Advertisement

އަވެލިން އަލިފު ކަނޑާލުން!

23 ޖުލައި 2022 - 10:12 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ޝަމްސުއްދީން ރަސްގެފާނު: އެ ޒަމާނުގައި އަވެއްޔަކީ ޖަލުގައި ގައިދީންނަށް ދޭ ކޮއްތެއް -- ފޮޓޯ: އަދަދު ފައިލް


އަވެލިން އަލިފު ކަނޑާލުން!

23 ޖުލައި 2022 - 10:12 0

ޖަލުގައި ބަންދުކުރެވޭ މީހުންނަށް އެކި ޒާތުގެ އަނިޔާކުރުމާއި، އެމީހުންނާމެދު ލާއިންސާނީ އަމަލުތައް ހިންގުމަކީ އޭގައި ދިގު ތާރީހެއް އޮތް ކަމެކެވެ. ޖިސްމާނީ އަނިޔާގެ އިތުރުން އެކި ޒާތުގެ ފުރައްސާރައާއި ބަހުގެ ވިހަގަދަ ތީރުތަކުން ދިން ޒަހަމުތަކުން ލީ ލަކުނު ނުފިލައިތިބި އެތައް ބަޔަކު މިހާރުވެސް މި މުޖުތަމައުގައި ތިބޭނެ އެވެ. އޭގެ ތެރެއިން ތާރީހުން ޖާގަ ހޯދަނީ ވެރިންނާއި ބޮޑުންނެވެ. އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ކުޑަ ތަކުލީފުތަކަކަށް ވެސް އަނިޔާގެ ސިފަދީ، ތާރީހުގެ އަތުން ކުރެހި ކުލަގަދަ މަންޒަރުތައް އަދިވެސް އޭގެ އޮފުދާރުކަމާއެކު އެބަހުއްޓެވެ. އަނެއްކޮޅުން 'ދެރަ ނިކަމެތި މީހާ' އަށް ލިބޭ އަނިޔާތަކުގެ ވާހަކަ ފުލޯކު ވާހަކަތަކުގެ ތެރޭގައި ވެސް ހިމެނިފައެއް ނުވެ އެވެ. ސިޔާސީ މަގުސަދަކަށްޓަކައި ބޮޑަކު އެވާހަކަ ދެއްކިއްޔާ މެނުވީ އެވެ.

ޝަމްސުއްދީން 3 ގެ ރަސްކަމަކީ ހައިޖާނު ބޮޑު ރަސްކަމެއްކަމެއް ކަމަށް ތާރީހު ހެކިދެ އެވެ. ވެރިކަމާ ތޮޅުމުގެ އެކިވަރުގެ ހާދިސާތައް ދޭތެރެދޭތެރެއިން ކުރިމަތިވެ އެވެ. އެއިން ކޮންމެ ފަހަރު އެކަމަކުން އަރައިގަނެވޭއިރު މީހުންނާއި ނުމީހުންނަށް ވެސް އޮންނަނީ އެކިވަރުން އަދަބު ލިބި ރަދުންނާއި ބޮޑުންގެ ކޯފާއާ ކުރިމަތިލާންޖެހިފަ އެވެ.

ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ކުރިމަތިވި އެއް ހާދިސާއަކީ ހާޖީ އިމާދުއްދީން އެނބުރި ރާއްޖެވަޑައިގެން އެ ރަދުންގެ ދަރިކަލުން އަބްދުﷲ އިމާދުއްދީނަށް ވެރިކަން ހޯއްދަވައި ދެއްވަން ކުރެއްވި މަސައްކަތްޕުޅެވެ. އޭރު ޝަމްސުއްސީން ރަދުންގެ ވެރިކަމާ ނުރުހިގެންވީ މަދުނޫން އަދަދެއްގެ ބަޔަކު މާލެތެރޭގައި ވި އެވެ. އަބްދުﷲ އިމާދުއްދީނަށް ބައިއަތުހިފައި ގަޑުބަޑުގައި ބައިވެރިވި އިސް ބޭފުޅުންގެ ތެރޭގައި ކަކާގޭ އިސްމާއީލް ދީދީއާއި، ބޮޑުފެންވަޅުގޭ ސީދީއާއި މެދުސީދީގެ ސީދީ ހިމެނެ އެވެ. މީގެ އިތުރުން މާންދޫގޭ ތުއްތު މަނިއްޕުޅުގެ އަތިރީ ހަކުރާ ދީދީގެ މަނިއްޕުޅާއި ކަންޒުދޮށުގޭ މަނިއްޕުޅުގެ އަބްދުލް މަޖީދު ދީދީ އާއި މުހައްމަދު ދިދީ އާއި އަދި އަހުމަދު ދީދީ ފަދަ ކަމުވޮށިގެންވީ ބޭބޭފުޅުންވެސް ތިއްބެވީ މި ގަޑުބަޑަށް ރުހިގެންނެވެ. އާންމުންގެ ތެރެއިން އަބްދުﷲ އިމާދުއްދީނަށް ބައިއަތު ހިފި މީހުންގެ ތެރޭގައި ބަތްހިއްކާގޭ ޔޫސުފުފުޅުގެ ދޮންތުއްތު އާއި އަލީ ދޮންކޮއްކޮއާއި ތުބުޅި ކުޑަދީދީގެ އަލިމަނިކާއި މުލީގޭ ތުއްތު ދީދީގެ އަބްދުالله ދިދީ އާއި ބޮއިކާސިމާއި މާންދޫ އެދުރުގޭ ތުއްތުގެ މުހައްމަދު ދިދީ ހިމެނެ އެވެ. އިތުރަށް ފާހަގަކުރެވެނީ މި ލިޔުން އެ ބޭފުޅެއްގެ ވާހަކައަށް ހާއްސަކުރެވޭ ޑާޑާ ކާސިން ކަލޭފާނެވެ. އެއީ އޭރު ސިފައިންގެ ބޭކަލެކެވެ.

ޝަމްސުއްދީން 3 ގެ ވެރިކަން ފުރޮޅާލުމަށް އަބްދުﷲ އިމާދުއްދީން ކުރެއްވި މަސައްކަތުގައި އެހީތެރިންގެ ގޮތުގައި ނުމީހަކު ނެތެވެ. އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައިވާ ގޮތުގައި މި އެންމެންވެގެން ރަސްކަން ހިފުމަށް ނުކުތުމަށް ނިންމި ޖަލްސާ ބޭއްވީ ފެބުރުއަރީ 9، 1925 ގަ އެވެ. އެ ޖަލްސާއޮތީ މެދުސީދީގެ ސީދީގެ ގެއެއްގަ އެވެ. އެރޭގެ ޖަލްސާގެ 'ޔައުމިއްޔާ' ޖަލްސާކުރާ މާލަމުގެ ހަތަރު ފާރުން ބޭރުވެ، އެ ދިޔަގޮތަކަށް ގޮސް ރަދުންނަށްވެސް މި ގަޑުބަޑުގެ ހިލަން ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން މިކަމުގައި ޝާމިލުވާ އެންމެން އެރެއިން އެރެއަށް ހައްޔަރުކުރެވިއްޖެ އެވެ.

މި ހައްޔަރުކުރި ބޭބޭފުޅުންގެ ތެރެއިން ބޮޑުފެންވަޅުގޭ ސީދީއާއި މެދުސީދީގެ ސީދީ ފަދަ ބޭފުޅުންނަށް ޝަމްސުއްދީން ރަދުންގެ ސަރުކާރުން ދެއްވި 'އަނިޔާ' ތަކުގެ ވާހަކަ ތާރީހުގައި ލިޔެވިފައި ވެ އެވެ. އެއާ ވިދިގެން ހުރި ވާހަކަތަކުން އަނިޔާގެ ތާރީހީ އެ ހަގީގަތުގެ ބިނާގައި ރެނދު އެޅިފައިވާތަން ފެނެ އެވެ.

