Advertisement

ނަމާދަށް ފިލާގަނޑުޖެހުމާއި އޭގެ ބޭނުން

18 ޖޫން 2022 - 10:55 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ނަމާދަށް ފިލާގަނޑުޖެހުމާއި އޭގެ ބޭނުން

18 ޖޫން 2022 - 10:55 1

ނަމާދަށް ފިލާގަނޑު ޖެހުމަކީ ކޮންމެ މީހަކަށްވެސް، އެ މީހަކަށް ހާއްސަކޮށްފައި މިސްކިތުގައި އޮންނަ ފިލާގަނޑެއް ނަމާދު ކުރިކަން އެނގޭ ގޮތަށް ވަކި ތަނެއްގައި ބެހެއްޓުމެވެ. މިއީ ނަމާދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮށްއުޅުނު ކަމެކެވެ.

މި ފިލާގަނޑު އެކި ދުވަސްވަރު އެކިގޮތަށް ތައްޔާރު ކޮށްފައި ވެއެވެ. އެންމެ ކުރީގައި ކޮންމެ މީހަކަށް ފިލާ ގަނޑެއް އޮވެ އެވެ. ފުރަތަމަ މި ހަދާފައި ހުރީ ކޮންމެ ވެސް ޒާތެއްގެ މައުދަނަކުން ކަމަށް ވެއެވެ. ލަކުޑިއަށް ބަދަލުވީ އޭގެ ފަހުން ހެދި ފިލާތަކެވެ. މީގައި އޮންނަނީ މީހާގެ ނަމާއި ނަމާދުގެ ނަމެވެ. މި ފޮތި އަޅުވަނީ މިސްކިތުގެ ފާރުގައި ނުވަތަ ބިތުގައި ހަރުކޮށްފައިވާ ދިގު ފިލާގަނޑެއްގައި ހުންނަ މޮހޮރެއްގައެވެ. ކޮންމެ ފަހަރަކުވެސް ނަމާދަށް އަރާފައި އެމީހެއްގެ ފިލާގަނޑު އެމީހަކު އަޅުވާން ޖެހޭނެވެ. ފިލާގަނޑު މޮހޮރުން ނަގާނީ މުދިމު މީހާއެވެ.

ކޮންމެ ދުވަހަކު އެއްފަހަރު މުދިމު މީހާ ނަމާދަށް ނުދާ މީހުންގެ ރިޕޯޓު ނައިބުކަލޭގެ އަރިހަށް ގެންދެ އެވެ. ދެން ނައިބުގޭގެ ފަރާތުން މީހުން ފޮނުވައިގެން އެ މީހުން ނައިބުގެއަށް ހާޒިރު ކުރުވަ އެވެ. އެ މީހަކު އެ ދުވަހު ކުރީ ކިތައް ނަމާދުކަމާއި، ނަމާދު ނުކުރީ ކީއްވެތޯ ސުވާލު ކުރާނެ އެވެ. ދެން އެ މީހަކަށް ދޭންވީ ނަސޭހަތެއް ނުވަތަ ދޭންވާ އަދަބެއްވެސް ދޭނެ އެވެ. މި ގޮތުން ނަމާދު ނުކުރާ ކޮންމެ މީހަކަށް ކޮންމެ ދުވަހަކުވެސް ފަސް އެތިފަހަރުން ތައުޒީރުކުރެ އެވެ. މީގެ އިތުރުން ނަމާދު ނުކުރާ މީހުން އުޅޭ ތަނަކުން ހޯދައިގެން އެތަނެއްގައިވެސް، އެ މީހުންނަށް އަދަބުދީ އުޅުނެވެ.

އެދުވަސްވަރު ނަމާދަށް ބަންގި ގޮވުމުގެ އިތުރުން ވަގުތު ވަނުމުން ސަންގުވެސް ފުމެއެވެ. ފަތިސް ނަމާދަށް ގޮވުމަށްޓަކައި މީހަކު ނުކުމެ ރަށުތެރޭގައި ގޮވާހެދި ދުވަސްވަރެއްވެސް ދިއަ އެވެ.

ނަމާދު ނުކުރާކަމަށް ފާހަގަ ކުރެއްވިއްޖެ މީހަކު ހުންނާނީ މީސްތަކުންގެ ތެރެއިން ބާކީ ކުރެވިފަ އެވެ. އެ މީހަކު ސޮލަވާތް ފާތިހާ އަށް އެރުވުންފަދަ ކަންކަމުން ހުންނާނީ އެކަހެރި ކުރެވިފަ އެވެ.

ކޮންމެ ރަށެއްގައިވެސް މިސްކިތް ހުންނާނީ އަވަށާ މާދުރުގައި ގަބުރުސްތާނުގަ އެވެ. އެތަނަށް ދާ މަގު އޮންނާނީ ނަންނުގެތި ދުވުމަށް ހަނިހަނިކޮށްނެވެ. މިސްކިތް އަވަށާ ދުރުގައި ހުންނަ ފަދައިން އެ ދުވަސްވަރު ގިނަ މީހުންނަކީ މިސްކިތާ ވެސް ދުރު ބައެކެވެ.