23 ޖޫން 2022 - 09:53 0
ފަތުހުﷲ އަހުމަދު ރަޝީދު
23 ޖޫން 2022 - 09:53 0
ލޯ ހުޅުވާލެވުނީ ގަދަކަމުންނެވެ. އޭރު މަންޒަރު ހުރީ ފުސްވެފަ އެވެ. ސާފެއް ނުވެ އެވެ. އެއްވެސް ތަނެއް ވަތްކެއް ނުވެ އެވެ. ރީތިކޮށް އެއްވެސް ތަނެއް ނުފެނެ އެވެ. އެހެންވެ ދެ ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. ކޮންމެވެސް ވަރަކަށް މަންޒަރު ސާފުވަމުން ދިޔަ އެވެ. ދެތިން ފަހަރަކު އެހެން ހަދައިލީމެވެ. އެއާއެކު މުޅި މަންޒަރު ސާފުވި އެވެ.
އަހަންނަށް ކުރެވެމުން ދިޔައީ ވަރުބަލި ކަމުގެ އިހުސާސެކެވެ. މީހާ ވަނީ ލޮޑުވެފަ އެވެ. ނޭވާ ވަނީ ކުރުވެފަ އެވެ. ހީވަނީ ގުނބުހިލިފައިވާ ހެންނެވެ. ހީވަނީ ބުރަ މަސައްކަތެއް ކޮށް ނިންމާލެވުނު ހެންނެވެ. އެތެރެއަށް ނޭވާ ދަމާލެވުނު އިރަށް ފާޑެއްގެ ވަހެއް ދުވާހެން ހީވާން ފެށި އެވެ. އެހެންވެ އަނެއްކާ ވެސް ނޭވާ ދަމައިލެވުނެވެ. ހީވީ ހަމަ ރަނގަޅަށެވެ. ނޭފަތުގައި އެ ވަސް ހަރުލި އެވެ. މަޑުމަޑުން ސިކުނޑިއާ ހަމައަށް އެ ވަހުގެ އަސަރު ދަތުރު ކުރި އެވެ. އެއީ ރޯ ލޭގެ ވަހެވެ.
އަހަންނަށް ބަލައިލެވުނެވެ. ލޮލުގައި އަޅައިގަތީ މުށިގަނޑުމަތީ ގައި ހުރި ހުދުކުލައިގެ ދޫނި ފަތްތަކެކެވެ. އެ ފަތްތަކުގައި ވަނީ ހުސް ލެޔެވެ. ބައެއް ފަތްތައް އެއްކޮށްވަނީ ލެއިން ކަޅިވެފަ އެވެ.
މުށިގަނޑު މައްޗަށް ބަލައިލެވުނީ ވެސް އެހައި ހިސާބުންނެވެ. ހުލިވެފައިވާ އުއްބައްތިތަކުގެ ބުޑުތައް މުށިގަނޑުމަތީގައި ތަރުތީބެއް ނެތި ހުއްޓެވެ. މުށިގަނޑު މަތީގައި ހުރީ މުޅިން ވެސް ލެޔާއި ދޫނި ފަތެވެ. ފަތާއި ލެޔާއި އެކުވެ ގެށި ވެށިފަ އެވެ. ހީވަނީ ބޮޑު ހަނގުރާމައެއް ކޮށް ނިންމާލައިފައި އޮތް މައިދާނެއް ހެންނެވެ.
ބޯ އަރިކޮށްލުމަށްފަހު ބަލައިލެވުނީ މީހެއްގެ ނޭވާގެ އަޑު އިވޭތީ އެވެ. ލޮލުގައި އަޅައިގަތީ މީހެއްގެ ފައިގެ ހުދުހަމެވެ. ދަށްފުށެވެ. އޭނާ އޮތީ އަހަންނަށް ދެފައިގެ ދަށްފުށް ފެންނާނެ ހެން މުށިގަނޑު މަތީގަ އެވެ. އެހެންވެ އަހަންނަށް ފެންނަނީ ހަމައެކަނި އޭނާގެ ދެފައިގެ ހުދުހަމެވެ.