ސީދީ ބަންދުކުރެވުނީ ބަނޑޭރިގޭގަ އެވެ. ހިތްވަރުފުޅުގަދަ، އަބަދުވެސް ގޮތުގައި ހުންނަވާ ސީދީ ވިދާޅުވީ ބަންދުގައި ހުންނެވިނަމަވެސް ބަނޑޭރިގެއިން ދޭ އެއްޗެއް ފަރިއްނުކުޅުއްވާނޭކަމަށެވެ. އެއީ އޭނާ ކުރެއްވި އިހުތިޖާޖުގެ ބައެކެވެ. ސަރުކާރަށް ޖެހުނީ އެގޮތް ގަބޫލުކުރާށެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ގެކޮޅުން ސައިފޮދާއި ފަރިއްކޮޅު ގެންނެވުމުގެ ހުއްދަވެސް ސީދީއަށް ދެއްވި އެވެ.

ބޮޑުފެންވަޅުގޭ ސީދީއަކީ އެތައް ގޮތަކުން، އެތައް ދާއިރާއަކުން މުޖުތަމައުގެ ގަދަރާއި، މީހުންގެ ރުހުން ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއާ 'ކުޅެލުމަކީ' ޝަމްސުއްދީން ރަދުންގެ ވެރިކަމަށްވެސް ކުރަން ކެރޭ ވަރުގެ ކަމަކަށް ނުވެ އެވެ. އަބްދުﷲ އިމާދުއްދީން ކުރެއްވި މަސައްކަތުގައި ބައިވެރިވި އެއްވެސް މީހެއްގެ ގައިގައި ދުއްރައިން ނުތެޅުމަށް ސަރުކާރުން ނިންމެވީ އެކަމުގައި ބޮޑުފެންވަޅުގޭ ސީދީ ހިމެނިވަޑައިގަންނަވާތީ އޭނާ ގައިގައި ދުއްރައިން ނުތެޅުމަށެވެ. އެހެންވެ ތެޅުމުގެ ބަދަލުގައި އެންމެންވެސް އެކި ރަށްރަށަށް އަރުވާލީ އެވެ. ސީދީ އަރުވާލީ މާމަކުނުދޫ އަށެވެ.

އެހެންނަމަވެސް، މިކަމުގެ ތެރޭގައި ހިމެނުނު ޑާޑާ ކާސިމަށް ސަރުކާރުން 'ހޭއަރުވާލި' އެވެ. ޑާޑާ ކާސިމްގެ މައްޗަށް ތުހުމަތުކުރެވުނީ ގަޑުބަޑުގެ ބައިވެރިންނަށް ގަނޑުވަރަށް ވަދެވޭނޭ ގޮތް ހެދުމަށްޓަކައި ގަނޑުވަރު ބޮޑު ދޮރޯށި ހުޅުވައިދޭން އެއްބަސްވިކަމަށެވެ. މިމައްސަލައިގެ ތަހުގީގެއް ކުރެވި އެ ތަހުގީގަށް ސާބިތުވި ކަންކަމުގެ އަލީގައި ނިންމީ ޑާޑާ ކާސިންކަލޭފަނަށް ބުރިހަންނެގުގެ އަދަބު ދިނުމަށެވެ. ލަހެއްފަހެއް ނެތި އެ އަދަބު ތަންފީޒު ކުރެވުނެވެ. ބުރިހަންނެގުމަކީ އެޒަމާނުގައި ސިޔާސީ ކުށްކުށަށް ދައުލަތުން ދެއްވި އެންމެ ބޮޑު އުގޫބާތެވެ.

