Advertisement

ސޯޝަލް މީޑިއާއާ ދުރަށް ދާންވީތަ؟

20 ޖޫން 2022 - 08:26 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ސޯޝަލް މީޑިއާއާ ދުރަށް ދާންވީތަ؟

20 ޖޫން 2022 - 08:26 0

ސޯޝަލް މީޑިއާއަކީ ރަނގަޅު ނުވަތަ ނުރަނގަޅު ނުފޫޒަކަށް ވަނީ ވެސް އެ މަންސައެއްގައި ތިޔަ ފޮލޯ ކުރާ އެކައުންޓުތަކުގެ ބާވަތުންނެވެ. އޭގެ ޒާތުގައި ވެސް އެ މަންސަތަކުގައި ހުރި މައްސަލަތަކެއް ހުއްޓަސް، މައިގަނޑު ނުފޫޒަކީ އެއީ އެވެ. މި ޒަމާނުގައި ސޯޝަލް މީޑިއާ އަކީ ހަބަރާއި މައުލޫމާތުގެ ހަޒާނާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާއި، މޫޑަށް ހެޔޮ ބަދަލު ގެނުވާ މަޖާ ކޮންޓެންޓުތަކުން އެ މަންސަތައް އެ ވަނީ މުއްސަނދި ކުރެވިފަ އެވެ. ރަހުމަތްތެރިންނާއި ދަންނަ މީހުންގެ ދަތުރުނާމާތަކުން ފެށިގެން އެ މީހުންނާ ކުރިމަތިވާ އުފަލާއި ހިތާމަތައް ހިއްސާކުރާ އެކުވެރިއަކީ ވެސް ސޯޝަލް މީޑިއާ އެވެ. މިހުރިހާ 'ރަނގަޅު' ކަންކަމާއެކު ވެސް، ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާލުމަކީ މިހާރު ވައިގައި ހިފަމުންދާ ޓްރެންޑެކެވެ. އޭގެ ސަބަބުތައް ގިނަ އެވެ.

އެހެން މީހުންގެ 'އުފާވެރިކަމާމެދު' ހަސަދަވެރިވެވުން

ހަސަދައަކީ ހަށިގަނޑުން އުފުލާ ގެއްލުން ބޮޑު ބުރައެކެވެ. މީހަކު އޭނާގެ އާއިލާއާއެކު ހޭދަކުރާ އުފާވެރި ވަގުތުތަކުގެ، ނުވަތަ ޗުއްޓީ ހޭދަކުރާ މަންޒަރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެއީ އޭނާގެ ދިރިއުޅުން ކަމަށް ދެކެވުމަކީ ބައެއް މީހުންނަށް ވާގޮތެކެވެ. އޭނާގެ ދިރިއުޅުން ކިހާ އުފާވެރިކަމާއި، ތިމާގެ ދިރިއުޅުމުގައި އެ އުފާ ނެތްކަމުގެ މައްޗަށް ވިސްނައި ފިކުރުކުރެވެ އެވެ. އަދި ގަސްތަކާ ނުލައި އެ އުފާތަކާމެދު ހަސަދަވެރިވެވެ އެވެ. އެ ހަސަދައިގެ ސަބަބުން އެހެން މީހަކަށް އަސަރެއް ނުކުރާއިރު ތިމާގެ ނަފުސަށާއި އިހުސާސްތަކަށް އެކަމުން ކުރިމަތިކުރުވާނީ ބޮޑު ގެއްލުމެކެވެ. މިގޮތަށް ދިމާވާނަމަ ވަގުތީ ގޮތުން ނަމަވެސް ސޯޝަލް މީޑިއާއާ ދުރަށް ޖެހިލުން ރަނގަޅެވެ.