މަޑުމަޑުން ބޯ ހިއްލައިލުމަށްފަހު އެއީ ކާކުތޯ ބަލައިލާ ހިތްވި އެވެ. ފާޑެއްގެ ބިރުވެރި އިހުސާސެއް ކުރެވެމުން ދިޔަ އެވެ. ޔަގީންވީ އެއީ ފިރިހެނެއް ކަމެވެ. އެ މީހާގެ ފައިން ފެށިގެން އޭނާގެ މޫނަށް ނަޒަރު ހިންގައިލެވުނީތީ ފާޑަކަށް ލަދު ވެސް ގަންނާން ޖެހުނެވެ. އޭނާ އޮތް ހާލަތު ފެނިފަ އެވެ. ނިވާކަމެއް ނެތި މުށިގަނޑު މަތީގައި އޭނާ އުއްޑުން އެ އޮތީ ކީއްވެ ހެއްޔެވެ؟ އޭނާގެ މުޅި ގައިގައި ދޫނި ފަތާއި ލޭ އެ ހުރީ ކީއްވެ ހެއްޔެވެ؟
އަހަރެންގެ ހާލަތާ މެދު ވިސްނައިލާން ޖެހުނީ އޭނާ އޮތް ގޮތް ފެނިފަ އެވެ. އަމިއްލަ ހަށިގަނޑަށް ބަލައިލެވުނެވެ. ދެ ލޯ ބޮޑުވި އެވެ. މި ހުރިހާ އިރު އޮވެވުނީ މިހެން ހެއްޔެވެ؟ ކުރިމަތީގައި ނިދިފައި އޮތް މީހާއަށް ހިތާހިތުން ފާޑު މި ކިޔުނީ އަމިއްލަ ހާލަތާ މެދު ވިސްނައިލުމެއް ނެތި އެވެ.
މުޅި ހަށިގަނޑަށް ނަޒަރު ހިންގައިލެވުނެވެ. ގައިގައި ވަނީ ދޫނި ފަތެވެ. އަތްދަނޑިއާއި ބަނޑުގައިވަނީ ލޭ އުނގުޅިފައިވާ އަތަކުން ފިރުމާފައިވާ ނިޝާންތަކެވެ. ޔަގީން ކުރެވުނީ ކުރިމަތީގައި އެ އޮތް މީހާ އަހަންނަށް ގޮތެއް ހަދައިފި ކަމެވެ.
ހިތަށް ވެރިވަމުން ދިޔަ ރުޅިވެރި އިހުސާސްތައް ބޭރުކޮށްލާން ހިތަށް އެރި އެވެ.
"ލިއަމް." އަހަންނަށް ބާރުބާރަށް ބުނެލެވުނެވެ.
"ލިއަމެއް ނޫނޭ މައްސަލައަކީ." އަހަރެންގެ ކަންބޮޑުވުމަށް ޖަވާބު ދިނީ ޔަޒީދެވެ.
މި ހުރިހާ އިރު މި ބެލުނީ ޔަޒީދު ކިޔައިދިން ވާހަކަތަކުގެ އަސްލު މަންޒަރެވެ. ސިކުނޑީގައި ކުރެހުނީ އެ މަންޒަރުތަކެވެ. އެ ހިޔާލުތަކެވެ.
"ދެން؟" އަހަންނަށް ބަލައިލެވުނީ ޔަޒީދުގެ މޫނަށެވެ.
"އެ ދުވަހު ވެސް ހުރިހާ ކަމެއް ރޭވީ ހަމަ ހަބީބު." ޔަޒީދު ވަރަށް ސާބިތު ކަމާއެކު ބުނެލި އެވެ.
"ދޮގު." އަހަންނަށް ގަބޫލެއް ނުކުރެވުނެވެ.
"މިޒޫއަށް އަދިވެސް ހަބީބަކީ ކާކުކަން ނޭނގެނީއޭ. ދެން މި ޖެހުނީ އެ ހުރިހާ ކަމެއް ވެސް އަކުރުން އަކުރަށް ކިޔައިދޭން." ޔަޒީދު ރުންކުރު ރާގެއްގައި ބުނެލި އެވެ.
