Advertisement

ޒިދާން ދެއްކީ ޕީއެސްޖީ، މެންޗެސްޓާ އަދި ފްރާންސްގެ ވަޒީފާގެ ވާހަކަ

24 ޖޫން 2022 - 09:59 0


ޒިދާން ދެއްކީ ޕީއެސްޖީ، މެންޗެސްޓާ އަދި ފްރާންސްގެ ވަޒީފާގެ ވާހަކަ

24 ޖޫން 2022 - 09:59 0

ޕެރިސް (ޖޫން 24) - މަޝްހޫރު ކޯޗު ޒިނެދިން ޒިދާން ދެން ހަވާލުވާނީ ވަކި ޓީމަކާއޭ ހާމަކުރަން މި ވަގުތު އުނދަގޫ ކަމަށް ބުނެ، މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އަދި ފްރާންސްގެ ގައުމީ ޓީމާ ބެހޭގޮތުން ވާހަކަތަކެއް ދައްކައިފި އެވެ.

މިދިޔަ އަހަރު މެއި މަހު ޒިދާން ދެ ވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އަދި ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ކޯޗިން ވަޒީފާއެއް ނެތި ޒިދާން މިވީ އަަހަރެއްހާ ދުވަސް ތެރޭގައި އޭނާ ދެން ހަވާލުވާނެ ޓީމަކާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވުނެވެ.

އެ ގޮތުން ޒިދާން ހަވާލުވާން އުޅޭ ކަަމަށް އަޑުފެތުރުނު ޓީމުތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ، ޔުވެންޓަސް އަދި ފްރާންސް ގައުމީ ޓީމެވެ.

ފްރާންސްގެ ލެކިއުޕޭ ނޫހަށް ދިން އިންޓަވިއުއެއްގައި ޒިދާން، 50، ބުނީ ޓީމަކާ ހަވާލުވާއިރު، އޭނާ އަތުގައި ކޮންޓްރޯލް އޮންނަން ޖެހޭ ހުރިހާ ކަމެއް މަގުފަހިވެފައި އޮތުމަށް ސަމާލުދޭނެ ކަމަށެވެ. އެ ގޮތުން ވިސްނާއިރު، މިއީ މެންޗެސްޓާ ޔުނައިޓެޑް ނޫނަސް އިނގިރޭސި ކްލަބަކާ ހަވާލުވާން ރަނގަޅު ވަގުތެއް ނޫން ކަމަށް ޒިދާން ދެކެ އެވެ.

"މެންޗެސްޓާއާ ހަވާލުވާން ބަލާއިރު، އަހަރެން އިނގިރޭސި އަށް އެހާ ފަރިތައެއް ނޫން. އެކަމަކު، އިންގްލެންޑްގައި އެބަތިބި އިނގިރޭސި އަށް ފަރިތަ ނޫނަސް ކޯޗުން، އޭގެ މާނަ އަކީ އެ ގޮތަށް އަހަރެން މަސައްކަތް ކުރަންވީއޭ އެހެނެއް ނޫން. އަހަރެން ވަރަށް ފުޅާކޮށް ވިސްނައިގެން މި ވަޒީފާ އަދާކުރާއިރު، މި ވަގުުތު އިނގިރޭސި ކްލަަބަކަށް ދިއުމަކީ ހައްލެއް ނޫން،" ޒިދާން ބުންޏެވެ.

ޒިދާން ދެން ހަވާލުވާނީ ޕީއެސްޖީ ނޫނީ ފްރާންސް ގައުމީ ޓީމާ ކަމަށް ތަކުރާރުކޮށް ފްރާންސްގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. ޒިދާން ބުނީ ކޮންމެ ގޮތެއް ވިޔަސް ދެން ހަވާލުވާނީ ޕްރޮޖެކްޓެއްގެ "ލީޑަރެއްގެ ހައިސިއްޔަތު" ލިބި މަސައްކަތް ކުރެވޭނެ ފުރިހަމަ އިހުތިޔާރު ލިބޭ ޓީމަކާ ކަމަށެވެ.

"މި ޒަމާނުގައި ކޯޗިން ވަޒީފާގައި އުޅޭއިރު، ވަކި ޓީމަކާ ހަވާލެއް ނުވާނަމޭ ނުބުނެވޭނެ. އެހެންވީމަ ޕީއެސްޖީން ނުފެންނާނެއޭ ވެސް ނުބުނެވޭނެ،" ޕީއެސްޖީން ފެނިދާނެތޯ އެހުމުން ޒިދާން ބުންޏެވެ.

"ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ގޮސްފާނެ ބައިވަރެއް ކްލަބް ހުންނާނެ. އެކަމަކު، ކޯޗެއްގެ ގޮތުގައި އަހަރެން ހަވާލުވެދާނެ 50 ކްލަބެއް ނުފެންނާނެ. މީގެ އޮންނާނީ ދޭއް ނޫނީ ތިން ޓީމެއް، އަހަރެން ކްލަބަކަށް ދާނީ މޮޅުވެވޭނެ ކަމުގެ ޔަގީންކަމެއް، މަސައްކަތެއް ކުރެވޭނެ ކަމުގެ އިތުބާރެއް އޮންނަނަމަ،"

މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗު ކަމުން ޑިޑިއޭ ޑެޝޯމްޕްސް ވަކިވާނެ ކަމަށާއި ދެން ފްރާންސާ ހަވާލުވާނީ ޒިދާން ކަމަށް ނުސީދާ ގޮތަކަށް ގިނަ ފަރާތްތަކެއް އަންނަނީ ހާމަކުރަމުންނެވެ. އޭގެ ތެރޭގައި ޑެޝޯމްޕްސް އާއި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ހިމެނިވަޑައިގަންނަވަ އެވެ.

ޒިދާން ބުނީ ކަމެއް ސިއްރުކުރަން ބޭނުން ނުވާ ކަމަށާއި ފްރާންސް ގައުމީ ޓީމަށް ކޮންމެ ވެސް ދުވަހަކުން ކޯޗުކޮށްދިނުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި ގައުމީ ޓީމަށް އޭނާ ކޮށްދޭން އެދޭ ގިނަ ކަންތައްތަކެއް އަދި ފުރިހަމަނުވެ އެބަހުރި ކަމަށް ޒިދާން ބުންޏެވެ.