Advertisement

ސިޓީ އާއި ވެމްކޯގެ ފައިނަލް: ދެ ޓީމަށް ވެސް ތާރިހީ ކާމިޔާބެއްގެ އަމާޒެއް

23 ޖޫން 2022 - 10:15 0


ސިޓީ އާއި ވެމްކޯގެ ފައިނަލް: ދެ ޓީމަށް ވެސް ތާރިހީ ކާމިޔާބެއްގެ އަމާޒެއް

23 ޖޫން 2022 - 10:15 0

ބޮޑު ބަދަލަކާ އެކު ރާއްޖޭގެ ވޮލީބޯޅަ ސީޒަން މި ފަހަރު ކުރިއަށްދާއިރު، މިހާތަނަށް ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިފަ އެވެ. ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި މިރޭ ސްޕޯޓްސް ކްލަބް ސިޓީ އާއި ކްލަބް ވެމްކޯ ވާދަކުރާއިރު، މިއީ މި ދެ ޓީމު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ފައިނަލެވެ. ދެ ޓީމަށް ވެސް މި ފައިނަލް ހާއްސަ އެވެ. ދެ ޓީމުގެ ވިސްނުމުގައި ވެސް އޮތީ ކާމިޔާބު ހޯދައި، ތާރީހުގައި ލިޔެލުމެވެ.

ތޭރަ އަހަރު ވޮލީބޯޅައިގައި ހަރަކާތްތެރިވަމުން އަންނަ ސިޓީން މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުން ފުރުސަތު ހޯދީ ހަ ޓީމު ވާދަކުރި ލީގު ބުރުގެ އެއް ވަނަ ހޯދައިގެންނެވެ. ވެމްކޯ ފައިނަލުން ފުރުސަތު ހޯދީ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނި، ޕްލޭއޮފް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ކަޓުވާލުމަށް ފަހު އެވެ.

މި ފަހަރުގެ މުބާރާތުގައި ވެމްކޯ އާއި ސިޓީ ވެސް ބަލިވީ އެންމެ މެޗަކުންނެވެ. ސިޓީ ބަލިވީ ލީގު ބުރުގައި ވެމްކޯ އަތުން 3-1 ސެޓުންނެވެ. ވެމްކޯ ބަލިވީ ލީގު ބުރުގައި ސިފައިން އަތުން ސީދާ ތިން ސެޓުންނެވެ.

ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނީ މިއީ ސިޓީ އަށް ހާއްސަ ފައިނަލެއް ކަމަށާއި އެ ކްލަބް ކުރިއަށް ފިޔަވަޅެއް އެޅުމަށް ބަލާއިރު، މި ތަށި އެ ޓީމުން ހޯދުން މުހިންމު ކަމަށެވެ.

"އަސްލު ހަގީގަތުގައި ތިކޮޅުން ވެސް ފާހަގަކޮށްފައި އިން ގޮތަށް މުބާރާތްތަކުގައި ވާދަކުރަމުން މި ކްލަބް އައިސް 13 އަހަރު ތެރޭ ފުރަތަމަ ފައިނަލަށް އައީމަ، މި ފަހަރު އެބަޖެހޭ މި ފުރުސަތުގެ ބޭނުންހިފޭތޯ ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން، ޓީމުގެ ކުޅުންތެރިން ވެސް ތިބީ މި މެޗުން މޮޅުވާން، އެ ރޫހުގައި،" ނަލަ ހުސެއިން ބުންޏެވެ.

"ސީޒަނުގައި ކުރިއަށް އޮތް މުބާރާތްތަކަށް ދާއިރު، މި މުބާރާތް ރަނގަޅަށް ނިންމާލައިފިނަމަ އެއީ ވަރަށް ބޮޑު ކޮންފިޑެންސަކަށް ވާނެ،"

ލީގު ބުރުގައި ވެމްކޯ އިން ސިޓީ ބަލިކުރި މެޗުގައި ތަފާތު ދެއްކީ، ވެމްކޯގެ އިންޑިއާ ކުޅުންތެރިޔާ، އަޝްވަލް ރާއީ އެވެ. އޭނާ ވަނީ އެ މެޗުގައި އެކަނި 30 ޕޮއިންޓް ހޯދައިފަ އެވެ. ލީގު ބުރުގައި ސިފައިން އަތުން ވެމްކޯ ބަލިވި މެޗުގައި އަޝްވަލް ހިފެހެއްޓުމުގައި ސިފައިން ކާމިޔާބު ހޯދި އެވެ. ސިޓީން ވެސް މިރޭ ޕްލޭން ކުރާނީ އަޝްވަލް އަށް ހާއްސަ ވިސްނުމަކުން ބަލައިގެންތޯ އެހުމުން ނަލަ ހުސެއިން ބުނީ ވަކި ކުުޅުންތެރިއަކަށް ހާއްސަކޮށް ނުބަލާނެ ކަމަށާއި ސިޓީން ވިސްނާނީ އަމިއްލަ ގޭމް ކުޅުމަށް ކަމަށެވެ.