އޭނާ ވާހަކަ ފެށި އެވެ. އެރޭގެ ހާދިސާގައި ހަބީބު ކަންތައް ކުރި ގޮތެވެ. އަހަރެން ޝަކުވާ ކުރުމުން ވެސް އެއީ މައްސަލައެއް ކަމަށް ނުބަލާ ހަބީބު އެކަން އޮއްބާލި ގޮތެވެ. ލިއަމްގެ އުނދަގޫ ބޮޑުވުމުން ވެސް އެއީ މައްސަލައެއް ނޫންކަމަށް ބުނެ އެކަން ވެސް ދޫކޮށްލި ގޮތެވެ.
"ފަހުން ފާޅުގައެއްނު ލިއަމް މިޒޫއާ ދިމާކުރާން ފެށީ. އެއީ ހަމަ ހަބީބުގެ ރޭވުން. އޭނާ ބޭނުންވެގެން، ބުނެގެން ކުރި ކަންކަން." ޔަޒީދު ބުނެލި އެވެ.
"ކޮބައިތަ ބޭނުމަކީ؟" އަހަންނަށް ބުނެލެވުނެވެ.
"ލާރި. ފައިސާ." ޔަޒީދު ކޮޅަށް ތެދުވި އެވެ.
އޭނާގެ ހަރަކާތްތަކަށް ބަލަން އަހަންނަށް އިނދެވުނީ އެވެ. އޭނާ މަޑުމަޑުން ދިޔައީ އައިސްއަލަމާރިއާ ދިމާއަށެވެ. އަލަމާރިން ފެންފުޅިއެއް ނަގައިގެން އޭނާ އައިސް އަހަންނަށް ދިއްކޮށްލި އެވެ. ޔަޒީދުގެ ހަރަކާތުން ބުނެދިނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގުނެވެ. ވިސްނުނެވެ. އެހެންވެ ފުޅީގައި ހިފައި މަތި ނަގައި ފެންކޯވަރެއް ބޮއެލީމެވެ.
"ޔަޒީދަށް ތި ހުރިހާ ކަމެއް އެނގުނީ ކިހިނެއް؟" އަހަރެންގެ ބޮލަށް ގިނަވަމުން ދިޔަ ސުވާލު އެންމެ ފަހުން ދުލާ ހަމައަށް ތިލަވި އެވެ.
"ކުރިން ވެސް ބުނެފިން ދޯ ބޭނުން."
"ނޭނގުނު."
"އަހަރެން ބޭނުންވަނީ މިޒޫ ތި ދަންމަޅިން ސަލާމަތްކޮށްދޭން. ތިޔަ އަނދަވަޅުން މިންޖުކޮށްދޭން." ޔަޒީދު ހުއްޓައިލި އެވެ.
"ބަދަލުގައި އަހަންނަށް ދެވޭނެ އެއްވެސް އެއްޗެއް ނެތެއްނު." އަހަންނަށް ލަސްލަހުން ބުނެލެވުނެވެ.
"މިއީ ބަދަލަކަށް ކުރާކަމެއް ނޫން. މިއީ އަހަންނަށް ކުރާން ލާޒިމުކަމެއް. ބަދަލު ލިބޭނީ މިޒޫގެ ފަރާތަކުން ނޫން." ޔަޒީދު ރުންކުރު ރާގެއްގައި ބުނެލި އެވެ.
އަހަންނަށް ލޮލަށް ގޮތެއް ހަދައިލެވުނެވެ. ލަސްލަހުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އެހައި ހިސާބުން އެ މައުލޫ ނިންމާލަންވީއޭ ހިތަށް އެރި އެވެ. ނަމަވެސް، ޔަޒީދުގެ ބޭނުން ސާފު ނުވާތީ އަދިވެސް ސުވާލު ކޮށްލާ ހިތްވަނީ އެވެ.
