Advertisement

ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ޖޫރިމަނާކުރާނެ ކަމަށް ބުނެފި

21 ޖޫން 2022 - 19:26 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގަލޮޅު ދަނޑު ސަރަހައްދަށް އެއްވި މީހުން ބޭނުންކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރެނީ


ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ޖޫރިމަނާކުރާނެ ކަމަށް ބުނެފި

21 ޖޫން 2022 - 19:26 1

ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްކަން ސާބިތުވެއްޖެނަމަ އެ ޕާޓީއެއް ޖޫރިމަނާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ނެރުނު ބަޔާނެއްގައި ވަނީ ހެނދުނު ހިންގި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެ ނަމަ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއަށް ރިއާޔަތްކޮށް 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނނުގެ 45 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ، ސިޔާސީ ޕާޓީތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އެ މިންގަނޑުތަކަށް ޕާޓީތަކުން ތަބާވާން ޖެހޭނެ ކަމާއި ތަބާނުވާ ޕާޓީތަކަށް އީސީން ފިޔަވަޅު އެޅޭނެ ކަމެވެ.

އެ ގާނޫނުގެ 49 ވަނަ މާއްދާގައި ވަނީ އެ ކަމާ ހިލާފަށް އަމަލުކުރާ ޕާޓީއަކާ ދެކޮޅަށް އީސީއަށް އެޅިދާނެ ފިޔަވަޅުތަކެވެ. މި ގޮތުން އޭގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ މީހަކު 30،000 ރުފިޔާއާއި، 75،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވިދާނެ ކަމުގަ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއިން އެ ފައިސާ އުނިކުރުމުގެ ބާރު ވެސް އީސީއަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައިވެ އެވެ.

އީސީން މިހެން ބުނިއިރު، ފުލުހުން މި މައްސަލައިގެ ތަހުގީގު ފެށުމަށް ފަހު ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

މިއަދު އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.

ޕީޕީއެމްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެ ދިދަތައް އެ ޕާޓީގެ ފަރާތުން އެ ހަރަކާތް ހިންގި މީހުންނަށް ފޯރުކޮށްދިން ކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް, ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ސީދާ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމެއް ޔަގީން ނުވާ ކަމާއި އެކަން ޖެހޭނީ ބަލާށެވެ.

އެކަމަކު ތޮލާލު ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ކޮންމެ އެފަދަ ކަމަކަށް ވަސީލަތްތައް ފޯރުކޮށްދޭން އާންމު ރައްޔިތުން ހިންގާ ހަރަކާތަކަށް އެދުމުން އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ.