Advertisement

ބޮޑުފިނޮޅުގައި މަސައްކަތްކުރި 46 ބިދޭސީންނަށް ފަސް މަހުގެ މުސާރަ ދޭން ޓްރަބިއުނަލުން އަމުރުކޮށްފި

23 ޖޫން 2022 - 22:02 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބޮޑުފިނޮޅުގައި ތިބި ބައެއް ބިދޭސީންގެ މައުލޫމާތު ކަށަވަރުކުރަން އިކޮނޮމިކް މިނިސްޓްރީގެ ޓީމެއް މަސައްކަތްކުރަނީ. ފޮޓޯ: ސިމްވާ/ޓްވިޓާ


ބޮޑުފިނޮޅުގައި މަސައްކަތްކުރި 46 ބިދޭސީންނަށް ފަސް މަހުގެ މުސާރަ ދޭން ޓްރަބިއުނަލުން އަމުރުކޮށްފި

23 ޖޫން 2022 - 22:02 0

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ބޮޑުފިނޮޅުގައި މަސައްކަތް ކުރި 46 ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި، އެ މުވައްޒަފުންނަށް ފަސް މަހުގެ މުސާރަ ދިނުމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލުން އާރުއައިއެކްސް ކުންފުނީގެ މައްޗަށް އަމުރުކޮށްފި އެވެ.

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައިވަނީ ހިލޭ ގާނޫނީ އެހީ ފޯރުކޮށްދޭ، ޕަބްލިކް އިންޓްރެސްޓް ލޯ ފާމް (ޕީއައިއެލްސީ) އިންނެވެ.

ޕީއައިއެލްސީން 2020 ވަނަ އަހަރުގެ ޖުލައި މަހު ޓްރައިބިއުނަލަށް ހުށަހެޅީ 199 ބިދޭސީންނާއި ދެ ދިވެހި މުވައްޒަފުންނަށް އެ ކުންފުނިން މުސާރަ ދީފައިނުވާތީ އެވެ. މި މައްސަލަ ކުރިއަށް ދަނިކޮށް، އާރުއައިއެކްސް ކުންފުނިން 76 މުވައްޒަފެއްގެ މުސާރަ ދީ، މައްސަލަ ހައްލުކުރި ކަމަށް ޕީއައިލްސީން ބުންޏެވެ.

މުސާރަ ނުލިބި ބާކީ ތިބި 46 ބިދޭސީ މުވައްޒަފުންގެ ފަސް މަހުގެ މުސާރައަށްވާ 35000 ރުފިޔާ އާއި ކޮއްތު ފައިސާއަށް 6000 ރުފިޔާއާއެކު، ޖުމްލަ 41،000 ރުފިޔާ ކޮންމެ މީހަކަށް ދިނުމަށް ޓްރައިބިއުނަލުން އާރުއައިއެކްސްގެ މައްޗަށް އަމުރު ނެރެފައިވަނީ 45 ދުވަސް ތެރޭގައި ދިނުމަށެވެ.

މުސާރަ އާއި ދޭން ޖެހޭ އެހެނިހެން ފައިސާ ނުދިނުމުގެ ސަބަބުން 2020 ވަނަ އަހަރު އެ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގައިފައިވެ އެވެ.

ބޮޑުފިނޮޅުގައި ވީ ކިހިނެތް؟

ޖުލައި 2، 2020 ވަނަ ދުވަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އެރަށުގައި މަސައްކަތްކުރާ ދިވެހިންތަކެއް ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓުތަކެއް ލިބިގެން ފުލުހުން އެރަށަށް އެ ދުވަހު ދިޔަ އެވެ. އެ ރަށުން ފުލުހުންނާއި ކުރިމަތިލީ ގިނަ އަދަދެއްގެ ބިދޭސީންތަކެކެވެ.

އެމީހުން ދިޔައީ އެމީހުންނަށް ލިބެން ޖެހޭ އެތައް މަހެއް މުސާރައެއް ނުލިބު ހުރި ކަމުގެ ޝަކުވާތަކާ އެކު އެ މީހުންގެ ކުންފުނީގެ އިސްވެރިންނާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އަދި މުސާރަ ލިބުމުން ނޫނީ ރަހީނުކޮށްފައި ތިބި ދިވެހިން ދޫކޮށްނުލާނެ ކަމަށް ވެސް ބިދޭސީން ބުނަމުންދިޔަ އެވެ. އެހިސާބުން ފުލުހުންނާއި ބިދޭސީންނާދެމެދު ކުރިމަތިލުންތަކެއް ހިނގައި، ފުލުހުން އެންމެ ފަހުން އެރަށުން ފޭބި އެވެ. ފުލުހެއްގެ ބޯ ފަޅައިގެން ދިޔައީ ވެސް އެ ވަގުތު ހިނގައިދިޔަ ހަމަނުޖެހުންތަކުގަ އެވެ. އެ ރަށުގައި ތިބި 200 އެއްހާ ބިދޭސީން ދިޔައީ އޭރު ރަށުގައި ހުރި މުދަލަށް ގެއްލުންދެމުންނެވެ.

އޭގެ ފަހުން ވެސް ފުލުހުން އެރަށަށް އަރަން މަސައްކަތް ކުރިނަމަވެސް އެކަން ނާކާމިޔާބުވި އެވެ. އަދި ބޮޑުފިނޮޅާ ޖެހިގެން އޮންނަ ބ. އަތޮޅުގެ ބައެއް ރަށްރަށުން ބައެއް ދިވެހިން ވެސް އެރަށަށް އަރަން މަސައްކަތްކުރި އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާއި ހަމަނުޖެހުން އިތުރުވެދާނެތީ ފުލުހުން އެކަމަށް ހުއްދަ ދީފައެއް ނުވެ އެވެ.

އެންމެ ފަހުން ފުލުހުން އެ ރަށަށް އަރައި ހަމަނުޖެހުން މައިތިރި ކުރީ ޖެހިގެން އައި ހުކުރު ދުވަހުގެ ހެނދުނު އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރީ މާލެއިން ގިނަ އަދަދެއްގެ ފުލުހުން އެރަށަށް އަރަ އެވެ. ނަމަވެސް ހަމަނުޖެހުން މައިތިރި ކުރުމުގައި އިތުރު އެއްވެސް މީހަކަށް އަނިޔާނުވާކަން ފާހަގަކުރެވެ އެވެ.

އެ މައްސަލައިގައި ޖުމްލަ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭގެ ތެރޭގައި ހަމަނުޖެހުމުގެ އެންމެ އިސްކޮށް އުޅުނު މީހުން ހިމެނެ އެވެ. އެ އެންމެން ރާއްޖެ އެތެރެކޮށް މަސައްކަތް ކުރުވާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ތަހުގީގުގެ ހޯދުންތަކުން ދައްކަ އެވެ.

އެމީހުން ރާއްޖެ އެތެރެކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެއްކަމުގައިވާ އާރުއައިއެކްސް ކުންފުނީގެ ދަށުންނެވެ. އެ ކުންފުނިން ވަނީ ބިދޭސީންނަށް އެތައް މަހެއްގެ މުސާރަ ނުދީ އޮތް ކަމަށް ފަހުން ބުނެފަ އެވެ.

ނަމަވެސް އެއީ އެ މަޝްރޫއު އެމީހުންނަށް ހަވާލުކުރި ކޮންޓްރެކްޓަރުން ސީލް ކުންފުނިން އާރުއައިއެކްސްއަށް ދޭން ޖެހޭ ފައިސާތަކެއް ނުދިނުމުން ވީ ގޮތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް, އެކަން ސީލްއިން ވަނީ ދޮގުކޮށްފަ އެވެ.

އެ މައްސަލައިގައި ހިއުމަން ޓްރެފިކިންގެ ތުހުމަތާއެކު މެމްބަރު ރިޒާގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާގަ އެވެ.