Advertisement

ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނަސް މައްސަލައެއް ނެތް: ޕުޓިން

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ސައިޕްރަސް މެއިލް


ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނަސް މައްސަލައެއް ނެތް: ޕުޓިން

ސެއިންޓް ޕީޓާޒްބާގް، ރަޝިއާ (ޖޫން 17) - ޔޫކްރެއިނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރުކަން ދިނަސް މައްސަލައެއް ނެތް ކަމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ޔޫރަޕިއަން ކޮމިޝަނުން ބުނީ 27 ގައުމު ހިމެނޭ އީޔޫގެ މެމްބަރު ކަމަށް އެދި ހުށަހަޅާފައިވާ ޔޫކްރެއިނަށް ކެންޑިޑޭޓް ސްޓެޓަސް ދިނުމަށް ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ އެއްވެސް ވަރަކަށް ދެކޮޅެއް ނޫން. އެއީ އެ މީހުންނަށް ލިބިފައިވާ އިސްތިގްލާލްގެ ދަށުން ނިންމޭނެ ނިންމުމެއް، އިގްތިސާދީ ޔޫނިއަންތަކުގައި ބައިވެރިވާނީތޯ ނުވަތަ ނުވާނީތޯ. އެއީ އެ މީހުންގެ އަމިއްލަ ކަމެއް، ޔޫކްރެއިން ރައްޔިތުންގެ ކަމެއް،" ކޮންމެ އަހަރަކު ރަޝިއާގައި އޮންނަ ސެއިންޓް ޕީޓާޒްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ޕުޓިން ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައިވާ އިރު، ޕުޓިން އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވަނީ ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދޭން އުޅޭ މައްސަލައިގަ އެވެ.

ނޭޓޯއަކީ އެމެރިކާ އިސްވެ ހިންގާ އަސްކަރީ ކޯލިޝަނަކަށްވާ އިރު، ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމުން ރަޝިއާގެ ސަލާމަތަށް ނުރައްކާވާ ކަމަށް ޕުޓިން ދެކިވަޑައިގަންނަވަ އެވެ.

"އެކަމަކު އިގްތިސާދީ ކަންކަމަށް ބަލާ ނަމަ، އެއީ އެ މީހުންނަށް އޮތް އިހްތިޔާރެއް،" ހުކުރު ދުވަހު ޕުޓިން ވިފާޅުވި އެވެ.

"ނޭޓޯއާ ހިލާފަށް އީޔޫއަކީ އަސްކަރީ ކޯލިޝަނެއް ނޫން."