Advertisement

އިންޑިއާގައި ބޭންކުތަކަކަށް މަކަރު ހަދައި 4.4 ބިލިއަން ޑޮލަރު ހޯދި މައްސަލައެއް

އިންޑިއާ ރުޕީޒް.


އިންޑިއާގައި ބޭންކުތަކަކަށް މަކަރު ހަދައި 4.4 ބިލިއަން ޑޮލަރު ހޯދި މައްސަލައެއް

މުމްބާއީ، އިންޑިއާ (ޖޫން 23) - އިންޑިއާގައި 17 ބޭންކަކަށް މަކަރު ހަދައި 4.4 ބިލިއަން ޑޮލަރު ހޯދި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނީ ބުދަ ދުވަހު މުމްބާއީގެ 12 ތަނެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މުހިއްމު ލިޔުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވެނީ ދެވަން ހައުސިން ފައިނޭންސް ލިމިޓެޑް (ޑީއެޗްއެފްއެލް) އަދި ކަޕިލް އާއި ދީރަޖް ވަދަވަންގެ ދެބެއިންނަށެވެ. އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ.

ބޭންކުތަކަށް މަކަރު ހެދި މައްސަލައިގެ އިތުރުން ވެސް އެ މީހުންނާ ގުޅޭ މަކަރާއި ހީލަތް ހަދައިގެން އެތައް ބިލިއަން ޑޮލަރު ހޯދުމުގެ ގިނަ މައްސަލަތަކެއްގެ ތަަހުގީގު ދަނީ ކުރިއަށެވެ.

ކުންފުނީގެ ނަން ހާމަނުކޮށް، ސީބީއައިއިން ބުނީ ކުންފުންޏަކާއި އެ ކުންފުނީގެ ވެރިން ބޭންކުތަކަކަށް މަކަރު ހަދައި 346.15 ބިލިއަން ރުޕީޒް ނުވަތަ 4.4 ބިލިއަން ޑޮލަރު ހޯދާފައިވާ ކަަމަށެވެ.

އެ ކުންފުނިން ވަނީ "ވުޖޫދުގައި ނެތް ކުންފުނިތަކާއި ޝެލް ކުންފުނިތަކުގެ ނަމުގައި" ބޮޑެތި ވިޔަފާރި ލޯނު ނަގާފައި ކަމަށް ސީބީއައިއިން ބުންޏެވެ.

އޭގެ އިތުރުން އަމިއްލަ ބޭނުމަށް ފައިސާ ތަފާތު އެކައުންޓްތަކަށް ޑައިވާޓްކޮށް، ވަގު މުއާމަލާތްތައް ފޮރުވަން ހިސާބުތައް އޮޅުވާލައިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގައި ވަދަވަންގެ ދެބެއިން އަދި ޑީއެފްއެޗްއެލް ކުންފުނިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

މީގެ ކުރިން އިންޑިއާގައި މަކަރާއި ހީލަތުން މިހާ ބޮޑު އަދަދެއްގެ ފައިސާ ހޯދީ، އޭބީޖީ ޝިޕްޔާޑް ކުންފުނިންނެވެ. މިދިޔަ ފެބްރުއަރީ މަހު ފެންމަތިވި އެ މައްސަލައިގައި ތިން ބިލިއަން ޑޮލަރު ހިމެނެ އެވެ.

އޭގެ ކުރިން 2018 ވަނަ އަހަރު ޖަވާހިރު ހެދުމުގައި މަޝްހޫރު ނިރާވް މޯދީ ވަނީ ބޭންކްތަކަށް އޮޅުވާލައިގެން ދެ ބިލިއަން ޑޮލަރު ހޯދާފަ އެވެ.