Advertisement

މާފުށީ ކުނި މެނޭޖްމަންޓާ ހަވާލުވެ ހުރިހާ ޔުޓިލިޓީ ހިދުމަތްދޭ ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ

22 ޖޫން 2022 - 15:01 1

އަމަން ހަލީމް

އަމަން ހަލީމް

މާފުށީގެ ކުނި މެނޭޖުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސްޓެލްކޯއިން ބުނަނީ މާފުށީގެ ކުނި މެނޭޖުކުރަން ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމުކުރާނެ ކަމަށް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މާފުށީ ކުނި މެނޭޖްމަންޓާ ހަވާލުވެ ހުރިހާ ޔުޓިލިޓީ ހިދުމަތްދޭ ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ

22 ޖޫން 2022 - 15:01 1

ސަބްސިޑީއާ ނުލާ ދެކޮޅުޖެއްސޭ ވިޔަފާރިއަކަށް މައި ކަރަންޓު ކުންފުނީ ސްޓެލްކޯ ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކ. މާފުށީ ކުނި މެނޭޖުކުރުމުގެ ހިދުމަތާ ހަވާލުވެ ހުރިހާ ޔުޓިލިޓީސް ހިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ދިވެހި ކުންފުންޏަށް މިއަދު ވެއްޖެ އެވެ.

މިހާރު ވެސް މާފުށީގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ސްޓެލްކޯއިން އެ ރަށުގެ ކުންޏާ ހަވާލުވެ، އެ ރަށުގައި އުފައްދާ ކުނި މެނޭކުރަން އެންމެ ޒަމާނީ "ސްޓޭޓް-އޮފް-ދި-އާޓް" ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް ގާއިމުކުރާނެ އެވެ.

ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ މާފުށީގައި ކުނީގެ މައްސަލަ ބޮޑެވެ.

މި މައްސަލަ އެންމެ ބޮޑުވީ އެއް ސަބަބަކީ މާފުށީގެ އިގުތިސޯދު ކުރިއަރާ ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާވެގެން އައުމާއެކު، އެ ރަށުގައި އުފައްދާ ކުނި އިތުރުވަމުން އަންނާތީ އެވެ. އަދި މިހާރު ހުރި މަދު ވަސީލަތްތަކަށް ނުކަތާ ވަރަށް އެ ރަށުގައި ކުނި އުފެދެ އެވެ. މީގެ ސަބަބުން އެ ރަށުގެ ތިމާވެއްޓަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ.

މާފުށީ ގޮނޑު ސާފުނުކުރަނީސް ނަގާފައިވާ ފޮޓޮއެއް: މާފުށިން ދުވާލެއްގެ މައްޗަށް 5-10 ޓަނުގެ ކުނި އުފައްދާ. -- ފޮޓޯ: ކެލްވިންޓިއޯ/ބްލޮގްސްޕޮޓް


މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއީ ސްޓެލްކޯއަށް އާ ހިދުމަތެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް ގާއިމުކޮށް މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރައްވާނެ އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މާފުށީގެ ތަޖުރިބާގެ އަލީގައި އެ ކުންފުނިން އަމާޒުކުރަނީ ކައިރި މުސްތަގުބަލެއްގައި ކ. ގުޅި އާއި ގުރައިދޫއަށް ވެސް މި ހިދުމަތް ފުޅާކުރާނެ ކަމަށެވެ. އެކަމަކު އެކަން ކުރާނީ މާފުށީގައި ހިންގާ ޕްރޮޖެކްޓުގެ ކާމިޔާބީއަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވާަހަކަ ދައްކަވަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު


"މިއީ އަޅުގަނޑުމެންގެ ޕައިލެޓް ޕްރޮޖެކްޓެއް. އިރާދަކުރެއްވިއްޔާމުން މި ޕްރޮޖެކްޓާ ދެން އެންމެ އަވަހަށް ގުޅުވާނީ ހަމަ އެ ސަރަހައްދުގައި އެވާ ކ. އަތޮޅު ގުޅި އާއި ކ. އަތޮޅު ގުރައިދޫ. އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި މި ޕްރޮޖެކްޓަށް އެ ދެ ރަށް ވެއްދުމަށް" ޝަރީފް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވުނީތީ އުފާފާޅުކުރައްވަމުން މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވިދާޅުވި ގޮތުގައި މިއީ މާފުށީގެ ރައްޔިތުންގެ ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެކެވެ. އެކަމަކު މިވީހާ ތަނަކަށް އެއްވެސް ސަރުކާރަކުން މިކަމަށް އިޖާބަ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ތަފުސީލުކޮށްދެއްވަމުން ސޮލާހު ވިދާޅުވި ގޮތުގައި މިހާރު މާފުށީގައި ބޭނުންކުރަމުންދާ ކުނި ގޮނޑަކީ 1999 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ކުނި ގޮނޑެކެވެ.

އެ ގޮނޑަކީ އޭރު ފުދޭ ތަނެއް ނަމަވެސް މާފުށީގެ ގެސްޓްހައުސް ވިޔަފާރިއާއެކީ ފަސޭހައިން ނައްތާ ނުލެވޭ ޒާތުގެ ކުނި ގިނަވެ، ކުނި މެނޭޖުކުރާނެ ވަސީލަތެއް ނެތި ގޮނޑުގެ މަައްސަލަ އޮތީ ބޮއްސުންލައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ރަށުގެ ގޭބިސީންނާއި އިޖުތިމާއީ ސަރަހައްދުތަކުން އުފެދެމުން އައި ފަތް ކުނީގެ ބަދަލުގައި މިހާރު ޒާތްޒާތުގެ ފުޅި، ދަޅު، ޕެކެޓާއި ދަގަނޑު އަދި ޕްލާސްޓިކާ ބިއްލޫރި ގިނަ އަދަދަކަށް އުފެދެން ފަށާފަ. މި ޒާތުގެ ކުނި ނައްތާލެވެނީ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ލިބިގެން," އޭނާ ވިދާޅުވި އެވެ.

އަންދާޒާތަކުން ދައްކާ ގޮތުގައި މިހާރު މާފުށިން ދުވާލެއްގެ މައްޗަށް ފަސް ޓަނާއި 10 ޓަނާ ދެމެދުގެ އަދަދަކަށް ކުނި އުފައްދަ އެވެ. މިއީ މާފުއްޓަށް ވުރެ އާބާދީ ބޮޑު ބަޔެއް ރަށްރަށަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

މިހެންކަމުން ސްޓެލްކޯއާ އެކީ އެއްބަސްވުމުގައި ސޮއިކުރެވި މި މައްސަލަ ހައްލުކުރާނެ މަގުފަހިކޮށްދެއްވި ކަމަށްޓަކައި ސޮލާހު ވަނީ ރައްޔިތުންނާއި ކައުސިލުގެ ފަރާތުން ސަރުކާރަށާއި ސްޓެލްކޯއަށް ވަރަށް ޝުކުރުއަދާކުރައްވާފަ އެވެ.