އެހެން ނޫން ނަމަ، ލަންކާގެ ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ދޭން ޖެހޭ އެހީ، ކޮރަޕްޓް ސިޔާސީ ވެރިންގެ އަތް ދަށަށް ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.

ސްރީލަންކާގެ އިކޮނޮމިސްޓް ނިޝާން ޑެ މެލް ވެސް ދާދި ފަހުން ވިދާޅުވީ އިގްތިސާދީ ކާރިސާ ކުރިމަތިވީ ނިޒާމުގައި ކޮރަޕްޝަން ފެތުރިފައި އޮތް ވަރުން ކަމަށެވެ. އެގޮތުން ލަންކާގައި "ސިސްޓެމިކް" ނުވަތަ ނިޒާމީ ގޮތުން ކޮރަޕްޝަން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެމްއެފްގެ ވަފުދުން ހުކުރު ދުވަހު ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ބައްދަލުކުރި އެވެ. އެ ވަފުދުގެ މެމްބަރުން ހަފްތާއެއް ވަންދެން ލަންކާގައި މަޑު ކުރާނެ އެވެ.