Advertisement

ލަންޑަަންގެ ނަޖިސް ފެނުގެ ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ފެނިއްޖެ

ޕޯލިއޯއާ ދެކޮޅަށް ބޭނުން ކުރާ ވެކްސިން. -- ފޮޓޯ: ޝަޓާސްޓޮކް


ލަންޑަަންގެ ނަޖިސް ފެނުގެ ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ފެނިއްޖެ

ޖެނީވާ، ސްވިޓްޒަލޭންޑް (ޖޫން 22) - ލަންޑަންގެ ނަޖިސް ފެނުގެ ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ފެނިފައިވާ ކަމަށް އިނގިރޭސި ސިއްހީ އޮފިޝަލުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

އިނގިރޭސިވިލާތުން ޕޯލިއޯ އެއްކޮށް ނައްތާލީ މީގެ 20 އަހަރު ކުރިންނެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގައި އެއްވެސް އިންސާނަކު ހިމެނޭ ޕޯލިއޯ ކޭސްއެއް ފެނިފައެއް ނުވެ އެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނީ "ވެކްސިންގައި ހިމެނޭ ޓައިޕް-2 ޕޯލިއޯ ވައިރަސް އިނގިރޭސި ވެރިރަށުގެ ސަރަހައްދުން ނެގި ސާމްޕަލްތަކުން" ފެނިފައިވާ ކަމަށެވެ.

"މިހާތަނަށް ވައިރަސް ފެނުނީ ތިމާވެށިން ނެގި ސާމްޕަލްތަކުން އެކަނިކަން ފާހަގަކުރުން ވަރަށް މުހިއްމު. އެއާ ގުޅުން ހުރި ވާގިނެތުމުގެ އެއްވެސް ކޭސްއެއް މިހާތަނަކަށް ނެތް."

ނަމަވެސް އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ ޕޯލިއޯ ވައިރަސް ދެމިހުރުމަކީ ކުޑަކުދިންނަށް ނުރައްކަލެއް ކަމަށް ޑަަބްލިއުއެޗްއޯއިން ފާހަގަކުރި އެވެ.

ޕޯލިއޯއަކީ އާއްމުކޮށް އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ނައްތާލަން ފެށި ބޮޑު ކެމްޕެއިންއާ އެކު ގިނަ ގައުމުތަކުން ވަނީ ކޭސްތައް ސުމަކަށް ތިރިކޮށްފަ އެވެ.

މިހާރު އެ ވައިރަސް ފެންނަނީ ހަމައެކަނި ޕާކިސްތާން އަދި އަފްގާނިސްތާނުންނެވެ. ނަމަވެސް ޕޯލިއޯގެ ބަލިކަަށި ވައިރަހެއް ނަގައިގެން އުފެއްދި ވެކްސިނެއް ބޭނުންކުރެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ލަންޑަންގެ 87 ޕަސެންޓް މީހުން ޕޯލިއޯ ވެކްސިން ޖަހާފައިވާ ކަމަށެވެ. ޕޯލިއޯގެ ބަލިކަށި ވައިރަސް ހިމެނޭ ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ބަލި ނުޖެހުނު ނަމަވެސް، އެ މީހުންގެ ފަރާތުން ތަަގައްޔަރުވެފައިވާ ފެން ވެކްސިން ނުޖަހާ ހުރި މީހަކަށް ފޯރައިފި ނަމަ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

އެހެންވެ، ޑަބްލިއުއެޗްއޯއިން ބާރު އަޅަނީ އޯރަލް ޕޯލިއޯ ވެކްސިން (އޯޕީވީ) ބޭނުން ކުރުން ހުއްޓާލައި، ޕޯލިއޯ ވައިރަސް ނުހިމެނޭ ނުވަތަ އިންއެކްޓިވޭޓެޑް ޕޯލިއޯ ވެކްސިން (އައިޕީވީ) ބޭނުން ކުރުމަށެވެ.

އިނގިރޭސިވިލާތުން 2004 ވަނަ އަހަރު އޯޕީވީ ހުއްޓާލާފައި ވާތީ، އޮފިޝަލުން ދެކޭ ގޮތުގައި ލަންޑަންގެ ނަޖިސް ސާމްޕަލަށް ވައިރަސް ފޯރީ، އެހެން ގައުމަކުން އޯޕީވީ ޖެހި މީހެއްގެ ފަރާތުންނެވެ.