Advertisement

ކެޕްޓަން އަޒްޔާންގެ ސެންޗަރީއާ އެކު ރާއްޖެ އަށް މޮޅެއް

24 ޖޫން 2022 - 09:02 0


ކެޕްޓަން އަޒްޔާންގެ ސެންޗަރީއާ އެކު ރާއްޖެ އަށް މޮޅެއް

24 ޖޫން 2022 - 09:02 0

އަންނަ މަހު މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް މުބާރާތަށް ތައްޔާރުވާން ގައުމީ ކްރިކެޓް ޓީމުން މިހާރު ސްރީ ލަންކާގައި ކުރިއަށްގެންދާ ޓްރެއިނިން ޓުއާގައި ކުޅުނު ފުރަތަމަ މެޗުން ލިބަޓީ ސީސީ އަތުން ރާއްޖެ 57 ލަނޑުން މޮޅުވެއްޖެ އެވެ.

މި މެޗުގައި ރާއްޖޭގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ވަނީ 106 ލަނޑު އެއްކޮށްފަ އެވެ. ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އަޒްޔާން ނުކުތް ފުރަތަމަ މެޗުގައި އޭނާ މި ވަނީ ތަފާތު ދައްކައިފަ އެވެ. ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި އަޒްޔާން ވަނީ އިއްޔެގެ މެޗުގައި 10 ފަހަރު ހަތަރަކަށް އަދި ހަތް ފަހަރު ހަޔަކަށް ޖަހައިފަ އެވެ.

ޓުއާގައި ބައިވެރިވާ ގައުމީ ކްރިކެޓް ޓީމު ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.


ކޮލަމްބޯގެ ޕަނަޑޫރާ ޕަބްލިކް ގްރައުންޑްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ލިބަޓީ ޓީމުން ގަސްދުކުރީ ފީލްޑް ކުރުމަށެވެ. ވިހި އޯވަރު ހަމަވިއިރު، ހަތަރު ކުޅުންތެރިން ނުބައިވެގެން ރާއްޖޭން ވަނީ 191 ލަނޑު އެއްކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަޒްޔާންގެ އިތުރުން ދެން ރާއްޖެ އަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ 45 ބޯޅައިން 45 ލަނޑު އެއްކުރި މުހައްމަދު އައްޒާމް އެވެ. އަޒްޔާން 106 ލަނޑު އެއްކުރީ 61 ބޯޅައިންނެވެ.

ރާއްޖޭން ލަންކާގައި މި ކުރިއަށްގެންދާ ޓުއާ އަކީ އަންނަ މަހު 1-12 އަށް މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޓުއާ އެކެވެ. މި ޓުއާގައި އިތުރު ހަ މެޗެއް ކުޅޭއިރު، އަންނަ މަަހު އޮތް މެލޭޝިއާ މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ބޫޓާން އާއި ތައިލެންޑް އެވެ.

ޓުއާގައި ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ މޯޑް އިންޖިނިއަރިން މާސެންޓައިލާ ދެކޮޅަށެވެ. ދެން ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ސްރީ ލަންކަން އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމާއި ޕެނަޑޫރާ ސްޕޯޓްސް ކްލަބާއި ޕްރިންސް އޮފް ވޭލްސް ކޮލެޖްގެ 19 އަހަރުން ދަށުގެ ޓީމާއި އަދި ސްރީ ލަންކަން ނެޝަނަލް ޑެފް ކްރިކެޓް ޓީމާ ދެކޮޅަށެވެ.

ލަންކާ ޓުއާ އާއި މެލޭޝިއާ މުބާރާތުގައި ބައިވެރިވާ ޓީމު:

ޔޫސުފް އަޒްޔާން ފަރުހަތު (ކެޕްޓަން)، އާދަމް ނާސިފް އުމަރު (ވައިސް ކެޕްޓަން)، ހަަސަން އިބްރާހިމް، އަހުމަދު ހަސަން، މުހައްމަދު ރިޝްވާން، ހަސަން ހާޒިގް ރަޝީދު، މުހައްމަދު އައްޒާމް، ލީމް ޝަފީގް، އަލީ އިމާން، އަލީ ޝުނާން، އިބްރާހިމް ރިޒާން، އިބްރާހިމް ނަޝާތު، ރައްސާމް ރަޝީދު، އަމީލް އަހުމަދު މަހުލޫފް، އިސްމާއިލް ނަޒްވާން، މަލިންދަ ވެޑަގޭ

އަހުމަދު ނީޝާމް ނާސިރު (ކޯޗު)، އިމާދު އިސްމާއިލް (ކޯޗު)، އިބްރާހިމް ޝާޒް ހަބީބު (މެނޭޖަރު)