Advertisement

ޕީޕިއެމް ކައުންސިލް މެންބަރުން ވޯޓު ދީގެން ކައުންސިލަށް އާ މެންބަރުން ހޮވައިފި

19 ޖޫން 2022 - 12:09 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރޭ ބޭއްވި ޕީޕީއެމް ކައުންސިލް އިންތިހާބުގެ ތެރެއިން- ފޮޓޯ: ޕީޕީއެމް


ޕީޕިއެމް ކައުންސިލް މެންބަރުން ވޯޓު ދީގެން ކައުންސިލަށް އާ މެންބަރުން ހޮވައިފި

19 ޖޫން 2022 - 12:09 0

ޕީޕީއެމް ކައުންސިލް މެންބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުން ވޯޓު ލައިގެން، އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މީހުން އިންތިހާބު ކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި ރޭ ކުރިއަށް ދިޔަ އިންތިހާބުގައި ޖުމްލަ 17 މެންބަރުން އިންތިހާބު ކޮށްފައިވެ އެވެ. އެއީ އެ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވައިދަށް އެންމެ ފަހުން ގެނެވުނު ބަދަލާއެކު ކައުންސިލަށް އަލަށް ހޮވަން ނިންމި 10 މެންބަރުންނާއި އަންހެނުންނަށް ހާއްސަކޮށްގެން ހޮވާ ފަސް ގޮނޑި އެވެ.

ކައުންސިލަށް އަލަށް ހޮވި 17 މެންބަރުން ހޮވާފައިވަނީ، ޕާޓީގެ ކައުންސިލްގައި މިހާރު ތިބި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ކަމަށް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހަށް ވިދާޅުވި އެވެ.

ކައުންސިލްގައި މިހާރު ޖުމްލަ 63 މެންބަރުން ތިބޭއިރު، ވޯޓުގައި 51 މެންބަރަކު ބައިވެރިވެފައިވެ އެވެ.

އަލަށް އިންތިހާބުވި ކައުންސިލް މެންބަރުންގެ ތެރޭގައި މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެން ވަކިކުރި މުހައްމަދު މަލީހް ޖަމާލާއި ޕީޕީއެމް ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ނާޒިމާއި ތޯރިގް އިބްރާހީމް ހިމެނެ އެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ)ގެ އިތުރުން ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ ޒުވާނުން ވަނީ ކައުންސިލަށް އިންތިހާބުވެފަ އެވެ.

ޕީޕީއެމްގެ ކައުންސިލަކީ އެ ޕާޓީގެ މުހިންމު ނިންމުންތައް ނިންމާ ކައުންސިލެކެވެ. އެގޮތުން، ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ދޭނީ ޕްރައިމަރީއަކުންތޯ ނުވަތަ ޓިކެޓް ދޭނީ ކައުންސިލުންތޯ ނިންމާނީ ވެސް އެ ކައުންސިލުންނެވެ.