Advertisement

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ހަމަލާދީ ހަމަނުޖެހުން ހިންގައިފި

21 ޖޫން 2022 - 07:20 15

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެ މީހުން ގަލޮޅު ދަނޑަށް ވަދެގަތީ ގަދަކަމުން ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު. ބައެއް މީހުންގެ ގައިގައި ޖަހައި ވަނީ ހަމަނުޖެހުން ހިންގާފައި --- ފޮޓޯ: އަދަދު


ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ހަމަލާދީ ހަމަނުޖެހުން ހިންގައިފި

21 ޖޫން 2022 - 07:20 15

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ބަޔަކު ހަމަލާދީ ހުއްޓުވައިފި އެވެ.

މި ހަރަކާތް ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 6:30 ގަ އެވެ. ފަތިސް ނަމާދަށް ފަހު އެ ދަނޑުގެ އޮލިމްޕަސް ގޭޓު ކައިރިއަށް ބަޔަކު އެއްވެ ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ.

އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ބައެއް އެމްބެސެޑަރުން ވެސް ތިއްބެވެ.

އެ ތަނަށް ގަދަކަމަށް ވަދެގަތް މީހުން އެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ވެސް ހަމަލާ ދީފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާ ހައި ކޮމިޝަނުގެ މުވައްޒަފެއް ވެސް ހިމެނެ އެވެ.

އެތަން ޒީނަތްތެރި ކުރުމަށް ޖަހާފައި ހުރި އިންޑިއާ އާއި ރާއްޖޭގެ ދިދަތައް ހުރި ދަނޑިތައް އުފުރާލައި އެ ބިންދާލުމަށް ފަހު އެ ބޭނުންކޮށްގެން ބައެއް މީހުންގެ ގައިގައި ވަނީ ޖަހާފަ އެވެ.


އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ.

ކަރުނަ ގޭސް ޖެހުމަށް ފަހު ފުލުހުން ވަނީ އެމީހުން ބޭރުކޮށްލާފަ އެވެ. އެކަމަކު އެ މީހުން ދަނޑުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދިވެސް އެ މީހުން ގެންދަނީ ދަނޑުގެ ގޭޓުގައި ތަޅައި ދަނޑަށް ގަލާއި ފުޅި ފަދަ ތަކެތި އުކަމުންނެވެ.

އެ އެއްވުމުގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް މީހުން ވެސް ފެނިފައިވެ އެވެ.

ޔޯގާ ހަރަކާތް ބާއްވަން ނިންމައި، އެ ކަމުގެ ރެޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އިވެންޓު ބާއްވާނެ ކަމަށް އިއުލާނުކުރީ ރަސްފަންނުގަ އެވެ.

އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނުގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ނުދޭން އެ ކައުންސިލުން އިއްޔެ ނިންމި އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީން ނިންމީ ދަނޑުގައި ބޭއްވުމަށެވެ.

ރާއްޖޭގެ ގިނަ އިލްމުވެރިން ދިޔައީ މި ހަރަކާތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔޯގާގައި ދީނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ، އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަމުންނެވެ. ނަމަވެސް، މިފަދަ ހަމަނުޖެހުމެއް ހިންގާފައި ނުވެ އެވެ.