Advertisement

ޔޯގާއާ ދެކޮޅު ހަމަނުޖެހުމާ ގުޅިގެން އިތުރު މީހުން ހައްޔަރުކުރަނީ

22 ޖޫން 2022 - 18:55 1

ޔޯހާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމަށް އެހީތެރިވިކަމުގެ ތުހުމަތަށް މުހައްމަދު އިސްމާއީލް ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


ޔޯގާއާ ދެކޮޅު ހަމަނުޖެހުމާ ގުޅިގެން އިތުރު މީހުން ހައްޔަރުކުރަނީ

22 ޖޫން 2022 - 18:55 1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި، ތަންތަނަށް ގެއްލުންދީ މީހުންނަށް އަނިޔާކުރި މައްސަލައިގައި ފުލުހުން މިރޭ ބޮޑު އޮޕަރޭޝަނެއް ހިންގައި މީހުން ހައްޔަރު ކުރަމުން އެބަ ދެ އެވެ.

ފުލުހުންގެ ހާއްސަ ޓެކްނިކަލް ޓީމުތައް ނެރެ ހިންގަމުންދާ އޮޕަރޭޝަނުގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި ޝެއިހު ފަޒްލޫން މުހައްމަދާއި ހޯރަފުށީ ދާއިރާގެ ކުރީގެ ޕީޕީއެމް މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެ އެވެ. އަދި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާން ވެސް ފުލުހުން ވަނީ މިރޭ ހައްޔަރުކޮށްފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކޮށްގެން ގެންދިޔައީ އަލިމަސް ކާނިވަލުގައި ހުންނަ "ލެވެންޑާ" ކެފޭ ތެރޭގައި ތިއްބަ އެވެ. ފަޒްލޫނާއި ރިފާއު ހައްޔަރު ކުރީ އެހެން ދެ ތަނަކުންނެވެ.

ޔޯހާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ފަޒްލޫން ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


އެެ މައްސަލައިގައި އިއްޔެ ހައްޔަރު ކުރި އެހެން ހަ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. ބާކީ ތިބި ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.

ދެ މަހަށް ބަންދުކުރި މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ. ތުލުސްދޫ, މުހައްމަދު މައުސޫމް, ހެޕީސައިޑް ތ. މަޑިފުށި, މުހައްމަދު ހުސެއިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަހުމަދު, ލިލީ ޕާކް ގދ. ރަތަފަންދޫ އެވެ.

ފަސް ދުވަހަށް ބަންދުކުރީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ. ކަނުހުރާ އެވެ.

ޔޯހާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް، ރިފާއު ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


އިންޑިއާ ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން އިއްޔެ ބާއްވަން އުޅުނު އިންޓަނޭޝަނަލް ޔޯގާ ޑޭ ހަރަކާތަށް ބަޔަކު ހުރަސްއެޅީ ޔޯގާއަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށެވެ. މި މީހުން އެތަނަށް ވަދެގަތީ އދ. އާއި ބޭރު ގައުމުތަކުގެ އިސް ޑިޕްލޮމެޓުން އެ ހަރަކާތުގައި ބައިވެރިވާން ގަލޮޅު ދަނޑުގެ ތެރޭގައި ތިއްބަ އެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.