Advertisement

ނޫމަރާ ބަނދަރަށް ވެލި އަރައި، ބޭނުން ނުކުރެވޭތާ އަށް މަސްވެއްޖެ

18 ޖޫން 2022 - 12:52 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނޫމަރާ ފަޅަށް ދޯންޏެއް ވައްދާފައި: އެ ރަށުގެ ބަނދަރަށް ވެލި އެޅި، ރަށުން ފުރައި ފޭބުން އޮތީ ވަރަށް ދަތިވެފައި -- ފޮޓޯ:


ނޫމަރާ ބަނދަރަށް ވެލި އަރައި، ބޭނުން ނުކުރެވޭތާ އަށް މަސްވެއްޖެ

18 ޖޫން 2022 - 12:52 0

އަރައި ފޭބުން އުނދަގޫ ށ. ނޫމަރާގެ އަގުބޮޑު ބަނދަރަށް ވެލި އަރައި، ބޭނުން ނުކުރެވޭތާ އަށް މަސް ފާއިތުވެ، ބަނދަރެއް ނެތް ޒަމާނުގައި އުޅުނު ދަތިހާލުގައި އުޅެން ރަށު ރައްޔިތުންނަށް އަނެއްކާ ވެސް މަޖުބޫރުވެއްޖެ އެވެ.

އެތެރެވަރީގައި ފަރެއް ނެތުމާއި އުފެދިފައި އޮންނަ ތަނުގެ ސަބަބުން މުޅި އަހަރު ތެރޭ ބޮޑެތި ރާޅު އަބަދުވެސް ރަށަށް އަރާތީ، ނޫމަރާއަކީ ޒަމާނުއްސުރެ، ރާއްޖޭގައި އަރައި ފޭބުން އެންމެ ދަތި އެއް ރަށެވެ. ކުރިން ފެށިގެން ވެސް މަސްވެރިކަމަށްވުރެ ނޫމަރާ މީހުން ކުރާ ހިތްވަނީ ކަނޑަށް ދާން ނުޖެހޭ ދަނޑުވެރިކަމެވެ. ބަލިވެގެން ވެސް މީހަކު ރަށުން ފުރެނީ މޫސުން ރަނގަޅު ދުވަހަކު، ދިޔަވަރު ބޮޑު ވަގުތެއްގަ އެވެ.

މިއަދު އަނެއްކާ ވެސް އެ ދުވަސް އަތުވެއްޖެ އެވެ.

"މިހާރު އަޅުގަނޑުމެންގެ ހާލަތަކީ ދިޔަ ބޮޑުވެގެން ނޫނީ ބަލި މީހާވެސް ނެތް ރަށުން ބޭރަށް ފޮނުވޭނެ ގޮތެއް. ދިޔަ ބޮޑުވަންދެން ބާއްވަން ޖެހެނީ. އެހެން ނޫނީ ބޮއްކުރާއެއްގަ އަޅުގަނޑުމެން އެންމެ ކުރިން އުޅުން ގޮތަށް ރަށުގެ އެހެން ދިމާލަކުން ނިކުންނަން ޖެހެނީ،" މި ނޫހާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް އަލީ ރަބީއު ވިދާޅުވި އެވެ.

އަރައި ފޭބުން ދަތިކަމުން، ރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު ވިއްކޭނެ ގޮތެއް ނެތުމާއި ސިއްހީ އެމެޖެންސީތަކުގައި ވެސް ރަށުން ފޭބޭނެ ގޮތެއް ނެތުމުން، ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ނޫމަރާގައި ބަނދަރެއް އަޅާ ވާހަކަ ދައްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގަ އެވެ. އޭގެ ކުރިން ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު، ނެރެއް ފުން ކުރަން އުޅެ، ރަށު ރައްޔިތުންނަށް އޮތީ އެތައް ފަހަރަކު ނާކާމިޔާބުވެފަ އެވެ.

