Advertisement

ހަރަދު ކުޑަކުރަން އެންގުމުން، ނަޝީދުގެ ދެ ދަތުރެއް ކެންސަލް ކުރައްވައިފި

21 ޖޫން 2022 - 09:39 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް


ހަރަދު ކުޑަކުރަން އެންގުމުން، ނަޝީދުގެ ދެ ދަތުރެއް ކެންސަލް ކުރައްވައިފި

21 ޖޫން 2022 - 09:39 0

ހަރަދުތައް ފޫބައްދަން ދަތިވެފައިވާކަމަށް ބުނެ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން އަންގާފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ދެ ދަތުރެއްގައި ވަޑައިނުގަންނަވަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ދައުލަތުގެ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރާއްޖޭން ބޭރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއެކު ރާއްޖެތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

"މި ސާކިއުލާގައި ވާ ގޮތުގެ މަތީން މަޖިލީހުން އަމަލު ކުރަމުން ދާނެ، ދެން އަދި އަޅުގަނޑަށް އެބައޮތް ކޮމަންވެލްތަށް ދާން އޮތް ދައުވަތަކާއި އުޒުބަކިސްތާނަށް ދާން އޮތް ދައުވަތެއް، ދެން އަޅުގަނޑު ގަސްދު ކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން،" މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވިި އެވެ.

ނަޝީދު ވިދާޅުވީ ސާކިއުލާގައި 5،000ރ.އަށް ބޮޑު ހަރަދެއް ނުކުރަން އަންގާފައި އޮތް ކަމަށާއި އެހެންކަމުން ދެވެން އޮތީ "ކޮޅުނބާ ހަމައަށް" ކަމަށެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު ވެސް އަވައްޓެރި ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ. އެ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ފިނޭންސުން އަޅަން ނިންމި ފިޔަވަޅުތައް

އަމީރު ސޮއިކުރައްވައި ނެރުނު ސާކިއުލާއެއްގައި ބުނީ ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަންދާޒާ ނުކުރެވޭ މިންވަރަށް އިތުރުވަމުން ކަމަށެވެ.

"މީގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ،" ސާކިއުލާގައި ބުންޏެވެ.

އަދި ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓު ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލްނުކޮށް ޑެފިސިޓް އިތުރުވެގެންދާނަމަ މި ޑެފިސިޓް ފައިނޭންސް ކުރަން ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަންޖެހޭނެ ކަމަށެވެ.

އެހެންކަމުން މިފަދަ ބުރައެއް އުފުލުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނާތީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގުތިސޯދު ކުރަން ނިންމައި، މިއަދުން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެ ސާކިއުލާގައި ވަނީ އިއުލާނުކޮށްފަ އެވެ.

މިގޮތުން، ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި، މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ނުފަށަން ވަނީ އަންގައިފަ އެވެ.

އަދި މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި، ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.

އެ އިއުލާނުގައި އިތުރަށް ވަނީ ރާއްޖޭން ބޭރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއެކު ރާއްޖެތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ކެޕިޓަލް ހަރަދާއި، އޮފީސް ހިންގުމަށްދާ ހަރަދުތަކާއި ތަމްރީންތަކަށްދާ ހަރަދުތައް ވެސް 5،000ރ. އަށް ވުރެ އިތުރުވާނަމަ، މިނިސްޓްރީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރުމަށް ވަނީ އަންގައިފަ އެވެ.

މި ފިޔަވަޅުތަކަށް އަމަލުކުރަން މިނިސްޓްރީން ވަނީ، ކައުންސިލްތައް ނޫން ދައުލަތުގެ އެހެން ހުރިހާ އޮފީސްތަކަށް އަންގައިފަ އެވެ.

އިގުތިސޯދީ ހާލަތު

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓު ފައިނޭންސް ކުރާނެ ގޮތަކާ މެދު އޭރު ވެސް ކަންބޮޑުވުންތައް ހުއްޓެވެ. ސަބަބަކީ ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު 805 މިލިއަން ރުފިޔާ އާއެކު، ޖުމްލަ 13.4 ބިލިއަން ރުފިޔާ، ލަފާކުރި އާމްދަނީގެ އިތުރަށް ބޭނުންވާތީ އެވެ.

މިއަހަރުގެ ބަޖެޓުގައި ސީދާ ތެލުގެ ސަބްސިޑީއަށް އެކަނި 227.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަރަންޓު ސަބްސިޑީގައި ތެލުގެ އިތުރު ބައެއް ހިމެނޭއިރު، އެކަމަށް 627.3 މިލިއަން ރުފިޔާ ވަނީ ޖަހައިފަ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ސްޕީޑަށް ބަލާއިރު، އެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.