Advertisement

ކުޅުދުއްފުށީގެ 10 އަހަރުވީ ރޯހައުސްތައް އޮގަސްޓް މަހު ހަވާލުކުރަނީ

21 ޖޫން 2022 - 09:19 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުޅުދުއްފުށީ ރޯހައުސްތަކުގެ ފިނިޝިން މަސައްކަތް ކުރަނީ-- ފޮޓޯ: ކައުންސިލް


ކުޅުދުއްފުށީގެ 10 އަހަރުވީ ރޯހައުސްތައް އޮގަސްޓް މަހު ހަވާލުކުރަނީ

21 ޖޫން 2022 - 09:19 0

ކުޅުދުއްފުށީ ސިޓީގައި ހުރި ރޯހައުސްގެ މަސައްކަތް ނިންމައި އޮގަސްޓް މަހު ހަވާލުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީގައި 145 ރޯހައުސް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށީ ޖުމްލަ ސާޅީސް ހަތް ލައްކަ ރުފިޔާ ދައުލަތުގެ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެންނެވެ. މި މަޝްރޫއު ނިންމަން އޭރު ރޭވީ 240 ދުވަހުގެ ތެރޭ ގައެވެ.

އެއީ 2012ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި މަޝްރޫއުއެކެވެ.

އޭގެ ތެރެއިން މަސައްކަތް ނިންމާ މިހާތަނަށް ހަވާލުކޮށްފައި ވަނީ އެންމެ 40 ރޯހައުސް އެވެ. ވޭތުވެދިޔަ ހަތް އަހަރެއްހާ ދުވަހު ބާކީ 105 ރޯހައުސްގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ކުޅުދުއްފުށީގައި އަޅާފައިވާ ރޯހައުސްތައް-- ފޮޓޯ: ކައުންސިލް


މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ. ކޮންމެ ރޯ ހައުސްއެއްވެސް ހުންނާނީ ދެ ފަންގިފިލާއަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ދޫކުރި 40 ރޯހައުސްގެ ކުއްޔަކީ 3000 ރުފިޔާ އެވެ.

މަސައްކަތް ހުއްޓާލިއިރު ގެތަކުގެ ސްޓްރަކްޗާ އާއި ފުރާޅުތައްވެސް ހުރީ ނިންމާފަ އެވެ. 2015ވަނަ އަހަރު އެ ގެތައް ލިބޭނެ މީހުން ހޮވި ނަމަވެސް އޭރުވެސް މަސައްކަތް ވަނީ އެެއްކޮށް ހުއްޓިފަ އެވެ.

އެ ފަހުން އައި ދެ ވެރިކަމުގައިވެސް އެ ގެތަކުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް މި ސަރުކާރު އައިސް އެ މަސައްކަތް ބަޔަކާ ހަވާލު ކުރަން ނިންމާފައި ވަނީ މިދިޔަ އަހަރު އޭޕްރީލް މަހުގަ އެވެ. އެ މަސައްކަތް ހަވާލު ކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު "އަދަދު"އަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އެ ތަނުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެހެން ކަމުން ވަރަށް ބޮޑަށް ތަން ވީރާނާ ވެފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ރޯހައުސެއް-- ފޮޓޯ: ކައުންސިލް


އޭނާ ވިދާޅުވީ އެ ތަނުގެ މަސައްކަތް އަލުން ފަށާފައިވަނީ ބޮޑެތި ބަދަލުތަކާއެކު ކަމަށެވެ. އެގޮތުން ގެތަކުގެ ފުރާޅުތަކަށް ގެއްލުން ވެފައިވާތީ، އަލުން ފުރާޅުގެ ސްޓްރަކްޗާ އެއްކޮށް ބަދަލުކޮށް ގެތަކުގައި ޕާޓިޝަން ޖަހާގޮތަށް ހުރި ބައިތައް ފާރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް ވީރާނާވެފަ ހުރީ ފުރާޅުތަކާ ހުރިހާ އެއްޗެއްވެސް. ދެން އަޅުގަނޑުމެން ފަހުން އެތަނަށް ވަންނަ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ އަޅުގަނޑުމެން ރިކުއެސްޓް ކޮށްގެން ހަމަ ހުރިހާ ބްލޮކެއްގެ ހުރިހާ ފުރާޅެއްގެ ސްޓްރަކްޗާއެއް ބަދަލުކޮށްދޭން،" ރިލްވާން ވިދާޅުވި އެވެ.

އަދި މިހާރު ކުރިއަށް ދަނީ އެ ގެތަކުގެ ފިނިޝިން މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯހައުސެއްގެ ފާހަނާ ނިމިފައި-- ފޮޓޯ: ކައުންސިލް


"މިހާރު މި ދޭއިރު ހުންނާނީ މުށި ޖަހާފައި، ފާހަނާ ސެޓް އެއްކޮށް ލެވިފައި. ބަދިގެ ވެސް އެއްކޮށް ނިންމާފަ. ބަދިގެ ސެޓްވެސް ލާފައި. ފަރުނީޗަރު ހިފައިގެން ގޮސް ވަދެވޭވަރު ކޮށްފަ ހުންނާނީ،" ރިލްވާން ވިދާޅުވި އެވެ.

ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ދާއިރު ފިނިޝިން މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 69 މިލިއަން ރުފިޔާއަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ގެތަކުގެ މަސައްކަތް ނިމިގެން ދާއިރު އެ ތަނުގައި ހުންނަ ޕާކުގެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.