މުޅި ދިރިއުޅުން ސޯޝަލް މީޑިއާއަށް ދޫކޮށްލެވުން

ސޯޝަލް މީޑިއާ ބޭނުންކުރާ އެންމެން އެ ތިބީ ތިބާ މިއަދު ހެނދުނު ކެއީ ކޮންއެއްޗެއްތޯއާއި، މާދަމާ ލާނީ ކޮން ހެދުމެއްތޯއާއި، މިއަދު ކިތައް ކިލޯ މީޓަރު ދުވެލިތޯ ބަލަން ޝައުގުވެރިވެގެނެއް ނޫނެވެ. ސޯޝަލް މީޑިއާގެ ދުނިޔެ އެނބުރެނީ ތިމާގެ ވަށައިގެން ކަމަށް ހީވެ، ކުރާ ކޮންމެ ކަމެއް އެ މަންސައިގައި ދޫކޮށްލުމަކީ މީހުންގެ ފަރާތުން ސިއްރުންނާއި ފާޅުގައި މަލާމާތުގެ ބަސް ރައްދުވާނޭ ކަމެކެވެ. އެ ވިހައަށް ހުށަނޭޅި، ޒާތީ ދިރިއުޅުން ޒާތީކޮށް ބޭއްވުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ތިމާގެ ރައްޓެހިންނާ ހެޔޮއެދޭ މީހުންނަށް ދައްކާލުމަށް މީހަކު ފޮޓޯއެއް، ނުވަތަ އެ މީހަކު ކުރި ކަމެއްގެ ވާހަކަ ހިއްސާކޮށްފާނެ އެވެ. އަބަދާއަބަދު އެކަން ކުރާނަމަ އެއީ މީހުންނަށް ކުރާ ޖެއްސުމެކޭ ހީވެ، މީހުން ރުޅި އަންނަ ގޮތް ވެދާނެ އެވެ. އޭގެ ނަތީޖާއަކަށްވާނީ ގިނަ ބައެއްގެ ނަފުރަތުގެ އަމާޒަކަށް ތިމާވުމެވެ. އެހެންވީމާ، ތިމާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ އާދަ ހުރި މީހެއްނަމަ ރަނގަޅު ގޮތަކީ ކުޑަ ބްރޭކެއް ނެގުމެވެ. އެނބުރި އަންނާނީ ސޯޝަލް މީޑިއާގައި ހިއްސާކުރާނީ ކޮން މިންވަރެއްކަން ކަނޑައަޅައި ނިންމައިގެންނެވެ.

މޫޑު ގޯސްވުން

ސޯޝަލް މީޑިއާއިން ފެންނަ ހަބަރުތަކާއި، އެ މަންސައިގައި ހަރަކާތްތެރި މީހުންގެ ވާހަކަ ފެނި މޫޑަށް އަސަރުކުރާނަމަ ރައްކާތެރި ގޮތަކީ ސޯޝަލް މީޑިއާއާ ދުރަށް ދިއުމެވެ. ޓުވީޓާ އަދި ފޭސްބުކަކީ ހުރިހާ ހަބަރަކާއި މައުލޫމާތެއްގެ މައި މަންސަތަކެވެ. އެ މަންސަތަކުން ފެންނަ ހަބަރުތަކާއި، އެ ހަބަރުތަކަށް ކޮށްފައިވާ ކޮމެންޓުތަކަކީ ތިމާގެ ޖަޒުބާތަށް އަސަރުކުރުވާ، އަދި އޭގެ ސަބަބުން މަސައްކަތްތަކަށް ދަތިވެދާ ކަމަކަށް ވެދާނެ އެވެ. އެހެންވަނީ ސޯޝަލް މީޑިއާއަށް ތިބާގެ ހިތުގައި ވެސް ދެވިފައި އޮންނަ ހާއްސަ މަގާމެއްގެ ސަބަބުންނެވެ. އޭގެ ހައްލަކީ އެ މަގާމު ދަށްކުރުމެވެ. އެއީ ދިރިއުޅުން ނޫންކަމާއި، ދިރިއުޅުމުގެ ކުޑަ މިންވަރެއްކަން ގަބޫލުކުރުމެވެ. އެކަން ގަބޫލުކުރެވެންދެން ސޯޝަލް މީޑިއާއާ ދުރަށް ދިއުމަކީ އެފަދަ މީހަކަށް އެންމެ ރައްކާތެރި ގޮތެވެ.