ޑެންމާކުގެ މަޝްހޫރު ހޯގާޑު ކުންފުންޏާ ހަވާލުކޮށްގެން 2012 ވަނަ އަހަރު އެ ރަށުގައި އަލަށް ބަނދަރު ހެދީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެކަމަކު، ސީޑީއީ ކޮންސަލްޓިންގެ ފަރާތުން އީއައިއޭ ހެދި އެ ބަނދަރު އިފްތިތާހުކޮށް ހަ މަސް ދުވަސް ފާއިތުވި އިރު، އެތަނަށް ވެލި އެޅި ބޭނުން ނުކުރެވޭވަރުވި އެވެ. އޭގެ އަނެއްކާ ވެސް 2020 ވަނަ އަހަރު 13 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަނދަރު "އަޕްގްރޭޑް" ކުރި އެވެ. މިފަހަރު ވެސް ބަނދަރަށް ވެލި އެޅޭ މައްސަލަ ހައްލެއްނުވި އެވެ.

"މިހާރު ދެން ފާޑަކަށް ބަނދަރު ހެދިފައި މިއޮތީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން މިރަށަށް އައިސް ފޭބުމުންވެސް އަޅުގަނޑަށް މިކަމާ ބެހޭގޮތުން ތަފާތު ޝުޢޫރުތައް އިވިއްޖެ. ބައެއް ބޭފުޅުން ވަރަށް ކަންބޮޑުވެފައި ތިއްބެވީ. އެއީ އެހާބޮޑު މަސައްކަތަކުން ބަނދަރު ހަދައި ނިންމުނުއިރުގައި، އަނެއްކާ މިއޮތީ މިތަނަށް ނުވަދެވޭވަރު ވެފައި،" ޖެނުއަރީ 25، 2013 ގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ނޫމަރާއަށް ވަޑައިގެން ވިދާޅުވެފައިވެ އެވެ.

ނޫމަރާ ކައުންސިލުގެ ރައީސް ރަބީއު ވިދާޅުވީ މޫސުން ބަދަލުވާ ވަރަކަށް ރަށުގެ ފަޅު ވެލި އަރާ ތިލަވުމުގެ މައްސަލަ ދިމާވާ ކަމަށާއި ބައެއް ފަހަރަށް ފަޅު ފުން ކުރާ ކަމަށާއި ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ދުވަހަކު ވެސް ނުލިބޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ވަގުތުތަކުގައި ވެސް ފަޅު ބޭނުން ނުކުރެވޭ ކަމަށާއި އެއްވެސް ވަރަކަށް ފަޅު ބޭނުން ނުކުރެވޭތާ މިހާރު އަށް މަސްވެފައިވާ ކަމަށް ރަބީއު ވިދާޅުވި އެވެ.

"އެންމެ ބޮޑު ދިޔައިގައި މިހާރު މި ބަލަނީ [ބަނދަރުގެ] ފުން މިނަކީ ހަތަރު ފޫޓް ކަމަށް," ރާއްޖޭގައި ދުއްވާ ކުޑަ އުޅަނދުފަހަރަށް އެ ރަށަށް ނުވަދެވޭކަން ފާހަގަ ކުރައްވަމުން ރަބީއު ވިދާޅުވި އެވެ.

ބަނދަރަށް ދިމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރަށު ކައުންސިލުން މިހާރު އަންނަނީ ވަރަށް ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ މަސައްކަތް ކުރެވޭތޯ ބެލި އެވެ.

"މިނިސްޓްރީން އޭރު ވިދާޅުވީ ބަޖެޓް ނިމި ފާސް ކުރުމަށްޓަކައި ވަނީ ފޮނުވިފައި ކަމަށް. ދެން އަންނަ އަހަރަކަށް، 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރަމާ ހިނގާށޭ. ރަށުން ބޭރަށް ފުރޭނެ އެއްވެސް ގޮތެއް ނެތިގެން އަޅުގަނޑުމެން މި އަންނަނީ ހާލު ބަޔާންކޮށް ސިޓީތައް ފޮނުވަމުން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބަނދަރު މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރަށުގެ ރައްޔިތުން ވަނީ ޕެޓިޝަނެއް ފޮނުވައިފަ އެވެ. އަދި މި މަހު ރަށު ކައުންސިލުން ރައީސް ސޯލިހާ ބައްދަލު ވެސް ކުރި އެވެ.

"މި މަހުގެ ދެ ވަނަ ދުވަހު އެ ވާހަކަތައް ރައީސްއާ ވެސް ހިއްސާކޮށްފަ. ރައީސް ވިދާޅުވީ ވަގުތީގޮތުން ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ދާއިމީ ހައްލެއް ހޯދުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނަން. ރައީސް ވިދާޅުވީ އެކަން ވާނެ އޭ،" ރަބީއު ވިދާޅުވި އެވެ.