ޑާޑާ ކާސިމް ބުރިހަންނަގައި ދޫކޮށްލީކީ ނޫނެވެ. ބަނޑޭރިގޭ އަށިގޭގައި ބަންދުކޮށްފައި ބޭއްވީ އެވެ. ބޭއްވީ ވެސް ބިޑި އަޅުވާފަ އެވެ. އެގޮތަށް އޮންނަވާއިރު އަށިގެން ލިބޭ ކެއުމަކީ ބައިލާހި ދެބައިކުޅަ އެއްބައިހާ ރޯ ނުފިލުވާ ހިކި އަވެއްޔާއި ހިކި ކުރޮޅި ކިބަޔަކާއި ދޮޅުއިންޗިއެއް ހުންނަ ވަރުގެ ހިކި ކަނޑުމަސްބުރިއެކެވެ. ޑާޑާ ކަލޭފާނު ނުވަތަ ޑާޑާ ކާސިމްއަކީ އިސްކޮޅުން ދިގު، ޖާނުން ވަރުގަދަ މީހަކެވެ. އޭނާގެ ހަށިގަނޑުގެ ސައިޒާއި ހެލިފެލިވުން ހުންނަ ގޮތަށް ބަލާއިރު އަށިގެއިންދޭ ކާއެތިކޮޅަކީ ބުރަކަށި ކޮޅަށް ބެހެއްޓުމަށް ފުދޭ ވަރުގެ އެތިކޮޅަކަށް ނުވެ އެވެ.

އޭނާ ބަނޑޭރިގޭގައި ދެންނެވީ އެވަރުގެ ކާއެތިކޮޅަކުން ނުފުދޭނޭކަމަށާއި، އިތުރަށް އަވެލިކޮޅެއް ދިނުމަށް އެދޭކަމަށެވެ. އެ އާދޭހަށް އޭނާއަށް ލިބުނީ ފުރައްސާރައިގެ ޖަވާބެކެވެ. އަށިގޭގެ ވެރިންގެ ފަރާތުން ލިބުނު ޖަވާބަކަށްވީ އިތުރަށް އަވެލި ދެވެން ނެތްކަމަށާއި، އެހެންނަމަވެސް އަވެލިން އަލިފު ކަނޑާލީމާ ދެން އެބުނާ ވެލި ބޭނުންވަރަކަށް ލިބިދާނޭ ކަމަށެވެ.

މިއީ ޑާޑާ ކާސިން ކަލޭފާނަށް ދައުލަތުން ކުޅަ ފުރައްސާރައެކެވެ. އެހެންނަމަވެސް ޑާޑާ ކާސިން ކަލޭފާނު ދެއްވީ ސަރުކާރުން ހައިރާންވި ޖަވާބެކެވެ. ވިދާޅުވީ ބަނޑޭރިގެއިން ހުށަހެޅުއްވި ގޮތް ހަމަ ރަނގަޅު ކަމުގަ އެވެ. އެހެންވީމާ، ބައިލާހި ދެބައިކުޅައެއްބައި އަވެއްޔާއެކު ހަމަ އެ މިންވަރަށް ވެލި ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ބަނޑޭރިގޭގެ ވެރިންނަށް ލިބުނު ސިހުމާއި ހައިރާންކަން ބޭރަކަށް ނުދައްކަ އެވެ. ޑާޑާ ކާސިމްގެ އެ ހުށަހެޅުމަކީ ހަމައެކަނި ގަދަ ދައްކާލުމެއް ކަމަށް ބަލައި، އޭނާ އެދުނުގޮތަށް އެކަން ހަމަޖެއްސެވި އެވެ. އެއްވެސް މީހަކު އަވެއްޔާ އެއްކޮށްގެން ވެލި ކައިފާނޭކަމަށް އަށިގޭގެ ވެރިންނަށް ގަބޫލުނުކުރެވުނީ އެވެ. އެހެންނަމަވެސް ޖަލުގައި އިންހައި ދުވަހަކު އޭނާ ކައިއުޅުނީ އަވެއްޔާއި ވެލި އެއްކޮށްގެންނެވެ. ފަހުން ޑާޑާ ކާސިންކަލޭފާނު އަށިގޭ ބަންދުން މިނިވަންކޮށް އަރުވާލީ އައްޑުއަތޮޅަށެވެ.