Advertisement

އާއްމު ތަންތަނުގައި ބަޑި ގެންގުޅެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފި

ބަޑި ޖަހައި މީހުން މެރުމުގެ ހާދިސާތައް އެމެރިކާގައި ވަރަށް ބޮޑަށް އިތުރު. -- ފޮޓޯ: ގެޓީ އިމޭޖާޒް


އާއްމު ތަންތަނުގައި ބަޑި ގެންގުޅެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފި

އާއްމު ތަންތަނުގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން ނިއު ޔޯކްގައި ހެދި ގާނޫނަކާ ދެކޮޅަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމުމެއް ނިންމައިފި އެވެ.

ބަޑި ގެންގުޅުމުގެ ހައްގާ ގުޅޭ ގައުމީ ބޮޑު ބަހުސެއް އެމެރިކާގައި ކުރިއަށްދާ މި ދަނޑިވަޅުގައި ސުޕްރީމް ކޯޓުގެ ނިންމުމުގެ ދަަށުން ބަޑި ގެންގުޅުމުގެ ހައްގު އިތުރަށް ފުޅާވެ އެވެ.

ނިއު ޔޯކްގެ އިތުރުން ކެލިފޯނިއާ އަދި ނިއު ޖާޒީ ފަދަ ސްޓޭޓްތަކުގައި ވެސް ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން ގާނޫނުތައް ހުރެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ނިންމުމާ އެކު އެ ސްޓޭޓްތަކުގައި ވެސް އެފަދަ ގާނޫނުތައް އުވި، ގާނޫނީ ހުރަހެއް ނެތި ފަސޭހަކަމާ އެކު ބޭރު ތެރޭގައި ބަޑި ގެންގުޅެވޭނެ އެވެ.

ނިއު ޔޯކްގައި ތަންފީޒު ކުރަމުން ދިޔަ ގާނޫނުގައިވާ ގޮތުން އާއްމު ތަންތަނުގައި ބަޑި ގެންގުޅެވޭނީ މަގްބޫލް ސަބަބެއް އޮވެގެންނެވެ. ނަމަވެސް ނުވަ ފަނޑިޔާރުން ހިމެނޭ ބެންޗުން ހަ ފަނޑިޔާރުން ބުނީ އެއީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށެވެ.

ފަނޑިޔާރު ކްލެރެންސް ތޯމަސް ވިދާޅުވީ އާއްމު ތަންތަނުގައި އަމިއްލަ ދިފާއީ ބޭނުމަށް "އާާއްމުކޮށް ބޭނުން ކުރާ ބަޑި" ގެންގުޅުމުގެ ހަައްގު އެމެރިކާގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.

ދާދި ފަހުން ބަޑި ހިފައިގެން ހުރި މީހަކު ވަނީ ޕްރައިމެރީ ސްކޫލެއްގެ ތެރެއަށް ވަދެ ގިނަ އަދަދެއްގެ ކުދިންނާއި ދެ ޓީޗަަރުން މަރާލައިފަ އެވެ. އޭގެ ކުރިން މޭ މަހު ވެސް ނިއު ޔޯކްގެ ފިހާރައެއްގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އިއުލާން ކުރި، ސެނެޓުން ދަނީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ގާނޫނުތައް ހަރުކަށި ކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ.

އެމެރިކާގެ ގަން ވަޔަލެންސް އާކައިވްގެ ތަފާސްހިސާބް ދައްކާ ގޮތުން މި އަހަރު އެކަނިވެސް އެ ގައުމުގައި އާއްމު ތަންތަނުގައި ބަޑި ޖެހުމުގެ 214 ހާދިސާ ހިނގާފައިވެ އެވެ.