ފޭކް އެކައުންޓުތައް

ތިބާގެ އެންމެ ކައިރީގައި އުޅޭ މީހާވެސް ސޯޝަލް މީޑިއާގައި ދިހަ ބާރަ އެކައުންޓު ގެންގުޅެ އެވެ. އޭގެ ތެރެއިން ތިބާއަށް އެނގެނީ ދެތިން އެކައުންޓެވެ. ކުއްލިއަކަށް ސޯޝަލް މީޑިއާގައި ތިބާއާ ބެހޭގޮތުން ކޮށްފައި އޮންނަ ޕޯސްޓަކީ އެކުވެރިއާއަށް ނޫނީ ނޭނގޭނޭ މައުލޫމާތެކޭ ހީވާނަމަ އެ އުފެދެނީ ފިތުނައެކެވެ. ރާއްޖެއަށް އެކަނި ބަލާއިރުވެސް، ބައެއް މީހުންގެ ފޮލޯވާސްގެ އަދަދު ލައްކައިން މައްޗަށް އަރަ އެވެ. އެކަމަކު، ރާއްޖޭގައި ޓުވީޓާ ބޭނުންކުރާ އުޅެނީ ފަންސަވީހަކަށް ނުވަތަ ތިރީސްހާސް މީހުންނެވެ. ދެން މިހުރީ އެއްކަލަ 'ފޭކް އެކައުންޓް' ތަކެވެ. ބޮޓެވެ. މި އެކައުންޓުތަކުން އުފައްދާ ފިތުނައަށް ކެތްކޮށްނުލެވޭނަމަ އެންމެ ރަނގަޅު ގޮތަކީ އެ މަންސަތަކުން ވަކިވުމެވެ.

ސޯޝަލް މީޑިއާއަކީ ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ރަނގަޅު މުޖުތަމައުއެއް ބިނާކުރެވުމުގެ މަގެކެވެ. ހެޔޮ މައުލޫމާތާއި ހިތްހަމަޖެހުމާއި އުފާވެރިކަން ފެތުރުމަށް އެއީ އެންމެ ކުރު އަދި ފަސޭހަ މަގެވެ. ފިތުނަތަކުން ހަރާބުކޮށްފިނަމަ އެއީ މުޖުތަމައުގެ ހަލާކެވެ. ދެމިޔަލީ ހަންޖަރެކެވެ. ސޯޝަލް މީޑިއާއިން އުފެދޭ ފިތުނައިން ތިބާގެ ޖަޒުބާތަށް ކުރުވާ ނޭދެވޭ އަސަރުގެ ތިލަފަތް ބަރުވެއްޖެނަމަ އެވީ އެ މަންސަތަކުން ހިނދުކޮޅަކަށް ނަމަވެސް ވަކިވެލާށެވެ. އޭގެ ފަހަށް ބޭނުންތެރިކަންކަމުގައި ވަގުތު ހޭދަ ކުރަންވީ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި އަމިއްލަ ނަމުގައި ބޭނުންކުރާ އެކައުންޓު ޑިއެކްޓިވޭޓުކުރުމަށްފަހު ފޭކު އެކައުންޓަކުން ހުރިހާ އެންމެންގެ އަމަލުތަކަށް ލޯއަޅައި، ފާޑު ކިޔަން އިންނަނަމަ އެ ސޯޝަލް މީޑިއާ ދޫކޮށްލައިގެން ހޯދަން ތިޔަ އުޅޭ ފަރުވާއެއް ނުލިބޭނެ އެވެ. އެކަންވެސް ކުރަންވާނީ ހެޔޮ ނިޔަތުގައި، އަމިއްލަ ނަފުސަށް ދޭ ފަރުވާއެއްގެ ގޮތުގަ އެވެ.