Advertisement

ވާގޮތް: ޖަސްޓިން ބީބާއަށް ޖެހުނު "ރަމްސޭ ހަންޓް ސިޑްރޯމް"

18 ޖޫން 2022 - 17:03 0


ވާގޮތް: ޖަސްޓިން ބީބާއަށް ޖެހުނު "ރަމްސޭ ހަންޓް ސިޑްރޯމް"

18 ޖޫން 2022 - 17:03 0

މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ބަހުސްކުރެވުނު އެއް ކަމަކީ އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޖަސްްޓިން ބީބާ ސްޓޭޖަށް ނޭރޭ ވަރަށް ބަލިވެއްޖެ ކަމަށް އޭނާ އަމިއްލައަށް އިއުލާނުކުރި ކުރުމެވެ. ވެރިފައިކޮށްފައިވާ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ފޭނުންނަށް ދޫކޮށްލި ވީޑިއޯ މެސެޖްގައިވާ ގޮތުން ޖަސްޓިންގެ މޫނުގެ އެއްފަޅި އޭރު ހުރީ މުޅިން ވާގިނެތިފަ އެވެ.

"މިއީ އަހަރެންގެ ކަންފަތާއި މޫނުގެ ނާރުތަކަށް ހަމަލާދީ މޫނުގެ ވާގި ނައްތައިލި މި ވައިރަހުގެ ސަބަބުން ވެފައިވާ ގޮތް. ކަލޭމެންނަށް ތިޔަ ފެންނަ ފަދައިން އަހަރެންނަކަށް އެއްސިޔައެއް ނުޖެހޭ،" ޖަސްޓިން އޭނާގެ އިންސްޓަގްރާމް އެކައުންޓުން އާއްމުކުރި ވީޑިއޯގައި ބުންޏެވެ.

ސިއްހީ ދިރާސާތައް ކޮށް މައުލޫމާތު އާއްމުކުރާ އެމެރިކާގެ މަޔޯ ކްލިނިކުން ބުނާ ގޮތުގައި އެގޮތަށް ދިމާވަނީ ވަަރުގަދަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން މޫނުމަތީގެ ނާރުތަކަށް ލިބޭ ގެއްލުމަކުންނެވެ. އެ ބައްޔަށް ކިޔަނީ "ރަމްސޭ ހަންޓް ސިޑްރޯމް" އެވެ. އެ ބަލި ޖެހެނީ ފާނަބަަސަންދު ޖައްސާ ވައިރަހުންނެވެ.

ރަމްސޭ ހަންޓް ސިންޑްރޯމްގެ އަލާމާތްތައް

ރަމްސޭ ހަންޓް ސިންޑްރޯމް ދެނެގަންނާނެ މައިގަނޑު ދެ އަލާމާތެއް ވެ އެވެ. އެއް ކަމަކީ އެއް ކަންފަތުގައި ނުވަތަ ކަންފަތުގެ ވަށައިގެން ރަތްވެ، ފެން އަރާފައިވާ ބިހިގަނޑެއް ހެން ހުރި ތަނެއް ހުރުމެވެ. އަނެއް ކަމަކީ މޫނުގެ އެއް ފަރާތް ވާގިނެތުމެވެ.

އާއްމު ގޮތެއްގައި މި ދެ ކަންތައް ވެސް ފެންނާނީ އެއްފަހަރާ އެވެ. އެކަމަކު މި ދެކަންތައް ވަކިވަކިން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރަތްވެފައި ތަނެއް ނުހުރުމަކީ ވެސް ބައެއް ފަހަރު ވެދާނެ ގޮތެކެވެ.

މި ދެކަންތަކުގެ އިތުރަށް ފެނިދާނެ އަލާމާތްތަކަކީ:

  • ކަންފަތުގައި ރިއްސުން.
  • ބީރުވުން
  • ކަންފަތުން އަޑެއް އިވިއިވިހުރުން
  • އެއްލޯ މަރަން އުނދަގޫވުން
  • ބޯއެނބުރުން
  • ރަހަލުމުގެ ހިއްސަށްް ބަދަލުއައުން ނުވަތަ ރަހަނުލުން
  • ލޮލާއި އަނގަ ހިކުން

ބަލި ޖެހޭ ގޮތް

ރަމްސޭ ހަންޓް ސިންޑްރޯމަކީ ކުރިން ފާނަބަސަންދު ޖެހިފައިވާ މީހުންނަށް ޖެހޭ ބައްޔެކެވެ. ފާނަބަސަންދު ޖެހި ރަނގަޅުވުމަށް ފަހު އެބަލީގެ ވައިރަސް (ވެރިސެލާ ޒޮސްޓާ ވައިރަސް) ހަށިގަނޑުގައި ދާއިމަށް ހުރެ އެވެ. ހަރަކާތް ހުއްޓިފައި އެތައް އަހަރެއް ވަންދެން ހުރުމަށް ފަހު އެ ވައިރަހުގެ ހަރަކާތް ކުއްލިއަކަށް ފެށުމަކީ ވާގޮތެކެވެ. އެހެން ހަރަކާތްތެރިވާ އިރު ފެންނާނީ ރަތްވެ، ފެން އަރާފައިވާ ތަންކޮޅެކެވެ.

އެކަމަކު އާއްމުގޮތެއްގައި މިއީ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ ކަމެކެވެ.

ނޯޓް: މި ލިއުމަށް މައުލޫމާތު ނެގީ ދިރާސާތައްކޮށް ޝާއިކުރާ މަޔޯ ކްލިނިކުންނެވެ.