"ހަބީބު އެ ވަނީ މީހެއްގެ ހައްގަކަށް އަރައިގެންފަ. މި ހުރިހާ ކަމެއް ކޮށްދެނީ، މި ހުރިހާ ހަރަދެއް ހަމަޖައްސާދެނީ އޭނާ. އޭނާ ބޭނުން ވަނީ.." ޔަޒީދު ހުއްޓައިލި އެވެ.
"ކޮން ކަމެއް؟" އަހަންނަށް އަހައިލެވުނެވެ.
"މި ޑީލެއް. އެއްބަސްވުން ނުވަތަ ނުވުން މި އޮތީ؟" ޔަޒީދު ބުނެލި އެވެ.
"ބަދަލުގައި؟" އަހަރެން ސުވާލުގެ ނަޒަރުން ބަލައިލީމެވެ.
ޔަޒީދު ހިނިތުންވެލި އެވެ. އެ ހިނިތުންވުމުގައި އެތައް މާނައެއް އެކުލެވޭ ގޮތަށެވެ. އެތައް ވާހަކައެއް ކިޔައިދޭ ފަދަ ބީދައަކުންނެވެ.
"ބުނޭ. ބުނިކަމެއް."
"ކޮބާ ޑީލަކީ؟" އަހަރެން ހިތުގައި އަމިއްލަ އެދުމުގެ ވިންދު ޖަހައިގަތެވެ.
ޔަޒީދު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހަބީބަކީ ކާކުކަން ވަރަށް ސާފުކޮށް ކިޔައިދިނެވެ. އޭނާގެ ބޭނުމަކީ ކޮބައިކަން ވެސް ބުނެދިނެވެ. ޔަޒީދު އެ ދެއްކީ ތެދެއްކަން ސާބިތުކުރާނެ ހެއްކެއް ބޭނުންމެއް ނުވާނެ އެވެ. އޭނާގެ މަގުސަދަކީ ލާރި އެވެ. ފައިސާ އެވެ. އޭގެ ދަހިވެތިކަމުގައި އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ.
"މިޒޫއަކީ އޭނާ ލާރި މޭކު ކުރަން ބޭނުންކުރާ އެއް ޓޫލް." ޔަޒީދު ވަރަށް ސާބިތުކަމާއެކު ބުނެލި އެވެ.
"އެއް ޓޫލް؟ މާނައަކީ؟" އަހަންނަށް އަހައިލެވުނެވެ.
"އާނ! މާލޭގައި ވެސް އޭނާގެ ތި ކަހަލަ އަނތެބެއް އިންނާނެ. އެކަމު އެއީ ޓޫލެއް ނޫން. އެއީ ބޭންކެއް." ޔަޒީދު ނެގީ އަތުގައި އޮތް ފޯނެވެ.
އޭނާ ދައްކާލީ ވީޑިއޯ ކުލިޕެކެވެ. އެއީ ހަބީބާއި އެހެން އަންހެނެއްގެ ކާވެނީގެ ވަލީމާއެވެ. ފަހަތުގައިވާ ފަސްމަންޒަރުގައި ލިޔެފައި އޮތީ ވެސް ކާވެނީގެ ވާހަކަ އެވެ. ކާވެނި ކުރީ ކޮން ބައެއް ކަމާއި ތާރީހެވެ. އަހަންނަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ދައްކާނެ ވާހަކަ ނޭނގުނެވެ.
"އެނގޭތަ މި ކާކުކަން؟" ޔަޒީދު އަހައިލި އެވެ.
"މިއީ ރިސޯޓެއްގެ އޯނަރެއްގެ ދަރިއެއް. ހުރި ހަމައެކަނި އަންހެން ދަރި. ނަމަކީ ނާޝް. ދެން ހުންނާނީ ފިރިހެން ސޮރެއް. އެ ސޮރުވީ ބޭރަށް ކިޔަވަން ގޮސް."
