Advertisement

މައްސަލަ ހައްލުނުވެ އެންމެ ފަހުން ޝަންގްރީ-ލާ އިން ވިލިނގިލީގެ ހިއްސާ ދޫކޮށްލަނީ

22 ޖޫން 2022 - 10:11 0

އަމަން ހަލީމް

އަމަން ހަލީމް

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ: މިއީ ސަރުކާރާ އަމިއްލަ ވިޔަފާރިއަކާ ގުޅިގެން ރާއްޖޭގައި ހުޅުވި އެންމެ ފުރަތަަމަ ރިސޯޓު. -- ފޮޓޯ: ލަގްޒަރީ ޓްރެވަލް މެގަޒިން


މައްސަލަ ހައްލުނުވެ އެންމެ ފަހުން ޝަންގްރީ-ލާ އިން ވިލިނގިލީގެ ހިއްސާ ދޫކޮށްލަނީ

22 ޖޫން 2022 - 10:11 0

ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނެތިގެން ބަަންދުކުރި ޝަންގްރީ-ލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ ހިންގާ އައްޑޫ އިންވެސްޓްމަންޓު ކުންފުނީގައި އޮތް ޝަންގްރީ-ލާ ކުންފުނީގެ ހިއްސާ ވިއްކާލަން އިއުލާނުކޮށްފި އެވެ.

އެ ރިސޯޓަކީ ދިވެހި ސަރުކާރުގެ 30 ޕަސެންޓު ހިއްސާވާ ގޮތަށް ހޮންކޮންގެ ބިޔަ ހޮސްޕިޓާލިޓީ ވިޔަފާރި، ޝަންގްރީ-ލާ އާ ގުޅިގެން 2005 ގައި ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކުރި މަތީ ފަންތީގެ ރިސޯޓެކެވެ. މިއީ މިގޮތަށް ސަރުކާރާ އަމިއްލަ ވިޔަފާރިއަކާ ގުޅިގެން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓެވެ.

ބީޗު ކޮޓަރި އާއި މޫދު ކޮޓަރި އާއީ ގޯލްފް ކޯސްއެއް ހުންނަ މި ރިސޯޓަކީ ވާލްޑް ބޭންކުގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމަނައިގެން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި ރަށެކެވެ.

އެ ރިސޯޓުގައިވާ ޝަންގްރީ-ލާގެ 70 ޕަސެންޓު ހިއްސާ ވިއްކާލަން ހަވާލުކޮށްފައިވަނީ އެމެރިކާގެ ސީބީއާރުއީ ގްރޫޕާ އެވެ. ރިއަލް އެސްޓޭޓް ވިޔަފާރީގައި ފުންނާބު އުސް ސީބީއާރުއީ ގްރޫޕަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ރިއަލް އެސްޓޭޓް އަދި އިންވެސްޓްމަންޓު ކުންފުންޏެވެ.

ޝަންގްރީ-ލާގެ ހިއްސާ ވިއްކާލަން މި މަހުގެ 7 ގައި އެ ކުންފުނިން ކުރި އިއުލާނުގައި ވަނީ މި ރިސޯޓު ގަންނަ ފަރާތަކަށް އެ ރަށާ ކައިރިން އިތުރު ފަޅުރަށެއް ވެސް ލިބޭނެ ކަމަށް ބުނެފަ އެވެ. މިއީ ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރެވޭނެ ރަށެކެވެ.

އިއުލާނުގައި އެއީ ކޮން ރަށެއް ކަން ބަޔާންކޮށްފައި ނެތް ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އެ ބުނާ ރަށަކީ މިއީ ވިލިނގިލި ފަޅުތެރޭގައި އޮންނަ ގޮމަހެރަ އެވެ.

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓު

  • މި ރިސޯޓު ހިންގަނީ ހޮންގް ކޮންގްގެ ޝަންގްރީ-ލާ ކުންފުނިން
  • ރިސޯޓަކީ އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގެ ރިސޯޓެއް
  • އައްޑޫ އިންވެސްޓްމަންޓަކީ ދިވެހި ސަރުކާރާއި ޝަންގްރީ-ލާ ހިއްސާވާ ޖޮއިންޓް ވެންޗާއެއް
  • އައްޑޫ އިންވެސްޓްމަންޓު ކުންފުނި އުފެއްދީ ޖޫން 26، 2005 ގައި
  • ޝަންގްރީ-ލާ ރިސޯޓު ހުޅުވީ ޖުލައި 26، 2009 ގައި 142 އެނދާއެކު، މިހާރު 284 އެނދު ހުރޭ
  • މި ރިސޯޓު ތަރައްގީކުރަން 150 މިލިއަން ޑޮލަރު ހަރަދުވި
  • ހެޑްލީސް ހަމަވަނީ ފެބްރުއަރީ 26، 2105 ގައި

ޝަންގްރީ-ލާއިން މި ރިސޯޓުގައި އޮތް އެ ކުންފުނީގެ ހިއްސާ ވިއްކާލަން މިއުޅެނީ ސަރުކާރުން ވެސް ހިއްސާ ދޫކޮށްލަން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މިފަހުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ ހިއްސާ އަގުކުރަން މިހާރު ބޭނުންކުރަން ޖެހޭ ފޯމިއުލާ މުރާޖައާކުރަށް ހުށަހަޅާފައިވެ އެވެ. މިއީ ސީދާ ޝަންގްރީ-ލާ ވިލިނގިލި މައްސަލަ ހައްލުކުރަން ކޮންމެހެން ބޭނުންވާ އިސްލާހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

މި ރިސޯޓުގެ ހިއްސާ ދޫކޮށްލަން ބޭނުންވާ މައިގަނޑު ސަބަބަކީ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުންވާ ހާލަތުގައި ކުންފުންޏަށް އިންވެސްޓުކުރަން ޖެހޭ ފައިސާ ނުދޭތީ އެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް 80 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އައްޑޫ އިންވެސްޓްމަންޓްސް ކުންފުންޏަށް ސަރުކާރުން ދޭން ޖެހެ އެވެ.

އެކަމަކު ކޮވިޑުގެ ތެރޭގައި ކުލި ހަމަޖައްސަން ދިން 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ)ގެ ލޯނެއް ފިޔަވައި ދިވެހި ދައުލަތުން މި ކުންފުންޏަށް އިތުރު އިންވެސްޓެއް ނުކުރެ އެވެ.