Advertisement

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަށް ރައީސް ސޯލިހު ރުވާންޑާ އަށް

23 ޖޫން 2022 - 00:26 0

ރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒުނާ ރުވާންޑާއަށް ވަޑައިގަތުމަށްޓަކައި މަތިންދާ ބޯޓަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަށް ރައީސް ސޯލިހު ރުވާންޑާ އަށް

23 ޖޫން 2022 - 00:26 0

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ރުވާންޑާ އަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ ރުވާންޑާގެ ކިގާލީގައި ބާއްވާ ބަދަލުވުމަކީ ރާއްޖެ، ކޮމަންވެލްތާ އަލުން ގުޅުނު ފަހުން ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒުނާ. -- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހުގެ މި ދަތުރުފުޅުން، ޑިމޮކްރަސީ އާއި، އިންސާނީ ހައްގުތަކާއި، ހެޔޮވެރިކަމާއި، ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ސުލުހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައާއެކު، ހާއްސަކޮށް ކޮމަންވެލްތު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ގައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، ހަރުދަނާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދުން ކަމަށް ބުނެ އެވެ.

ބައްދަލުވުމުގެ ހަވާސާގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ރާއްޖެ، ކޮމަންވެލްތުން ވަކިވީ ކޮރަޕްޝަނާއި، އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި ޑިމޮކްރަސީ ނެތިގެންދާ މައްސަލައިގައި ފިއްތުންތައް ރާއްޖެއަށް ކުރިމަތިކުރަމުން ދިއުމާ ގުޅިގެންނެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އަލުން ކޮމަންވެލްތާ ގުޅުނީ ފެބުރުވަރީ 1، 2020 ގަ އެވެ.