Advertisement

އާރަށު މައްސަލާގައި ޒިޔަތުގެ ލެޕްޓޮޕެއް ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި

19 ޖޫން 2022 - 16:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތުގައި ދައުލަތުގެ ހެކިވެރިއަކު ހެކިބަސް ދެނީ


އާރަށު މައްސަލާގައި ޒިޔަތުގެ ލެޕްޓޮޕެއް ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި

19 ޖޫން 2022 - 16:28 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ނަގައިފި އެވެ.

ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކޮށް ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ތައްޔާރުކޮށްފައިވާ އޮފިސަރު އިބްރާހީމް ޒުހައިރު މިއަދު ޝަރީއަތަށް ހާޒިރުވެ ބުނެފައިވަނީ އެ ލެޕްޓޮޕުން އޭނާ ތަހުލީލުކުރީ ވައިބާ އިމޭޖް ފައިލްއެއް ކަމަށެވެ. އޭނާ ބަލާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނަންބަރުގެ އިތުރުން އަދި އިތުރު ދެ ނަންބަރަކަށް އެ ލެޕްޓޮޕްއިން ކޮށްފައިވާ ވައިބާ މެސެޖްތަކެވެ.

އަދީބުގެ ނަންބަރުގެ އިތުރުން ދެން އެ އޮފިސަރު ބެލި އިތުރު އެއް ނަންބަރު ރަޖިސްޓްރީ ކޮށްފައިވަނީ އަބްދުﷲ ޒިޔަތުގެ ބޭބެ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތުގެ ނަން މައްޗަށެވެ. ނަމަވެސް އެއީ އޭރު ސީދާ ކާކު ބޭނުން ކުރި ނަންބަރެއް ކަމެއް މިއަދުގެ ޝަރީއަތުގައި އެ ހެކިވެރިޔާ ނުބުނެ އެވެ.

ހެކިވެރިޔާ ބުނި ގޮތުގައި ލެޕްޓޮޕް ތަހުލީލުކޮށް ހޯދި ވައިބާ ޗެޓްލޮގް އިމޭޖްގައި ހިމެނެނީ ފެބްރުއަރީ 9، 2015 އިން ފެށިގެން ސެޕްޓެމްބަރު 6، 2015 އާ ދެމެދު އަދީބާއި އިތުރު ނަންބަރުުތަކަކަށް ކޮށްފައިވާ ޗެޓުތަކެކެވެ. އެއީ އެ ނަންބަރަށް ވައިބާ އެކައުންޓެއް އުފައްދާފައިވާ މުއްދަތު ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނި އެ މުއްދަތަކީ އާރަށު ހިޔާނާތް ހިންގުމަށްޓަކައި ޔާމީނާއި ޔޫސުފް ނައީމްގެ މެދުގައި ވެސް މުއާމަލާތްތަކެއް ހިންގުނު ކަމަށް ދައުލަތުން ބުނާ މުއްދަތުގެ ތެރޭގައި ހިމެނޭ މުއްދަތެކެވެ.

ނަމަވެސް އެ ޗެޓުތަކުގައި ހިމެނޭ ކަންކަން ހެކިވެރިޔާއާ ސުވާލު ކޮށްފައި ވެސް ނެތުމުން އޭނާ ކިޔައިދީފައެއް ނުވެ އެވެ. ދިފާއީ ވަކީލުންގެ ފަރާތުން ވެސް މައިގަނޑު ގޮތެއްގައި ސުވާލުތައް އަމާޒުކުރީ އެ އޮފިސަރަށް އެ މަސައްކަތް ކުރުމުގެ ހުރި ގާބިލްކަމާއި، ލެޕްޓޮޕް ތަހުގީގު ކުރުމަށްޓަކައި އޮފިސަރުން މެދުގައި ލެޕްޓޮޕް ހަވާލު ކުރެވިފައި އޮތް "ޗެއިން އޮފް ކަސްޓަޑީ" އާ ގުޅޭ ގޮތުންނެވެ.

