Advertisement

ނިޝާނާއި ފަޒްލޫންގެ ދަރުސް ދިނުމުގެ ހުއްދަ ސަސްޕެންޑްކޮށްފި

22 ޖޫން 2022 - 23:42 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޝެއިހު އާދަމް ނިޝާން އާއި ޝެއިހު ފަޒްލޫން މުހައްމަދު-- ފޮޓޯ: އަދަދު/ މުހައްމަދު ޝާބިން


ނިޝާނާއި ފަޒްލޫންގެ ދަރުސް ދިނުމުގެ ހުއްދަ ސަސްޕެންޑްކޮށްފި

22 ޖޫން 2022 - 23:42 2

ޝެއިހު އާދަމް ނިޝާން އާއި ޝެއިހު ފަޒްލޫން މުހައްމަދަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ހޮނިހިރު ދުވަހު ބޭއްވި ހަރަކާތަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އެ ހަރަކާތަށް ހުރަސް އަޅައި މީހުންނާއި ތަކެއްޗަށް ގެއްލުންދީ އަމަން ނަގާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ނިޝާން އާއި ފަޒްލޫން ހިމެނެ އެވެ.

އެ ދެ މީހުންގެ ވެސް ހައްޔަރުކުރީ ކޯޓު އަމަރުގެ ދަށުން މިރޭ އިރައިކޮޅު އެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް ގަލޮޅު ދަނޑުގެ ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ނިޝާނާއި ފަޒްލޫން ބައިވެރިވެ، ވާހަކަ ދެއްކި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިޝާނާއި ފަޒްލޫނަށް ދޫކޮށްފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ހިފަހައްޓާފައި ވަނީ ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާތީ އާއި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ކަމަށެވެ.

ޔޯގާ ހަރަކާތް ހުއްޓުވަން ބޭއްވި އެއްވުމުގައި ޝެއިހު ފަޒްލޫން ވާހަކަ ދައްކަމުން ދާއިރު، ކަނާތް ފަރާތުގައި ނިޝާން ގަނޑެއް ބަލައިގެން އެއްޗެއް ކިޔަނީ. -- ފޮޓޯ: އަދަދު


ޝެއިހް ނިޝާން އާއި ފަޒްލޫނު އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އެ ޕާޓީގެ އެކްޓިވިސްޓު އިބްރާހިމް ރައްޒާން (ތަކަނޭ) ހިމެނޭ ގޮތަށް މިރޭ ފުލުހުން ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަމަ ނުޖެހުމާ ގުޅިގެން ގަލޮޅު ދަނޑު ސަރަހައްދުން ހޮނިހިރު ދުވަހު ހައްޔަރު ކުރި ހަ މީހުންގެ ތަހުގީގަށް ވަނީ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފަ އެވެ.