Advertisement

ގައިދީއެއްގެ ނަފްސާނީ ހާލަތު ބަލަން ކުރި އަމުރެއް ތަންފީޒުނުކުރުމުން ޕީޖީ އަދި ޖަލުގެ ވެރިޔާ ކޯޓަށް ހާޒިރުކޮށްފި

17 ޖޫން 2022 - 10:20 2

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް. ބަންދު މީހެއްގެ ނަފްސާނީ ހާލަތު ނުބެލުމުން ކްރިމިނަލް ކޯޓުން އޭނާއާ ސުވާލުކުރި --- ފޮޓޯ: އަދަދު


ގައިދީއެއްގެ ނަފްސާނީ ހާލަތު ބަލަން ކުރި އަމުރެއް ތަންފީޒުނުކުރުމުން ޕީޖީ އަދި ޖަލުގެ ވެރިޔާ ކޯޓަށް ހާޒިރުކޮށްފި

17 ޖޫން 2022 - 10:20 2

ޖަލު ބަންދުގައި ހުރި މީހެއްގެ ނަފްސާނީ ހާލަތު ބަލަން ކްރިމިނަލް ކޯޓުން އަމުރުކުރިތާ ތިން މަސް ފާއިތުވި އިރު ވެސް އެ އަމުރު ތަންފީޒު ނުކުރުމުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ކަމިޝަނަރް އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި އައިޖީއެމްއެޗްގެ ސީއީއޯ އެ ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދޭ މީހެއްކަމުގެ ދިފާއު ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ އެކަން ކަށަވަރުކުރުމަށްޓަކައި ނަފްސާނީ ހާލަތު ބަލަން އަމުރުކޮށްފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 121 ވަނަ މާއްދާގައި ވާ ގޮތުން ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށް ދައުވާ ލިބޭ ފަރާތަށް ކޯޓުން އަމުރުކުރަންޖެހެ އެވެ.

އެ މައްސަލައިގައި ދައުވާލިބޭ ފަރާތް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށްވާތީ އެ އަމުރު ތަންފީޒުކުރުމުގެ އިންތިޒާމު ހަމަޖެއްސަން ކަރެކްޝަނަލް ސަރވިސް އާއި ދައުލަތަށް ވެސް ކޯޓުން އަމުރު ކުރި އެވެ. ކޯޓުގެ އަމުރުގައި ކަރެކްޝަންސް އަށް އަންގާފައި އޮތީ ދައުވާލިބޭ މީހާގެ މެޑިކަލް ލިޔުންތައް ސިއްހީ އިދާރާއަށް ފޮނުވުމަށާއި އެ އިދާރާއަކުން އަންގާ ގޮތެއްގެ މަތީން އޭނާ ޑޮކްޓަރަށް ދައްކަން ގެންގޮސްދިނުމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަަލަށް އެންގީ ކަރެކްޝަންސްއިން އެ ލިޔުންތައް ފޮނުވާތޯ އާއި ޑޮކްޓަރަށް ދެއްކުމަށް ކަނޑައަޅާފައިވާ ތާރީހަށް އެކަން ކުރޭތޯ ބެލުމަށްފަހު އެކަން ކޯޓަށް ލިޔުމުން އެންގުމަށެވެ.

އެހެންނަމަވެސް, އެ އަމުރުކުރި ފަހުން ތިން މަސް ވީ އިރުވެސް އެ އަމުރު ތަންފީޒުކޮށްފައި ނުވާއިރު ތަންފީޒު ނުކުރާ ސަބަބެއްވެސް އިދާރާ ތަކުން ކޯޓަކަށް ނާންގަ އެވެ. އެހެންވެ ގާޒީ ދީބާ ނާޒް ފަހުމީ ނިންމެވީ އެ މައްސަލައިގައި ޒިންމާވާންޖެހޭ އިސް މުއައްސަސާތަކުގެ ވެރިން ކޯޓަށް ހާޒިރުކޮށް އެކަންކަން ސާފުކުރުމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަމާ ގުޅިގެން ސުވާލުކުރުމުން ޕީޖީ އާއި ކަމިޝަނަރް އޮފް ޕްރިޒަންސްގެ އިތުރުން އައިޖީއެމްއެޗްގެ ސީއީއޯ ވެސް ވަނީ އެ އަމުރު ތަންފީޒު ނުކުރެވި އޮތުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ގަބޫލުކޮށް ކޯޓުގައި މާފަށް އެދިފަ އެވެ. އަދި, އަމުރުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އަމުރު ތަންފީޒުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދޭކަމަށް ވެސް އެ ތިން މުއައްސަސާއިން ބުންޏެވެ.

އެ މައްސަލާ ގުޅިގެން ކޯޓަށް ގުޅުމުން މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.