Advertisement

ޔޫކްރެއިން ކުދިންނަށް އެހީވާން ރަޝިއާ ނޫސްވެރިޔާ ނޯބެލް އިނާމް ވިއްކާލައިފި

ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯވް. -- ފޮޓޯ: އޭއެފްޕީ


ޔޫކްރެއިން ކުދިންނަށް އެހީވާން ރަޝިއާ ނޫސްވެރިޔާ ނޯބެލް އިނާމް ވިއްކާލައިފި

ނިއު ޔޯކް، އެމެރިކާ (ޖޫން 21) - ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔޫކްރެއިން ކުދިންނަށް އެހީވުމަށް ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯވްގެ ނޯބެލް ސުލްހައިގެ އިނާމް ވިއްކާލައިފި އެވެ.

ނޯބެލް ސުލްހައިގެ އިނާމުގެ ގޮތުގައި ލިބުނު ރަން މެޑަލް ބިޑަށް ހުޅުވާލައިގެން ވިއްކާލީ 103.5 މިލިއަން ޑޮލަރަށެވެ. މުރަޓޯވްއަކީ ރަޝިއާގެ ނޮވަޔާ ގެޒެޓާ ނޫހުގެ ޗީފް އެޑިޓަރެވެ.

ހެރިޓޭޖް އޯކްޝަންސްގެ ފަރާތުން ނިއު ޔޯކްގައި ކުރިއަށް ގެންދިޔަ ބިޑްގައި މެޑަލް ވިއްކާލީ ފޯނު މެދުވެރިކޮށް ބައިވެރިވި މީހަކަށެވެ. އެ މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

މުރަޓޯވްއަށް ނޯބެލް ސުލްހައިގެ އިނާމް ލިބުނީ 2021 ވަނަ އަހަރު ފިލިޕީންސްގެ ނޫސްވެރިޔާ މާރިއާ ރެސާއާ އެކު އެވެ. އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެ މީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަން ވެއްޓި 1993 ގައި އުފެއްދި ނޮވަޔާ ގެޒެޓާ އަކީ މިހާރު ރަޝިއާގައި އޮތް މިނިވަން މަދު ނޫސްތަކުގެ ތެރެއިން އެއް ނޫހެވެ.

ޔޫކްރެއިން ހަނގުރާމައަށް މަހެއް ފުރުމާ ދިމާކޮށް، ރަޝިއާގައި އެ ނޫހުގެ އޮޕަރޭޝަންތައް ސަސްޕެންޑް ކުރި އެވެ. އެއީ ހަނގުރާމައާ ދެކޮޅަށް އެއްޗެއް ލިޔެފި ނަމަ ޖަލަށް ދާން ޖެހުމުގެ ބިރު އޮތުމުންނެވެ.

މިދިޔަ އެޕްރީލް މަހު ރޭލެއްގެ ތެރޭގައި މީހަކު މުރަޓޯވްއަށް ހަމަލާ ދިނެވެ. އޭނާގެ ނޯބެލް ސުލްހައިގެ އިނާމްގެ ގޮތުގައި ލިބުނު ރަން މެޑަލް ވިއްކައިގެން ހޯދާ ފައިސާ ހަދިޔާ ކުރާނީ ޔުނިސެފަށެވެ.