Advertisement

ސިޓީ ޗެމްޕިއަނުންގެ ސަފަށް: މިއީ ގިނަ ބަޔެއްގެ މަސައްކަތް!

24 ޖޫން 2022 - 09:36 0

ސިޓީގެ ކޯޗު ނަލަ ހުސެއިން, ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސިޓީ ޗެމްޕިއަނުންގެ ސަފަށް: މިއީ ގިނަ ބަޔެއްގެ މަސައްކަތް!

24 ޖޫން 2022 - 09:36 0

ސްޕޯޓްސް ކްލަބް ސިޓީ، ރާއްޖޭގެ ވޮލީބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިތާ 13 ވަރަކަށް އަހަރު ފަހުން، މި ޑިިވިޝަނުގެ ހޯދި ފުރަތަމަ ތަށްޓަކީ ރޭ ނިމުނު ވޮލީބޯލް އެސޯސިއޭޝަން ކަޕް އެވެ.

ފޯރިގަދަ ފައިނަލް މެޗަކަށް ފަހު ކްލަބް ވެމްކޯ 3-2 ސެޓުން ބަލިކޮށް، ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށް ޗެމްޕިއަނުންގެ ސަފަށް ޖެހިލިއިރު، އެ ޓީމުގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނީ މިއީ އެތައް އަހަރުތަކެއް ވަންދެން އެ ކްލަބްގައި ތިބި ބަޔަކު ކުރި ރަނގަޅު މަސައްކަތްތަކެއްގެ ނަތީޖާ ކަމަށެވެ.

"އަލްހަމްދުލިއްލާހި ޝުކުރު، މިއީ ވަރަށް ބޮޑު ކާމިޔާބެއް. މިއީ ހަގީގަތުގައި ވަރަށް ގިނަ މީހުންގެ މަސައްކަތް، މިއަދު ހަމަަ މީގެ ހަމަ ކުލަޖެހިގެން މި ދިޔައީ އިރާދަކުރެއްވިއްޔާ، އެހެންވީމަ މި ކާމިޔާބު ދެކެނީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި،" ރޭގެ ފައިނަލް މެޗަށް ފަހު ނަލަ ހުސެއިން ބުންޏެވެ.

"ވަރަށް ބޮޑު އުންމީދެއް މިއީ މި ތަށި ލިބުން. އަޅުގަނޑަށް ހީވަނީ މި ކަމަށް އަޅުގަނޑުމެންގެ ރައީސް ވަރަށް އުފާވާނެހެން. މި ފުރުސަތުގައި ކްލަބްގެ ރައީސަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަަން،"

ރޭގެ މެޗު ފަސް ސެޓަށް ދިޔައިރު، ސިޓީ އަށް އޮތް އެޑްވާންޓޭޖަކީ ލީގު ބުރުގެ ޗެމްޕިއަންކަން ހޯދައި، ސީދާ ފައިނަލުގެ ޖާގައެއް ލިބުމުން ފައިނަލް މެޗާ ދެމެދު ހަތަރު ދުވަހުގެ މުއްދަތެއް ލިބުމެވެ. ވެމްކޯ ވަނީ ފައިނަލުގެ ޖާގަ ހޯދަން މިދިޔަ އަންގާރަ ދުވަހުގެރޭ ސިފައިންނާ ދެކޮޅަށް ޕްލޭއޮފް މެޗެއް ކުޅެފަ އެވެ.

ނަލަ ހުސެއިން ބުނީ މެޗަށް ތައްޔާރުވާން ސިޓީ އަށް ގިނަ ވަގުތު ލިބުމުގެ ފައިދާކުރި ކަމަށެވެ.

"އަސްލު އަޅުގަނޑުމެންނަށް ވަރަށް ރެސްޓް ބޮޑުކޮށް ގާތްގަނޑަކަށް މި ލިބުނީ. ގާތްގަނޑަކަށް ހަަތަރު ދުވަސް ލިބުނު. އޭގެ ފައިދާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ލިބުނު،" ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި ނަލަ ހުސެއިން ބުންޏެވެ.

ސިޓީގެ ބެންޗުން ނަލަ ހުސެއިން އަށް އެހީތެރިވެދޭން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރީ ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ސުމިތު ޖަޔަލާލް އެވެ. ސިޓީގެ ބެންޗުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ހުރިއިރު، އޭނާ ކުޅެފައިވަނީ މަދު މެޗުތަކެއްގަ އެވެ. އެކަމަކު، ބަޓިސް ވަނީ އޭނާގެ ތަޖުރިބާގެ އަލީގައި ޓީމަށް ގިނަ ގޮތްގޮތުން އެހީތެރިވެފަ އެވެ.

ސިޓީގެ އޮފިޝަލުންނާ އެކު ނަލަ ހުސެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"ކުރިން ވެސް ބުނިން ކަންނޭނގެ މިިއީ ހަމައެކަނި އަޅުގަނޑު ހޯދާ ކާމިޔާބެއް ނޫން. މިއީ ބޮޑު ޓީމެކޭ، ޓީމުގެ ފަހަތުގައި ވަރަށް ބައިވަރު މީހުން ތިބޭ، ހާއްސަކޮށް އަޅުގަނޑުމެންގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަޅުގަނޑަށް ދޭ ލަފާ، އަޅުގަނޑަށް ވަރަށް މީތި ފަސޭހަވޭ، މީތި ކާމިޔާބުކުރަން. ﷲ އިރާދަކުރެއްވިއްޔާ މި އޮތީ ކާމިޔާބުވެފައި، ދެން އަންނަ މުބާރާތުގައި ވެސް މި ރޫހުގައި އިރާދަކުރެއްވިއްޔާ ނުކުންނާނީ،" ނަލަ ހުސެއިން ބުންޏެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނަކީ ތާރީހީ ފަހަރެކެވެ. ވޮލީބޯލް އެސޯސިއޭޝަނުން އިންޑިއާގެ ޕްރައިމް ވޮލީ ލީގުގައި ކުޅޭ އެންމެ ރަނގަޅު 18 ކުޅުންތެރިން ވަނީ ފުރަތަމަ ޑިވިޝަންގެ ހަ ކްލަބަށް ޑްރާފްޓްކޮށްފަ އެވެ. ކޮންމެ ޓީމެއްގައި ވެސް ފެންވަރު ރަނގަޅު ތިން ބިދޭސީ ކުޅުންތެރިން ތިބުމުން ފެނުނީ ފޯރިގަދަ މެޗުތަކެކެވެ. ބައެއް ޓީމުތަކުގައި ތިބި ބިދޭސީ ކުޅުންތެރިންނަށް އަނިޔާވެގެންދިޔައިރު، ދެން ތިބި ޓީމުތަކުގައި ތަފާތު ދެއްކީ ބިދޭސީ ކުޅުންތެރިންނެވެ.

"މީގެ ކުރިން އަސްލުގައި ހަތަރު ޓީމު މި އިންނަނީ، ދެން ހަތަރު ޓީމުގައި މި އިންނަނީ ރަނގަޅަށް ކުޅެވޭ ދެ ސެޓަރުން ކަހަލަ ގޮތަކަށް، މިހާރު، އަސްލު ސެޓަރުންގެ ކުޅުން ރަނގަޅުވީމަ ކުޅުން އެބަފެނޭ. އެހެންވީމަ އަޅުގަނޑަށް ހީވާ ގޮތުން މިއީ ރަނގަޅު ބަދަލެއް. ހުރިހާ މެޗެއްގައި ވެސް އަސްލު މިިދިޔައީ، ނުނިމެނިސް ނަތީޖާ ބުނެލަން ނޭނގޭ ކަހަލަ ގޮތަކަށް. މި ހަމަ ރަނގަޅު ބަދަލެއް ހެން އަޅުގަނޑަށް ހީވަނީ،" މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ މި ފޯމެޓާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ނަލަ ހުސެއިން ބުންޏެވެ.

މި ފޯމެޓް މި ގޮތަށް އޮތުމުން ދިވެހި ކުޅުންތެރިންނަށް ކުޅެލަން ލިބޭ ފުރުސަތު މަދުކަމަށް ބައެއް މީހުން ބުނާއިރު، މީގެ އޮތް ނެގެޓިވް ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން ނަލަ ހުސެއިން ބުނީ "ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނާނެ ކަމަށާއި އޭނާ ވިސްނާ ގޮތުގައި މިއީ ރަނގަޅު ބަދަލެއް" ކަމަށެވެ.

އެސޯސިއޭޝަން ކަޕަށް ފަހު ގައުމީ ލީގު ފަށާނީ ހޮނިހިރު ދުވަހު ހަވީރު އެވެ. މި ފަހަރު ލީގުގައި ކުޅޭނީ އެއް ބުރެވެ. ގަދަ ހަތަރެއް ހޮވޭނީ ގައުމީ މުބާރާތަށެވެ.