Advertisement

ހުލާސާކޮށް އިއްޔެ: ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ތިބި މީހުން ހައްޔަރުކުރުން

23 ޖޫން 2022 - 07:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ތިބި މީހުން ހައްޔަރުކުރުން

23 ޖޫން 2022 - 07:45 0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއަށް ވަދެގަނެ ހަމަނުޖެހުމާއި މާރާމާރީ ހިންގި މައްސަލައިގައި އިސްކޮށް ތިބި ކަމަށް ތުހުމަތު ކުރެވޭ ގިނަ ބަޔަކު ހައްޔަރުކުރީ އިއްޔެ އެވެ.

ޖުމުލަ ހަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއޮ ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާނާއި ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާން ހިމެނެ އެވެ.

މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކޮށްގެން ގެންދިޔައީ އަލިމަސް ކާނިވަލުގައި ހުންނަ "ލެވެންޑާ" ކެފޭ ތެރޭގައި ތިއްބަ އެވެ. ޝެއިހު ނިޝާން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ރެހެންދި ފްލެޓް ކައިރިންނެވެ. އަދި ފަޒުލޫން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ.

ނިޝާން އާއި ފަޒްލޫން ވަނީ ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފަ އެވެ.

މި މައްސަލައާ ގުޅިގެން، ނިޝާން އާއި ފަޒްލޫންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެެ މައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރު ކުރި ހަ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. ބާކީ ތިބި ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.

ދެ މަހަށް ބަންދުކުރި މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ. ތުލުސްދޫ, މުހައްމަދު މައުސޫމް, ހެޕީސައިޑް ތ. މަޑިފުށި, މުހައްމަދު ހުސެއިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަހުމަދު, ލިލީ ޕާކް ގދ. ރަތަފަންދޫ އެވެ.

ފަސް ދުވަހަށް ބަންދުކުރީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ. ކަނުހުރާ އެވެ.

އިންޑިއާ ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވަން އުޅުނު އިންޓަނޭޝަނަލް ޔޯގާ ޑޭ ހަރަކާތަށް ބަޔަކު ހުރަސްއެޅީ ޔޯގާއަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށެވެ. މި މީހުން އެތަނަށް ވަދެގަތީ އދ. އާއި ބޭރު ގައުމުތަކުގެ އިސް ޑިޕްލޮމެޓުން އެ ހަރަކާތުގައި ބައިވެރިވާން ގަލޮޅު ދަނޑުގެ ތެރޭގައި ތިއްބަ އެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގަން ބަޔަކު އުޅުމުން އެތަނުގައި ފުލުހުން ހަރަކާތްތެރިވި ގޮތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ވިދާޅުވީ އިއްޔެ އެވެ.
  • ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހަ މީހުން ބަންދުގައި ބަހައްޓަން ޖެހޭ މުއްދަތާ މެދު ކްރިމިނަލް ކޯޓުން ގޮތް ނިންމީ އިއްޔެ އެވެ.
  • ދިވެހިރާއްޖޭގައި އަޅަން މަސައްކަތް ކުރާ ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވާފައިނުވާނެ ކަމަށާއި އެހެންނަމަވެސް ޓޫރިޒަމް ލީޒްއެއްގެ ދަށުން ދޫކޮށްފައިވާ ފަޅުތަކުގައި ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ގާނޫނު ތަން ނުދޭ ކަމަށް އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދާ ފްލޯޓިން ސިޓީއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިއްޔެ ވިދާޅުވީ:

ސަރުކާރުން ފްލޯޓިން ރިސޯޓު އެޅުމަށް 5، 6 ފަޅު އެ ކުންފުންޏަށް މާލޭ ސަރަހައްދުން ދީފައިވަނީ މުޅިން ހިލޭ، އެހެންނަމަވެސް އެތަނުން ތިން ފަޅު ވަނީ އެތައް މިލިއަން ޑޮލަރަކަށް ވިއްކާލާފައި، ވިއްކާލި ފަޅުތައް ހިއްކުމަށް އަންނަނީ މަސައްކަތް ކުރަމުން، އެ ތަނުގައި ފްލޯޓިން ރިސޯޓެއް ނާޅާނެ،

ދުވަހުގެ ފޮޓޯ

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަފްލާއަށް ހުރަސް އެޅުމުގެ ތުހުމަތުގައި ޝެއިހު ނިޝާން ހައްޔަރުކުރަނީ. އޭނާ ހައްޔަރުކުރީ ރެހެންދި ފްލެޓު ކައިރިން. އޭނާ ވަނީ ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު