Advertisement

ހުޅުމާލޭގައި އަޅާ ޕްލޭނިން މިނިސްޓްރީގެ އޮފީސް އިމާރާތް ނިމެނީ

18 ޖޫން 2022 - 11:36 1

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ ފޭސް ވަންގައި ހުންނަ ޕްލޭނިން މިނިސްޓްރީގެ އޮފީސް އިމާރާތް: ސަރުކާރުގެ އެހެން ބައެއް އޮފީސްތައް ވެސް މިތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހުޅުމާލޭގައި އަޅާ ޕްލޭނިން މިނިސްޓްރީގެ އޮފީސް އިމާރާތް ނިމެނީ

18 ޖޫން 2022 - 11:36 1

ސަރުކާރު އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ފޭސް ވަންގައި އިމާރާތްކުރަމުން އަންނަ ޕްލޭނިން މިނިސްޓްރީގެ އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ މި އިމާރާތަކީ ޕްލޭނިން މިނިސްޓްރީން ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާ ހަވާލުކޮށްގެން އަޅާ އިމާރާތެކެވެ. ހުޅުލޭ-ހުޅުމާލެ ލިންކު ރޯޑުގެ މަސައްކަތް ކުރި އެ ކުންފުންޏާ ޕްރޮޖެކްޓު ހަވާލުކުރީ 185 މިލިއަން ރުފިޔާއަށެވެ.

ގާތްގަނޑަކަށް 25،000 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކުރާ މި އޮފީސް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އޮކްޓޫބަރު 2019 ގައި ސޮއިކުރީ މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.

އަމަލީ މަސައްކަތް ފެށީ ޖެހިގެން އައި އަހަރުގެ މާޗު މަހު އެވެ. ނަމަވެސް، މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ބޯޑަރުތައް ބަންދުކުރުމާއި އެއާ ވިދިގެން އައި މުދަލުގެ ތާށިކަމުގެ ސަބަބުން މި ޕްރޮޖެކްޓު ނިންމަން ބުނި ތާރީހަށް ނުނިމި، އެ އަހަރުގެ ތެރޭގައި ޕްރޮޖެކްޓު އޮތީ މަޑުޖެހިފަ އެވެ. އަލުން މަސައްކަތްތައް ރަނގަޅަށް ހިނގަން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މިހާރު އިމާރާތުގެ އެކްސްޓީރިއާ އެއްކޮށްހެން ނިމިފައިވާއިރު، ކުރިއަށް ދަނީ އިންޓީރިއާ ޕާޓިޝަން ޖެހުމުގެ މަސައްކަތާއި ފިނިޝިންގެ އެހެނިހެން މަސައްކަތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފީސް އިމާރާތަކީ ޕްލޭނިން މިނިސްޓްރީގެ ތަނެއް ނަމަވެސް އެހެން ބައެއް އޮފީސްތައް ވެސް މިތަނަށް ބަދަލުކުރަން ވަނީ ވިސްނާފަ އެވެ. ހާއްސަކޮށް މިހާރު އޮފީހެއް ނެތި އަމިއްލަ ފަރާތްތަކުން ކުއްޔަށް ނަގާފައިވާ ތަންތަނުގައި އޮފީސް ހިންގާ އިދާރަތައް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ.

ހުޅުމާލޭގައި އަޅަމުންދާ އޮފީސް އިމާރާތްތައް

  • ހަ ބުރީގެ އެމްއެންޕީއައި އޮފީސް އިމާރާތް - ހުނާން ކޮންސްޓްރަކްޝަން
  • ފަސް ބުރީގެ އޮފީސް އިމާރާތެއް - ރެއިންބޯ ކޮންސްްޓްރަކްޝަން
  • ހަތް ބުރީގެ އޮފީސް އިމާރާތެއް - ވެސްޓޯ ޕްރައިވެޓް ލިމިޓެޑް

އެގޮތުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުގެ ބަޖެޓުން ކުއްޔަށް ކުރާ ހޭދައިގެ ވާހަކަ ފާހަގަކުރަމުން ވަނީ މި އޮފީސް އިމާރާތާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަމިއްލަ ޑިވެލޮޕަރުންނާ ހަވާލުކޮށްގެން އަޅާ އެހެން އޮފީސް އިމާރާތްތަކުގެ މަސައްކަތް ނިމުމުން އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.