Advertisement

ވިނަރެސްއަކީ މި ސަރުކާރުން ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް: އަސްލަމް

20 ޖޫން 2022 - 20:06 0

އަމަން ހަލީމް

އަމަން ހަލީމް

މިއަދުގެ ހަރަކާތުގައި ހައުސިން މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ: އަސްލަމް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ ކާމިޔާބީއަށް މި ސަރުކާރަށް ދައުވާ ކުރެވޭނެ ކަމަށް. -- ފޮޓޯ: އަދަދު ފައިލް


ވިނަރެސްއަކީ މި ސަރުކާރުން ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް: އަސްލަމް

20 ޖޫން 2022 - 20:06 0

ކުރީ ސަރުކާރުން މަޝްރޫއު ފެށި ނަމަވެސް ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރު އައިސް މި ދައުރުގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން ހުޅުމާލޭގައި އަޅާފައިވާ 10 ޓަވަރުގެ ހައުސިން ޕްރޮޖެކްޓަށް މި ސަރުކާރުން ދީފައިވާ ނަމެކެވެ. މި މަޝްރޫއުގެ ދަށުން ސީއެމްއީސީން ވަނީ ތިން ކޮޓަރީގެ 1344 ހައުސިން ޔުނިޓު ތަރައްގީކޮށްފަ އެވެ.

އެކަމަކު މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ހިޔާ މަޝްރޫއުގެ ކޮމްޕޯނަންޓެއްގެ ގޮތުގައި އޭރު ފެށި މަޝްރޫއެއް ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ވިދާޅުވެ އެވެ.

ވިނަރެސް ޓަވަރުތަކާ ރަސްމީކޮށް ހަވާލުވާން ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅުވާ އަސްލަމް ވިދާޅުވީ ހަގީގަތުގައި މިއީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ސޮއިކުރި އެއްބަސްވުމަކުން އުފަންކުރެވުނު މަޝްރޫއެއް ކަމަށެވެ.

އަސްލަމް އެ އިޝާރާތްކުރެއްވީ ސީއެމްއީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ފޭސް ވަންގައި ހިންގި 1000 ހައުސިން ޔުނިޓު މަޝްރޫއާއި ހުޅުމާލޭގައި 704 ހައުސިން ޔުނިޓު އަދި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅެއްގައި 796 އަޅާގޮތަށް ހިންގި 1500 ހައުސިން މަޝްރޫއުއަށެވެ.

މި ދެ މަޝްރޫއަކީ ވެސް ސީދާ އޭނާ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ހިންގުނު މަޝްރޫއުތަކެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ވިނަރެސް މަޝްރޫއަކީ އޭރު ކުރެވުނު މަސައްކަތުން "އުފަންކުރި" މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިހާރު ފޭސް ޓޫގައި އަޅާފައިވާ 10 ޓަވަރުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ވިނަރެސްގެ ކާމިޔާބީއަށް މި ސަރުކާރަށް ދައުވާކުރެވޭނެ ކަމަށް ވިދާޅުވަނީ މި ސަރުކާރު ޕްރޮޖެކްޓާ ހަވާލުވީ އިރު ޕްރޮޖެކްޓުގެ މަސައްކަތް ކިރިޔާ ފެށި، ގިނަ ބިލްޑިންތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ނުފެށޭތީ އެވެ. އެހެންވެ މިއީ މި ދައުރުގައި ކުރެވުނު މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ދައުވާކުރަން އޭނާއަށް ހައްގު ކަަމަށް އޭނާ ވިދާޅުވި އެވެ.

"މި ދައުރުގައި ހަވާލުވިއިރު ޕްރޮޖެކްޓުގެ މަސައްކަތް ކިރިޔާ ހަމަ ފެށުނީ. ގިނަ ބިލްޑީންތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ނުފެށިފަ ވަނީ. އަޅުގަނޑަށް ހައްގު ހަމަ އަޅުގަނޑު ދައުވާކުރަން، މިއީ ވެސް ،އަޅުގަނޑުމެން މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް," އަސްލަމް ވިދާޅުވި އެވެ.

ވިނަރެސްއަކީ ހިޔާ ފްލެޓު މަޝްރޫއު ނަގާފައި ހުޅުމާލޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ހައުސިން މަޝްރޫއެވެ. އަސްލަމް ވިދާޅުވި ގޮތުގައި މިއީ މިހާތަަނަށް ސަރުކާރުން މިގޮތަށް ހިންގި މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އިމާރާތްކޮށްފައިވާ ޓަވަރުތައް ކަމަށެވެ.

"ފިނިޝްޑް ޕްރޮޑަކްޓު ބަލައިފިން. ބޭނުންކޮށްފައި ހުރި މެޓީރިއަލްގެ ކޮލިޓީ ރަނގަޅު. މަސައްކަތް ކޮށްފައި ހުރި ފެންވަރު ވެސް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

މިހެން ނަމަވެސް ކުދިކުދި މައްސަލަތަކެއް ހުރެދޭނެ ކަމަށާއި އެއީ ކޮންސެޕްޓުގައި ހުރި މައްސަލަތަކެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. މިކަންކަމާ އެކުވެސް މިހާ ރަނގަޅު ފެންވަރުގެ އިމާރާތްތަކެއް މިހާތަނަށް އަޅާފައި ނުވާ ކަމަށް ތަކުރާރުކުރައްވަމުން އޭނާ ވަނީ ސީއެމްއީސީއަށް ތައުރީފުކޮށް ޝުކުރުއަދާކުރައްވާފަ އެވެ.

ވިނަރެސްއަކީ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ ޓަވަރުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.

މިއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ ފްލެޓުތަކެކެވެ. މިހާރު މިތަނުގެ އެޕާޓުމަންޓުތައް ދައްކާލުން ކުރިޔަށްދާއިރު، އަންނަ މަހުގެ ތެރޭގައި މިތަންތަން ވިއްކާލަން ހުޅުވާލާނެ އެވެ. އެކަމަކު އަދި ތާރީހެއް ނުބުނެ އެވެ.