Advertisement

ޔަމަނުގެ ވަގުތީ ސުލްހަ ދިގުދެންމުމުން އުއްމީދު ބޮޑުވެއްޖެ

ޔަމަނުގެ ހަނގުރާމައިގައި އިތުރު ދެ މަހަށް ހަމަލާ ބަދަލުކުރުން މެދުކަނޑާލަން ވަނީ އެއްބަސްވެފައި. -- ފޮޓޯ: އެފްޓެގް


ޔަމަނުގެ ވަގުތީ ސުލްހަ ދިގުދެންމުމުން އުއްމީދު ބޮޑުވެއްޖެ

ސްޓޮކްހޯމް، ސްވިޑަން (ޖޫން 17) - ޔަމަނުގެ ހަނގުރާމައިގައި ހަމަލާ ބަދަލު ކުރުން މެދުކަނޑާލަން އެއްބަސްވެފައި އޮތް މުއްދަތު އިތުރު ދެ މަހަށް ދިގުދަންމާލުމުން މުސްތަގްބަލާ މެދު އުއްމީދު ބޮޑުވެއްޖެ އެވެ.

ޔަމަންގެ މައްސަލައަށް ހައްލު ހޯދަން އދ. އިން ކަނޑައަޅާފައި ހުންނަ ސްވިޑަންގެ ޑިޕްލޮމެޓް ހާންސް ގްރުންޑްބާގް ވިދާޅުވީ ވަގުތީ ސުލްހައިގެ ސަބަބުން ރައްޔިތުންނަށް އިންސާނީ އެހީ ލިބެމުންދާ ކަމަށެވެ.

"މި ސުލްހައަކީ މިއަށްވުރެ ފުޅާ އަދި ދާއިމީ ސިޔާސީ ހައްލަކަށް ދިޔުމަށް އެޅޭ ފުރަތަމަ ފިޔަވަޅު،" ސްޓޮކްހޯމްގައި އޮތް ޔަމަން އިންޓަނޭޝަނަލް ފޯރަމްގެ ހަވާސާގައި ގްރުންޑްބާގް އޭއެފްޕީއަށް ވިދާޅުވި އެވެ.

ޔަމަނުގެ ދިގު ދާހިލީ ހަނގުރާމައަށް ވަގުތީ ސުލްހައެއް ގެންނަން އެންމެ ފުރަތަމަ އެއްބަސްވީ މިދިޔަ އެޕްރީލް މަހު އެވެ. އޭގެ ފަހުން މި މަހުގެ ކުރީކޮޅު ނިންމީ އިތުރު ދެ މަހަށް ދިގުދަންމާށެވެ.

ޔަމަނުގެ ހޫތީންނާއި ޔަމަން ސަރުކާރުގެ ސިފައިންނާ ދެމެދު ކުރާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

ޔަމަނުގައި ހަނގުރާމަ ފެށީ އިރާނުގެ އެއްބާރުލުމާ އެކު އުޅޭ ހޫތީން 2014 ވަނަ އަހަރު ވެރިރަށް ސަނާ ހިފުމުންނެވެ. ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަނުގެ ގާނޫނީ ސަރުކާރުގެ އެދުމަށެވެ.

ވަގުތީ ގޮތުން ގެނެސްފައިވާ ސުލްހައިގެ ދަށުން ސަނާ އެއާޕޯޓުން އައްމާން އަދި ގާހިރާއަށް ކޮމާޝަލް ދަތުރުތައް ފަށާފައިވާ އިރު، ތެޔޮ ޓޭންކަރުތައް ހޮދައިދާ ބަނދަރާ ގާތްކުރެވެ އެވެ.