Advertisement

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓު ގާޒީންނަށް ހާއްސަ އިނާޔަތެއް ދޭން ކޮމިޓީން ފާސްކޮށްފި

22 ޖޫން 2022 - 12:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް: މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓު ގާޒީންނަށް އާ އިނާޔަތެއް ދޭން ފާސްކުރި - ފޮޓޯ: މަޖިލީސް


މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓު ގާޒީންނަށް ހާއްސަ އިނާޔަތެއް ދޭން ކޮމިޓީން ފާސްކޮށްފި

22 ޖޫން 2022 - 12:55 0

މެޖިސްޓްރޭޓުންގެ މުސާާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޒީން އިތުރަށް މަސައްކަތް ކުރާ ދުވަސްތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ އެވެ. މި ގޮތަށް މުސާރަ ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފަ އެވެ. ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމުގެ ބާރު މަޖިލީހަށް އޮންނާތީ، ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެޖިސްޓްރޭޓްގެ މުސާރަ ބޮޑުކުރަން ޖޭއެސްސީން އެދިފައިވާ ގޮތަށް ކޮމިޓީން ފާސް ކުރަން ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒްގެ ހުށަހެޅުއްވުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ.

ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް މެޖިސްޓްރޭޓުންގެ މުސާރަ މި ދަނޑިވަޅަށް ބޮޑުކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ, އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާހަކަ ދެއްކެވި އެވެ. އެހެން މެންބަރުން ވާހަކަ ދެއްކެވީ ޖޭއެސްސީން އެދިފައިވާ ގޮތަށް ފާސްކުރުމަށެވެ.

މީގެއިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހަޅާފައިވަނީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އާ އިނާޔަތެއް ދިނުމަށެވެ. އެއީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް އެ ގޮތަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ އެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ 1،182 މައްސަލަ އެއްކޮށް ނިންމުމަށެވެ. އެ ގޮތަށް ދެވޭ އިނާޔަތުގެ ސަބަބުން އެ މުއްދަތުގައި އިތުރަށް ހަރަދުވަނީ 600،000 ރުފިޔާ އެވެ.

ޑީޖޭއޭއިން އެދިފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެ މުއްދަތުގެ ތެރޭގައި އެ އިނާޔަތް ދިނުމަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.