Advertisement

ފީފާ ވޯލްޑް ކަޕްގެ ޓީމުތަކުގެ ސްކޮޑު 26 ކުޅުންތެރިންނަށް އިތުރުކޮށްދީފި

24 ޖޫން 2022 - 09:05 0

އިންގްލެންޑްގެ މެޗެއްގެ ތެރެއިން ކޯޗު ސައުތުގޭޓް އެ ޓީމުގެ ގްރީލިޝް އަށް ބުނެދެނީ.--- ފޮޓޯ: އޭއެފްޕީ


ފީފާ ވޯލްޑް ކަޕްގެ ޓީމުތަކުގެ ސްކޮޑު 26 ކުޅުންތެރިންނަށް އިތުރުކޮށްދީފި

24 ޖޫން 2022 - 09:05 0

ޕެރިސް (ޖޫން 24) - ފީފާ ވޯލްޑް ކަޕަށް ގެންދެވޭ ސްކޮޑު 26 ކުޅުންތެރިންނަށް އިތުރުކޮށްދޭން ނިންމައިފި އެވެ.

މީގެ ކުރިން ފީފާ އިން ނިންމާފައިވަނީ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމަކަށް ގެންދެވޭނީ 23 ކުޅުންތެރިންގެ ސްކޮޑެއް ކަމަށެވެ. ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 23 ކުޅުންތެރިންގެ ސްކޮޑަށް އިތުރު ތިން ކުޅުންތެރިން ހިމަނަން ފުރުސަތު ދޭން ނިންމީ މި ފަހަރުގެ ވޯލްޑް ކަޕް ކުޅެން ޖެހޭ ގޮތުން ކަމަށެވެ.

އެ ގޮތުން ނޮވެމްބަރު 21 އިން ޑިސެމްބަރުގެ 18 އަށް ކުރިއަށްދާ ވޯލްޑް ކަޕަކީ އަހަރެއްގެ ފަހުކޮޅުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު، މުބާރާތް ކުރިއަށްގެންދަން ޖެހެނީ ޔޫރަޕްގެ ވަރުގަދަ ލީގުތައް މެދުކަނޑާލުމަށް ފަހު އެވެ.

ސްކޮޑު އިތުރުކޮށްދޭން ފީފާ އިން ދެން ބެލި އަނެއް ސަބަބަކީ ކޮވިޑް-19 ގެ ހުއްޓުމަށް ފަހު ފުޓްބޯޅަ އަލުން ފެށިއިރު، ރަސްމީ މެޗުތަކުގައި ފަސް ބަދަލު ގެނެވޭ ގޮތަށް ގަވާއިދުގައި ހިމެނުމުން، އެ އަށް އިތުރު ގޮތްތަކެއް ހޯދައިދޭން ސްކޮޑު ބޮޑުކުރުން އެއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ފީފާގެ ޓެކްނިކަލް ޓީމަށް ފެނުމުންނެވެ.

ވޯލްޑް ކަޕެއްގައި ވާދަކުރަން ގެންނަ ސްކޮޑުގައި 23 ކުޅުންތެރިން ހިމަނަން އެންމެ ފުރަތަަމަ ފުރުސަތު ދިނީ 2002 ގައި ޖަޕާނާއި ދެކުނު ކޮރެއާ އިން ވޯލްޑް ކަޕް ހޯސްޓްކުރިއިރު އެވެ. އެ މުބާރާތުގެ ކުރިން ފީފާގެ މުބާރާތްތަކަށް ރަޖިސްޓްރީ ކުރެވެނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

ފީފާ އިން ނިންމާފައިވަނީ ވޯލްޑް ކަޕްގައި މެޗެއްގައި ބެންޗުގައި މި ފަހަރު އިނދެވޭނީ އެއް ފަހަރާ 26 މީހުންނަށް ކަމަށެވެ. އެއީ 15 ކުޅުންތެރިންނާއި 11 އޮފިޝަލުންނަށް ކަމަށާއި އޮފިޝަލުން ތެރޭގައި ޓީމު ޑޮކްޓަރެއް އިނުން ލާޒިމްވާނެ ކަމަށް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ.