Advertisement

ޑިމާންޑު ބޮޑުވެ، އީދު ބަންދަށް މޯލްޑިވިއަންއިން އިތުރު ފްލައިޓުތަކެއް

23 ޖޫން 2022 - 17:47 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މޯލްޑިވިއަންގެ ފްލައިޓެއް: އިތުރު ފްލައިޓުތަކެއް އެޅުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައި--


ޑިމާންޑު ބޮޑުވެ، އީދު ބަންދަށް މޯލްޑިވިއަންއިން އިތުރު ފްލައިޓުތަކެއް

23 ޖޫން 2022 - 17:47 0

މިއަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިތުރުވެފައިވާތީ، ބައެއް ސަރަހައްދުތަކަށް އިތުރު ދަތުރުތަކެއް ގައުމީ އެއާލައިން މޯލްޑިވިއަނުން ތާވަލްކޮށްފި އެވެ.

އެގޮތުން، މި މަހުގެ 28 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހު މާލެއިން އައްޑޫއަށް އިތުރު ފްލައިޓުތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އަދި، މި މަހުގެ 26 ވަނަ ދުވަހު ވެސް ހަތަރު ސަރަހައްދަކަށް ދަތުރުތައް ވަނީ އިތުރުކޮށްފަ އެވެ. އެ ދުވަހު މާލެއިން ށ. ފުނަދުއާއި ހއ. ހޯރަފުއްޓަށް ދަތުރުކުރާނެ އެވެ. އޭގެ އިތުރުން މާލެއިން ތ. ތިމަރަފުއްޓަށާއި ލ. ކައްދޫއަށް ވެސް އިތުރު ފްލައިޓުތަކެއް އެ ދުވަހު އޮންނާނެ އެވެ.

ހަމައެހެންމެ، ބ. ދަރަވަންދޫގައި "މަގޭ އީދު" ގެ ނަމުގައި ފާހަގަކުރުމަށް ނިންމާފައިވާ އީދު ހަރަކާތްތަކަށް ހާއްސަކޮށްގެން، ދަރަވަންދޫއަށް ހާއްސަ ދަތުރުތަކެއް ކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ. އެ ފްލައިޓް އޮތީ ޖުލައި ފަސްވަނަ ދުވަހަށެވެ.

މީގެ އިތުރުން، ޑިމާންޑު އޮންނަ މިންވަރަށް ބަލައި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 އަށް ދަތުރުތައް އިތުރު ކުރަމުން ގެންދާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން އަތޮޅުތެރޭގެ 14 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެ ހުރިހާ ސަރަހައްދަކަށް ކަހަލަ ގޮތަކަށް އީދު ބަންދަށް ޓިކެޓުތައް އުޅެނީ ފުލްކޮށެވެ.

ބޮޑު އީދުގެ ދިގު ބަންދު

ކުރިއަށް އޮތް ހައްޖު ދުވަހާއި ބޮޑު އީދާއެކު ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ. ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ބަންދު ކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީ ބަންދު ދުވަހެކެވެ. ރައީސް ވަނީ އެ ދެ ދުވަހާ ޖެހިގެން އަންނަ 28 ވަނަ ދުވަސް ބަންދު ކުރުމަށް ނިންމަވާފަ އެވެ. އެއީ ބުރާސްފަތި ދުވަހެކެވެ.

މިއާއެކު ޖުލައި މަހުގެ ހަފުތާ ބަންދު ދުވަސްތައް ހިމަނައިގެން ޖުމުލަ 18 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ލިބެ އެވެ. އެހެންކަމުން މިއީ، މިހާތަނަށް އެއްމަހެއްގައި އެންމެ ގިނަ ސަރުކާރު ބަންދު ދުވަސް ލިބޭ އަހަރަށް ވެގެން ދާނެ އެވެ.

ޖުލައި މަހުގެ މި ބޮޑު ބަންދު ދިމާވަނީ ދިރާސީ އަހަރުގެ ވެސް ބޮޑު ބަންދާ އެވެ. އެގޮތުން, ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޖޫން މަހުގެ 30 ވަނަ ދުވަހު ފެށޭއިރު އެ އަލުން ސްކޫލްތައް ހުޅުވޭނީ އޯގަަސްޓް މަހުގެ ހަތް ވަނަ ދުވަހު އެވެ.

ސަރުކާރުގެ މިނިންމެވުމުގެ ސަބަބުން ސްކޫލް ކުދީންގެ އަހަރީ ޗުއްޓީގައި އެކުދީންނާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ބެލެނިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެވެ.

ދަރިިވަރުންގެ އަހަރީ ޗުއްޓީ ޖުލައި މަހަށް ބަދަލުކުރުމަކީ ރިސޯޓު މުވައްޒަފުންނަށް އާއިލާއެކު ހޭދަކުރުމަށް ލިބޭ ފުރުސަތު އިތުރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި އަހަރުން ފެށިގެން ތައުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލެކެވެ.