Advertisement

ރިޝްވާނަށް ގައުމީ ޓީމުން ފުރުސަތު: ބުރަ މަސައްކަތުގެ އިނާމެއް!

22 ޖޫން 2022 - 12:42 0

މިދިޔަ އަހަރުގެ މުބާރާތެއްގެ މެޗެއްގެ ތެރެއިން ރިޝްވާން: ކޮމަންވެލްތު ގޭމްސް އަށް ނެގި ގައުމީ ބެޑްމިންޓަން ޓީމުގެ ސްކޮޑުން ރިޝްވާނަށް ފުރުސަތު ލިބުނުއިރު، މިއީ ސީނިއާ ޓީމުގައި އޭނާ ހިމެނުނު ފުރަތަމަ ފަހަރު.-- ފޮޓޯ: އިމޭޖަސް.އެމްވީ


ރިޝްވާނަށް ގައުމީ ޓީމުން ފުރުސަތު: ބުރަ މަސައްކަތުގެ އިނާމެއް!

22 ޖޫން 2022 - 12:42 0

ރާއްޖޭގެ ބެޑްމިންޓަނުގެ ޖޫނިއާ ލެވަލަށް ބަލާއިރު، ރިޝްވާން ޝިޔާމަކީ ކާމިޔާބީގެ ހުރިހާ ހަރުފަތެއް ގިރާކޮށްފައިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ޖޫނިއާ ލެވަލްގައި އޭނާގެ ހުނަރު ސާބިތުކޮށްފައިވާތީވެ، އޭޝިއަން ޔޫތު ގޭމްސް އާއި ބައިނަލްއަގުވާމީ އެހެން ޔޫތު މުބާރާތުގައި ވެސް ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު، ފަހަކާ ޖެހެންދެން ރިޝްވާނަށް އޮތީ ގައުމީ ސީނިއާ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ނުލިބި އެެވެ. އެކަމަށް މިހާރު މި ވަނީ ނިމުމެއް އަތުވެފަ އެވެ.

އެންމެ ފުރަތަމަ ބެޑްމިންޓަން ޓީމަށް ކުޅެން ފެށިތާ، 15 އަހަރު ފަހުން، ރިޝްވާނަށް މި ވަނީ އޭނާ އެންމެ އެދުނު ކަންތައް ފުރިހަމަވެފަ އެވެ. އެއީ ގައުމީ ސީނިއާ ބެޑްމިންޓަން ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނި މުބާރާތަކަށް ދިއުމުގެ ފުރުސަތު ލިބުމެވެ. އަންނަ މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރަން ނެގި ބެޑްމިންޓަން ސްކޮޑުން ރިޝްވާނަށް ހިމެނެ އެވެ.

"މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުންމީދުކުރި ކަމެއް މި ހާސިލްވީ، ހަގީގަތުގައި ވަރަށް ބުރަ މަސައްކަތް ކުރިން ގައުމީ ސީނިއާ ޓީމާ ހަމައަށް އަންނަން،" ގައުމީ ސީނިއާ ޓީމުގައި ހިމެނި ކޮމަންވެލްތު ގޭމްސް ފަދަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ "އަދަދު" އިން ސުވާލުކުރުމުން ރިޝްވާން ބުންޏެވެ.

ރިޝްވާން، 26، މީގެ ކުރިން ވަނީ 2014 ވަަނަ އަހަރު ޗައިނާގެ ނަންޖިންގައި ބޭއްވި ޔޫތު ގޭމްސް އަށް ގޮސްފަ އެވެ. އެއީ ގައުމީ ޖޫނިއާ ޓީމުގައި ހިމެނިގެންނެވެ. އޭގެ ފަހުން ލަންކާގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ޖޫނިއާ ޓީމު ތަމްސީލްކުރި އެވެ. އޭގެ ފަހުން ގަވާއިދުން ސީނިއާ ގައުމީ ޓީމާ އެކު ޕްރެކްޓިސްތަކުގައި ބައިވެރިވަމުން އައި ނަމަވެސް ސީނިއާ ޓީމުގެ ފައިނަލް ސްކޮޑެއްގައި ލައްވާލާގޮތެއްނުވި އެވެ.

ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށް، ގައުމީ ޓީމަށް ކުޅުން ހުއްޓާލައި، 2019 ވަަނަ އަހަރު ވަނީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ނަމުގައި ކްލަބެއް ވުޖޫދުކޮށްފަ އެވެ. އެއީ ބައިނަލްއަގުވާމީ ލެވަލްގައި ވާދަކުރުމުގެ ފުރުސަތު ހޯދައި، ކުޅުންތެރިންތަކެއް އަނެއް ހަރުފަތަށް ގެންގޮސްދޭން މަގުކޮށައިދިނުމުގެ ވެސް އަޒުމުގަ އެވެ. ރިވައިވަލްގައި ހިމެނި ރިޝްވާން މިހާތަނަށް ވަނީ ފަސް ވަރަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ގައުމީ ޓީމާ ހަމައަށް ވާސިލްވެފަ އެވެ.


ރާއްޖޭގައި ބޭއްވުނު ބައިނަލްއަގުވާމީ މުބާރާތްތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ބޭއްވި މުބާރާތްތަކުގައި ރިޝްވާން ވަނީ ރިވައިވަލް ޖޯޒީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެހެން ގައުމުތަކުގައި ރިވައިވަލް ޓީމުގައި ހިމެނި ރިޝްވާން ވާދަކުރި މުބާރާތްތަކުގެ ތެރޭގައި ބަންގްލަދޭޝާއި މޮރިޝަސްގައި ކުޅުނު މުބާރާތައް ހިމެނެ އެވެ. އަދި ދާދި ފަހުން ރިވައިވަލް އިން މެލޭޝިއާގައި ބޭއްވި ޓްރެއިނިން ޓުއާގައި ވެސް ރިޝްވާން ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ރިޝްވާންގެ އިތުރުން ކޮމަންވެލްތު ގޭމްސް އަށް ނެގި ގައުމީ ސްކޮޑުގައި ދެން ހިމެނެނީ ރިވައިވަލްގެ ޒަޔާން ޒަކީގެ އިތުރުން ގައުމީ ސްކޮޑުގައި މިދިޔަ އަހަރުތަކުގައި ގަވާއިދުން ހިމެނުނު، ނިބާލް އަހުމަދާއި މުހައްމަދު އަޖުފާން ރަޝީދު، އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަދި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އެވެ.

އެންމެ ފުރަތަމަ 2007 ވަނަ އަހަރު ބެޑްމިންޓަން ކުޅެން ފަށައި، ޖޫނިއާ ޕޫލުން ޑިވެލޮޕްވި ރިޝްވާން ބުނީ އޭނާ ފުރަތަމަ ވެސް ކުޅެން ފަށައި އަޒުމަކަށް ވީ ސީނިއާ ލެވަލްގައި ގައުމު ތަމްސީލްކުރާ ކުޅުންތެރިއަކަށް ވުމަށް ކަމަށެވެ.

"އަސްލު އެއީ (ގައުމީ ސީނިއާ ޓީމަށް ކުޅުމަކީ) ޓާގެޓަކީ. އެ އަށް މަސައްކަތް ކުރީ، ގައުމީ ޓީމުގެ ޕްރެކްޓިހުގައި ވެސް ހަގީގަތުގައި. ދެން، ރިވައިވަލްއާ ގުޅުމަށް ފަހު އެނގޭ އެއްކޮށް މަސައްކަތްކޮށްގެން ބޭނުންވާ ހިސާބަށް ދެވޭނެކަން. އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތަކުގެ ބޭނުންހިފައިގެން އަސްލު މި ފަހަރު ގައުމީ ޓީމުގައި މި ހިމެނުނީ،" ރިޝްވާން ބުންޏެވެ.

"ގިވްއަޕް ނުކޮށް މަަސައްކަތް ކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް ވާނެކަން އެނގޭ، އެހެންވީމަ މަސައްކަތް ކުރުން އޮތީ،"

ރިޝްވާންގެ އުންމީދަކީ މި ފަހަރު ކޮމަންވެލްތު ގޭމްސް އިން އޭނާ އަށް މި ލިބުނު ފުރުސަތުގެ ބޭނުންވީ އެންމެ ރަނގަޅަށް ހިފުމެވެ. އަދި މި ފުރުސަތު އޭނާ އަށް ލިބުމާ ހަމައަށް އެހީތެރިވެދިން އެންމެނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.