"ދެން؟"
"ހަބީބު މާލެ ގޮސް އުޅެނީ މި މަންޖެއާ އެކު. އެހެންވީމަ މާލެ ދިޔުމަށްފަހު ނުއެއް ގުޅޭނެ. ފޯނެއް ނުނަނގާނެ. އޭނާ މާލެ އެރުމާއެކު ބޯޓުގެ ހުރިހާ ކަމެއް ކުރާން ހުންނާނީ ގާސިމު ކިޔާ މީހަކު ހަމަޖައްސާފަ. އެހައި ހިސާބުން ގާސިމު ބަދަލުވާނީ ހަބީބަށް. އެއީ ނާޝްގެ މުސާރަވެރިއެއް." ޔަޒީދު އޮޅުންފިލުވައިދިނެވެ.
"ދެން ކީއްކުރަން އޭނާ ބޯޓުގައި ދަތުރުކުރަންވީ؟ ތިހާ މުއްސަނދި މީހެއްގެ ދަރިއަކާ އިނދެގެން." އަހަރެން ގާތަށް އައީ ފާޑެއްގެ ރުޅި އެކެވެ.
"ތިތާ މީގަ މައްސަލައަކީ؟" ޔަޒީދު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ނުވިސްނުނު." އަހަންނަކަށް ވެސް ނުވިސްނުނެވެ.
"އާނ! ނާޝްއަށް ވެސް ނުވިސްނިގެން މި ހަނގުރާމައެއް ކުރާން ޖެހުނީ ތިހެންވީމަތާ؟" ޔަޒީދު ބުނެލި އެވެ.
"މާނައަކީ؟" އަހަންނަށް އެހެން ކަމެއް ދޭހަވާން ފެށި އެވެ.
"ހަބީބު ބޭނުންވަނީ ވީހާ އަވަހަށް ކުއްޖަކު ހޯދަން. އެކަމަކު ނާޝް! ނާޝް އެކަމާ އިންކާރު ކުރަނީ."
"އެ ކީއްވެބާ؟"
"ނާޝްއަކީ ދަރިން ނުލިބޭ މީހެއް. އެކަން ހަބީބަކަށް ނޭނގޭ. އެހެންވެ އޭނާ ރުޅި ގަދަވަނީ."
"ދެން؟" އަހަރެންގެ ދެ ލޯ ބޮޑުވި އެވެ.
"ހަބީބަށް މިޒޫ ވެސް މުހިއްމު ވަނީ އެހެންވީމަ. ނާޝްއަށް އެނގޭ ހަބީބު އަސްލު މިޒޫ ދެކެ ވަރަށް ލޯބިވާކަން. ކޮންމެ ގޮތަކަށް އޭނާ ކަންތައް ކުރިޔަސް."
"ލޯބި؟ ކޮން ލޯތްބެއް؟ ލޯތްބަކީ އަނބިމީހާ ވާނުވާ ބެހެއްޓުންތަ؟" އަހަންނަށް ގަބޫލެއް ނުކުރެވުނެވެ.
"ތިއެއް ނޭނގެ. މަށަށް އެނގޭހާ ވެސް ކަމަކީ މިއީ ދެ ދިޔޯގެ ދެމެދުގައި ހިނގާ ހަނގުރާމައެއްކަން. އެއީ މިޒޫއަށް ނޭނގުނަސް މިޒޫއާއި ނާޝްއާ ދެމެދުގެ ހަނގުރާމައެއްކަން." ޔަޒީދު ޔަގީންކަމާއެކު ބުނެލި އެވެ.
"މަ ކޮންކަމެއް ކުރީ؟"
"ހަބީބުގެ ބޯޓުގައި ރޯކޮށްލީ ވެސް ނާޝްގެ އެންގުމަށް. އޭނާ ބޭނުންވެގެން." ޔަޒީދު ފޯނު ނަގައި އަޑު އިއްވާލަ ދިނީ ނާޝްގެ އަޑެވެ.
"ކޮބާ ބޭނުމަކީ؟"
"މިޒޫ ގާތަށް ފަސޭހައިން ނާދެވޭނެ ގޮތް ހެދުން." ޔަޒީދު ބުނެލި އެވެ.
"އޭރުން މަށަށްތަ ދެރަ ލިބޭނީ؟" އަހަންނަށް ބުނެލެވުނެވެ.
(ނުނިމޭ)
Comment