ވ. އާރަށާ ގުޅޭ އެއްވެސް ވާހަކައެއް ހިމެނޭތޯ ޔާމީންގެ ބައެއް ވަކީލުން ސުވާލު ކުރުމުން ދައުލަތުން އިއުތިރާޒް ކޮށްފައިވެ އެވެ. ވ. އާރަށުގެ މުއާމަލާތާ ގުޅޭ ކަމެއް އެ އޮފިސަރު ސީދާ ތަހުގީގު ކޮށްފައި ނެތުމުން އެ ސުވާލު ނުކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. ޝަރީއަތުން ވަނީ ދައުލަތުގެ އިއުތިރާޒް ބަލައިގެންފަ އެވެ.

ހެކިވެރިޔާގެ ތައުލީމާއި ތަޖުރިބާ އިތުރަށް ޔަގީންކުރަން އޭނާގެ އެ ލިޔެކިއުންތައް ހިއްސާކުރަން ޔޫސުފް ނައީމްގެ ފަރާތުން ވަނީ އެދިފަ އެވެ. އެ ލިޔުންކިޔުންތައް ދައުލަތަށް ހިއްސާކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ތަކެތި ޝަރީއަތަށް ހިއްސާ ކުރަން ދެ ދުވަހުގެ ފުރުސަތެއް ދޭން ދައުލަތުން އެދުމުން، ދެ ދުވަސް ތެރޭގައި އެ ތަކެތި ޝަރީއަތަށް ހިއްސާ ކުރަން ގާޒީ އެންގެވި އެވެ.

ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރާއިރު، މި މައްސަލާގައި މިހާތަނަށް ހެކިބަސް ނަގާފައިވަނީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ހަތަރު އައިފޯނާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރެއްގެ ހެކިބަހެވެ. ދެން މި މައްސަލާގައި ހެކިބަސް ނެގީ މިއަދު ޝަރީއަތަށް ހާޒިރުކުރި ހެކިވެރިޔާގެ ހެކިބަހެވެ.

މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާ މި މަހުގެ 26 ވަނަ ދުވަހުގެ 9:30 ގައި ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވި އެވެ. އެ ދުވަހު ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަސް ނެގުން ކަމަށާއި ހެކިބަސް ނަގައި ނިމެންދެން އެ ދުވަހުގެ ޝަރީއަތް ކުރިއަށް ދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސެޕްޓެމްބަރަށް ޝަރީއަތް ނިންމަން އަމާޒު ހިފާފައި

އިސް ގާޒީ ޝަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތުން ގަސްތު ކުރަނީ ޖޫން މަހުގެ ތެރޭގައި ހެކިބަސްތައް ނަގައި ނިންމުމަށެވެ. ހެކި ބަސް ނެގުމުގެ މަރުހަލާ ނިމިގެން ހެއްކާ ގުޅޭ ގޮތުން ވަކި އަޑުއެހުމެއް ބާއްވަން ވެސް ޝަރީއަތުން ނިންމި އެވެ. ޝަރީއަތުން ފުރަތަމަ ބޭނުންވީ ޖުލައި މަހު އެ އަޑުއެހުން ބޭއްވުމަށެވެ. އެކަމަކު ޖުލައި މަހު މި މައްސަލާގައި ހިމެނޭ ދައުލަތުގެ ވަކީލުން އަހަރީ ޗުއްޓީއަށް ދާތީ, އޮގަސްޓް މަހު ބާއްވަން ނިންމި އެވެ.

މީގެ އިތުރަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ވެސް އޮގަސްޓް މަހު ތެރޭގައި ބާއްވަން ނިންމި އެވެ. ހުލާސާ ބަޔާނަކީ މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިއަށް، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތަކަށް ހުލާސާ ގޮތެއްގައި ފާހަގަކުރެވުނު ކަންތައްތައް ބަޔާން ކުރަން ދޭ ފުރުސަތެކެވެ.

ޖިނާއީ އިޖުުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ހުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު ތެރޭ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ބައެއް ފަހަރު ދިމާވާ ކަންކަމުން 30 ދުވަހަށް ވުރެ ދިގު ދެމިގެން ވެސް ދެ އެވެ.

ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.