"ސިޓީގެ ވިސްނުމަކީ ސިޓީގެ ގޭމް ކުޅުން، އިންޝާﷲ ސިޓީގެ ރަނގަޅު ކުޅުން ދެއްކިއްޖިއްޔާ މޮޅުވެވޭނެ،" ނަލަ ހުސެއިން ބުންޏެވެ.

ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ފައިނަލަށް އަންނަން ވެމްކޯ އަށް އެންމެ ބޮޑު ބަދަލެއް ގެނުވީ ލީގު ބުރުގައި ސިފައިން އަތުންވީ ބަލި ކަމަށެވެ. އަދި އެ މެޗުގެ އެ ނަތީޖާ އަށް ފަހު އަލުން ފަށައި، ޓީމުން ދައްކަމުން އަންނަ ހިތްވަރު ނިޒާރު ފާހަގަކޮށްފައިވެ އެވެ.

ސިޓީ އަތުން ލީގު ބުރުގައި ވެމްކޯ މޮޅުވެފައި އޮތުން އެއީ ފައިނަލަށް ނުކުންނައިރު، ވެމްކޯ އަށް އޮތް ފަސޭހައެއްގެ ގޮތުގައި ނިޒާރު ވެސް ނުދެކެ އެވެ. ނިޒާރު ބުނީ ސިޓީ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި ވެމްކޯ އިން ފައިނަލުގައި ކުޅެން ޖެހޭނީ ވަރަށް ރަނގަޅަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ.

"ސިޓީ ޓީމަށް ބަލާއިރު، ސިޓީ ޓީމަކީ ވަރަށް ވަރުގަދަ މޮޅު ޓީމެއް. ހާއްސަކޮށް މި މުބާރާތުގައި ވަކި ދަށް ޓީމެކޭ ބުނެވޭ ވަރުގެ ޓީމެއް ނެތް، ހަމަ ކުޅެގެން މޮޅުވާން ޖެހޭނީ. ކުޅެގެން ވަރުގަދަ ފައިޓެއް ދީގެން މޮޅުވެވޭނީ، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަންކަން ރަނގަޅުކުރަން، ވާހަކަ އަކީ ހުރިހާ އެންމެން ދޭ ހިތްވަރާއި ކުޅުންތެރިންގެ މަސައްކަތް މިއީ،" ޕްލޭއޮފްގައި ސިފައިން އަތުން މޮޅުވި މެޗަށް ފަހު ދިން އިންޓަވިއުގައި ނިޒާރު ބުންޏެވެ.

ވެމްކޯގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)


ސިޓީ އާއި ވެމްކޯގެ ކެޕްޓަނުން: ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ދެ ކެޕްޓަނުން

މި ފަަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު މެޗުތަކުގައި ގިނަ ޓީމުތަކުން ބަރޯސާވެފައި އޮތީ ބިދޭސީ ކުޅުންތެރިންނަށެވެ. އިންޑިއާގެ ޕްރައިމް ލީގުގައި ކުޅޭ އެންމެ ވަރުގަދަ 18 ކުޅުންތެރިން ހަ ޓީމުގެ މެދުގައި ބަހައިގެން، ރާއްޖޭގެ ވޮލީ ސީޒަން ކުރިއަށްދާއިރު، ޓީމުތަކުގައި ތިބި ދިވެހި ވޮލީބޯޅައިގެ ވަރުގަދަ ކުޅުންތެރިންނަށް އޮތް ޒިންމާ ވެސް ތަފާތެވެ.

އެ ގޮތުން ފައިނަލް މެޗަށް ނުކުންނައިރު، ކްލަބް ވެމްކޯގެ ކެޕްޓަން، އަދި ގައުމީ ވޮލީ ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ގައުމީ ވޮލީ ޓީމުގެ ވައިސް ކެޕްޓަން، އަދި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)، ވަނީ މިހާތަނަށް ޓީމު އެކުލަވާލުމުގައި ރަނގަޅު ލީޑަޝިޕެއް ދައްކައިފަ އެވެ. ފައިނަލަށް ނުކުންނައިރު، މި ދެ ޓީމުގައި ތިބެ، ކުޑަކާއްޓެ އާއި ހުޒަންޓެގެ ލީޑަޝިޕް ވެސް މިރޭގެ މެޗުގައި ފެނިގެންދާނެ އެވެ. މި ދެ ކުުޅުންތެރިން އެންމެ ފަހުން ލޯކަލް ވޮލީ މުބާރާތެއްގައި ނުކުތީ އެއް ޓީމެއްގެ ޖޯޒީގަ އެވެ.

ވެމްކޯ އާއި ސިޓީގައި ދެން ތިބި ލޯކަލް ކުޅުންތެރިންނަށް ބަލާއިރު، ވެމްކޯގައި އާދަމް ފައިރޫޒް އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި ލިބަރޯ، ޖަވާމް އަލީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

އަނެއްކޮޅުން، ސިޓީގައި ހުސެއިން ޔޫސުފް އާއި ލިބަރޯ، އަހުމަދު ނަބީލް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ސިޓީގެ ކުޅުންތެރިންނަށް އެހީތެރިވުމަށް ބަދަލެއްގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ސިޓީ އާއި ވެމްކޯ ކުޅޭ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.