Advertisement

އަސާންޖް މިނިވަން ކުރަން ނޫސްވެރިންތަކެއް ގޮވާލައިފި

ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖް މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަސާންޖް މިނިވަން ކުރަން ނޫސްވެރިންތަކެއް ގޮވާލައިފި

ޖެނީވާ، ސްވިޓްޒަލޭންޑް (ޖޫން 22) - އިނގިރޭސިވިލާތުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖް މިނިވަން ކުރުމަށް ނޫސްވެރިންތަކެއް ގޮވާލައިފި އެވެ.

ބައިނަލްއަގްވާމީ ނޫސްވެރިންގެ އަދި ޕަބްލިޝަރުންގެ ޔޫނިއަންތަކަށް ނިސްބަތްވާ 15 މަންދޫބުން ޖެނީވާގެ ސަރަހައްދަކަށް އެއްވެ ގޮވާލީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އަސާންޖް މިނިވަން ކުރުމަށެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ އަސާންޖް މިނިވަންކޮށް، އާއިލާއާ ހަވާލުކޮށް، އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ދޭން،" އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ އިސްވެރިޔާ ޑޮމިނީކް ޕްރަޑަލީ ވިދާޅުވި އެވެ.

އައިއެފްޖޭގެ މެމްބަރުންގެ ގޮތުގައި 140 ގައުމެއްގެ 600،000 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. ޕްރަޑަލީ ވިދާޅުވީ އަސާންޖް މިއަދު މިނިވަން ކުރިޔަސް އޭނާގެ ހަޔާތުން 10 އަހަރު "ވަގަށް ނަގާފައިވާ" ކަމަށެވެ.

އަސާންޖް މިނިވަން ކުރަން ގޮވާލއި ނޫސްވެރިންގެ އެއްވުމެއް ބޭއްވި އިރު، މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން ވަނީ އަސާންޖް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކާ ހަވާލު ކުރުމަށް ހުއްދަ ދޭން ނިންމާފަ އެވެ. އުމުރުން 50 އަހަރުގެ އަސާންޖް ބުނީ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ.

އަސާންޖަށް ގާނޫނީ މައްސަލަތަކާ ދިމާވެ ހައްޔަރު ކުރީ 2010 ވަނަ އަހަރު ވިކިލީކްސްއިން އެމެރިކާގެ ސިއްރު 500،000 ލިޔުން ލީކު ކުރުމުންނެވެ. އެއީ އިރާގާއި އަފްގާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމައާ ގުޅޭ ލިޔުންތަކެކެވެ.

އެމެރިކާއިން ހޯދަަމުންދާ މީހުންގެ ލިސްޓުގައި އަސާންޖް ހިމެނެނީ ޖާސޫސް ކުރުމުގެ ގާނޫނާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެމެރިކާގައި ކުށް ސާބިތުވެއްޖެ ނަމަ 175 އަހަރުގެ ޖަލު ހުކުމެއް އަައުން އެކަށީގެންވެ އެވެ.