Advertisement

ދަ ގްރާންޑޭ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް

21 ޖޫން 2022 - 18:45 1

ޔުނައިޓެޑް ވިކްޓްރީގެ ލަމާމް (ކ) އާއި ޒައިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދަ ގްރާންޑޭ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް

21 ޖޫން 2022 - 18:45 1

މަހަކަށް ވުރެ ގިނަ ދުވަހުގެ ބްރޭކަކަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އޭއެފްސީ ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް މިދިޔަ މަހު ލީގު މެދުކަނޑާލުމަށް ފަހު، އަލުން މި ފެށީ 40 ދުވަހުގެ ބްރޭކަކަށް ފަހު އެވެ.

މިއަދުގެ މެޗުން މޮޅުވެ، ޔުނައިޓެޑް ވިކްޓްރީ ތިން ވަނަ އަށް ޖެހިލީ 13 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ހަތަރަކަށް ވެއްޓުނުއިރު، އެ ޓީމަށް ވަނީ 12 މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. ޓީސީން މާދަމާރޭ ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

މިއަދުގެ މެޗަށް ނުކުތްއިރު، ދަ ގްރާންޑޭ އިން ވަނީ އެންމެ ފަހުން ނިމުނު ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެނައި ގިނަ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އެ ގޮތުން ދަ ގްރާންޑޭއާ ގުޅުނު، ކުރިން އީގަލްސްގައި ހުރި، ލެބަނަންގެ ކީޕަރު މުހައްމަދު ތަހާ، ކޮލަމްބިއާ ޑިފެންޑަރު އިވާން ސައިސޭޑޯ އަދި އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސްގެ އިތުރުުން، މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ދަ ގްރާންޑޭ އަށް ބަދަލުވި، އަބްދުﷲ ޖުނައިދު (ޖެންނޭ) ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ އަލީ ހަމްދާން (ވ) ދަ ގްރާންޑޭގެ މުސްރިފު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ދަ ގްރާންޑޭގެ ޑިފެންޑަރުން ފަހަތަށް ޖައްސާލި ބޯޅަ ހޯދައި، އިވާން ވަނީ ހަމަޖެހިލާފައި ދަ ގްރާންޑޭގެ ގޯލުގައި ހުރި ތަހާ ބޯމަތިން ގޯލުގެ ދުުރު ކަނަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ގްރާންޑޭގެ ކުޅުންތެރިން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ގްރާންޑޭ އިން ގިނަ އެޓޭކްތަކެއް ކުރެވޭތޯ ބަލަމުންދިޔައިރު، އޭރިއާބޭރުން އެ ޓީމުގެ ހޫގޯ ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަނަފް ޒަރިޔަންދު އަތަށް އަމާޒުވި އެވެ. އޭގެ ފަހުން ޖެންނޭ ޖެހި ޝޮޓް ދިޔައީ ބޭރުންނެވެ.

ދެ ވަނަ ހާފަށް ކުޅެން އަރައި، ޔުނައިޓެޑް ވިކްޓްރީގެ އޭރިރާތެރެއިން ދަ ގްރާންޑޭގެ ހޫގޯ އާއި އިބްރާހިމް މަފާޒް ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ ކީޕަރު އަނަފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ދަ ގްރާންޑޭ އަށް ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން ދަ ގްރާންޑޭގެ ކެޕްޓަން، އަހުމަދު އަބްދުލް ސައްތާރު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓަރީން ބަދަލުތަކެއް ގެެނެސްގެން ލީޑުފުޅާކުރަން ކުރި މަސައްކަތް މެޗުގެ 81 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. ޔުނައިޓެޑް ވިކްޓަރީގެ ދެ ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ލަމާމް ޒުހެއިރު އެވެ. ޔުނައިޓެޑް ވިކްޓްރީގެ މޫސާ އަޒީމް ނެގި ހުރަހަކަށް އޭރިއާތެރެއަށް ދުވެފައި ވަދެ، ލަމާމް ބޮލުން ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ކީޕަރު ތަހާ އަތްކައިރިން ގޮހެވެ.

ގްރާންޑޭގެ ޑިފެންޑަރު، ނައުފަލް (ކ) ކައިރިން ޔުނައިޓެޑް ވިކްޓަރީގެ އިވާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަން ދަ ގްރާންޑޭ އިން ކުރިއަށް ޖެހިގެން ކުޅެ، އެއް ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ މަފާޒް އެވެ. މެޗުގެ 87 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން މަފާޒް ޖެހި ބޯޅަ ގޯލުގެ ދުުރު ކަނަށް އަމާޒުވިއިރު، ކީޕަރު އަނަފް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މިއަދުގެ މެޗުން ބަލިވުމުން ދަ ގްރާންޑޭ ލީގުގެ ފުލުގައި އޮތީ 13 މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ދަ ގްރާންޑޭ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ދެ ވަނައިގައި އޮތް ކްލަބް އީގަލްސް ނުކުންނާނީ ފަސް ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ ދެކޮޅަށެެވެ. ގަލޮޅު ދަނޑުގައި މިރޭ 21:00 ގައި ފަށާ މެޗަކީ ކްލަބް އީގަލްސްގެ ކޯޗުކަމާ މުހައްމަދު އާތިފް (އާތީ) ހަވާލުވި ފަހުން އެ ޓީމުގެ ފުރަތަމަ މެޗެވެ. އާތީ މިދިޔަ ސީޒަނުގައި ހުރީ ވެލެންސިއާ ކޯޗަކަށެވެ. އޭނާ އީގަލްސްގެ ކޯޗުކަމަށް އައީ ބ. އޭދަފުށީގެ ކްލަބް އޭދަފުށި ޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އެވެ.