Advertisement

ކޮންމެ ތުހުމަތެއް ހަގީގަތަކަށް ނުވާނެ!


ކޮންމެ ތުހުމަތެއް ހަގީގަތަކަށް ނުވާނެ!

ރަސޫލުންގެ ތެރެއިން ވަރަށް ގިނަ ބޭކަލުންނަކީ ދޮގުވެރިންކަމަށް އެބޭކަލުންގެ ގައުމުގެ މީހުން ތުހުމަތުކުރި އެވެ. ޢީސާ ޢަލައިހިއްސަލާމަކީ ﷲ ގެ ދަރިއެއްކަމަށް އެއްބަޔަކު ހީކުރި އެވެ. އަނެއްބަޔަކު އެކަލޭގެފާނުގެ މަންމާފުޅުގެ އަބުރާމެދު ނުބައިކޮށް ދެކުނެވެ. ޔޫސުފްގެ ފާނުގެ މައްޗަށް ހިންގުނު ތުހުމަތުގެ ފްރޭމެއްގެ ސަބަބުން ގިނަ ދުވަސްތަކަކަށް ޖަލުގައި ހޭދަކުރައްވަންޖެހިވަޑައިގަތެވެ. އަހަރެމެންގެ މާތް ނަބިއްޔާއާމެދު ވެސް މައްކާގެ މުޝްރިކުން ކުރި ތުހުމަތުތައް ގުނައި އަދަދުނުކުރެވޭނެ އެވެ. ހައްތާވެސް ތުހުމަތެވެ. ހިތަށް އަރާހައި ނުބައި ހީއެއްގެ ފެތުރުމެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަގިނައިން ހީކުރުންތަކާ ދުރުވާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކެއް އަނެކަކަށް ޖާސޫސްނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ނެތިމޮށެ ނުހަދާށެވެ! ތިމާގެ އަޚާގެ މަސް މުޅަވެފައިވަނިކޮށް ކެއުމަށް ތިޔަބައިމީހުންކުރެ މީހަކު ލޯބިކުރަން ހެއްޔެވެ؟ ފަހެ އެކަމަށް ތިޔަބައިމީހުން ނުރުހެ އެވެ. އަދި ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާލައްވައި އޯގާވަންތަ ކަލާނގެ އެވެ."

މިއީ އަލްޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގެ މާނައެވެ. މިއާޔަތުން މުއުމިންތަކުންނަށް އަންގަވަނީ، އިންސާނީ މުޖުތަމައުގެ ވަރަށް ބޮޑު މައްސަލައަކާއި އެ މައްސަލައިގެ ހައްލެވެ. މީސްމީހުންނަށް ފާރަލައި ސިއްރުތައް ހޯދައި، ކޮންމެ ހީކުރުމެއް ގަބޫލުކޮށް ނެތިމޮށެ ހެދުމަކީ އިންސާނުން އޭގެ ޒާތުގައި ގަޔާވާ ކަމެކެވެ. މިއާޔަތުން އެކަންކަން ނަހީކުރައްވާފައިވަނީ، އެކަންކަމަކީ އޭގެ ބާވަތުން މީހާ މަރުވުމަށްފަހު އޭނާގެ މުޅަމަސްކެއުމާ އެއްފަދަކަމެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެ އެވެ. ތިޔަބައިމީހުން ހީތަކާ ދުރުވެގަތުން ހުއްޓެވެ. އެއީ ވާހަކައިގެ ތެރެއިން އެންމެ ދޮގު އެއްޗެވެ. އެހެންވީމާ ނުބައި ހީކުރުންތައް މީހުންނާމެދު ހީކުރުމަކީ މާތް ނަބިއްޔާ ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ. ނުބައި ހީތައް ކުރުން ނަހީކުރައްވާފައިވަނީ އެކަންޏެއް ނޫނެވެ. މީސްމީހުން ނުބައި ހީކުރުންތަކުގެ މައްޗަށް ބުނާ ބުނުންތަކާމެދު ވެސް ސަމާލުވުމަށް ކީރިތި ގުރުއާނުގައި އަންގަވާފައި ވެ އެވެ. އަލްޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި އަންގަވަ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ހަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީ އެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." މިއާޔަތަށް ނަޒަރެއް ދިނުން މުހިންމެވެ. އެއްވެސް މުޖުތަމައެއްގައި ވަކި ބަޔަކީ ފާސިގުންކަމަށް ކަނޑައެޅި ސިއްކަޖެހިފައި ނުހުންނާނެ އެވެ. އޭގެ ބަދަލުގައި މުޅި އާޔަތްތައް ވިސްނާއިރު ދޭހަކުރެވޭ މާނައަކީ ތެދުދޮގު ބަލައި ކަށަވަރުކުރަންޖެހޭ ފަދަ ހާލަތެއްގައި އޮންނަ ހަބަރެއް ގެންނަ މީހަކީ ފާސިގެއްކަމެވެ. އެފަދަ މީހާގެ ބަސް ގަބޫލުކުރުމުގެ ކުރިން އޭނާގެ ބަހުގެ ތެދުދޮގު ބަލައިކަށަވަރުކުރަންޖެހޭކަމެވެ. ސަބަބު ވަރަށް ސާފެވެ. ނޭނގިތިބެ މީހަކަށް ދެވިދާނެ ގެއްލުމަކުން ސަލާމަތްވުމެވެ.

ބައެއް ހާލަތްތަކުގައި ތިމާ ހުންނަ ހާލަތެއްގެ ސަބަބުން ތިމާއާމެދު ނުބައި ހީކުރުމަކަށް މަގުފަހިވެދާނެ ކަންކަން މަނާކުރައްވައި، އެފަދަ ކަންކަމުގައި އަމަލުކުރަންވީ ގޮތް ވެސް ނަބަވީ ސީރަތުން ދައްކައިދެ އެވެ.

އެއްރެއެއްގައި އުންމުލްމުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއާއި މާތް ނަބިއްޔާ އެކުގައި ތިއްބަވަނިކޮށް އަންސާރިއްޔަ ދެބޭކަލަކު އެހިސާބުން ވަޑައިގަންނަވަން ފެއްޓެވުމުން ހަދީސްކުރެއްވި އެވެ. މިއީ ތިމަންކަލޭގެފާނުގެ އަނބިމީހާ އެވެ. އެ ދެބޭކަލުން އޭ ﷲ ގެ ރަސޫލާއޭ ސުބްޙާނަﷲ އޭ ދެންނެވުމުން މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. އިންސާނާގެ ލޭނާރުތަކުގައި ލޭ ހިނގާ މިސާލުގައި ޝައިތާނާގެ ވަސްވާސްތައް އިންސާނާގައި ހިނގަ އެވެ. ތިޔަ ދެބޭކަލުންގެ ހިތްޕުޅުގައި ނުބައެއް ހިނގާފާނެ ކަމުގެ މައްޗަށް ތިމަން ކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީ އެވެ.

އިސްވެ ދިޔަ ހާދިސާއަށް ވިސްނާއިރު، ތިމާއާމެދު ތުހުމަތު އުފެދިދާނެ ކަންކަމުން ދުރުވެގަތުމާއި، އެފަދަ ހީއެއް މީހަކަށް ވެދާނެ ކަމެއްމެދުވެރިވެއްޖެނަމަ އެކަން ފިލުވައިދިނުމަކީ އޮތްކަމެއްކަމުގެ މައްޗަށް ދަލީލު ލިއްބައިދެ އެވެ. އަދި މީހުންނާ މެދު ކުރެވޭ ނުބައި ހީތަކުގެ އަސްލީ މަސްދަރަކީ ޝައިތާނާކަން އެހަދީސުން ބުނެދެ އެވެ.

މީސްމީހުންނާމެދު އެކި ބާވަތުން ތުހުމަތުކުރެވޭ ހިނދު ވިސްނާލުން އެންމެ ރަނގަޅު އެއްގޮތަކީ އެ ތުހުމަތަކީ ތިމާއާމެދު ކުރެވޭ ތުހުމަތެއް ނަމަ ކަން ވާނެ ގޮތެވެ. ކުރެވޭނެ އިހުސާސެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެ އެވެ. ތިޔަބައިމީހުންގެ ނަފުސުތަކަށް އެދޭ ހެޔޮގޮތް ތިމާގެ އަޚާއާ މެދު ނޭދޭހާ ހިނދަކު ތިޔަބައިމީހުންކުރެ ހަމަ އެކެއްގެ ވެސް އީމާންކަން ފުރިހަމައެއް ނުވެ އެވެ.

މީސްތަކުންނާމެދު ހަދައިގެން ދޮގު ބުހުތާނު ހަދައި މީސްތަކުންގެ މެދުގައި ފެތުރުމަކީ ކުޑަކަމެއްކަމުގައި މީހުން ހީކުރާ ހީކުރުން ދޮގުކުރައްވައި އަންނޫރު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، "ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގަ އެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމު އެވެ. އަދި ﷲ ގެ ހަޒުރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ހާލު، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމު އެވެ." މިހެންނެވެ.

އަދި އަޙްޒާބް ސޫރަތުގެ 58 ވަނަ އާޔަތަކީ ވެސް ކަމުގެ ނުބައިކަމުގެ ބޮޑުކަމުގެ މައްޗަށް އޮތް ދަލީލެކެވެ. "އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި މުއުމިން ފިރިހެނުންނަށާއި މުއުމިން އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ ބުހުތާނު ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ."

އަދި މިވަރުން ނިމުނީކީ ނޫނެވެ. ހަދައިގެން ފާޅުވެގެންވާ ބޮޑެތި ދޮގު އުފައްދާ މީހުންގެ ކިބައިން އީމާންކަން ނަފީކުރެވިފައިވާކަމުގެ ބަސްފުޅެއް އަންނަޙްލު ސޫރަތުގެ 105 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި އެވެ.  ދޮގުހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ."

މިޒަމާނަކީ މީޑިއާގެ ވަސީލަތްތައް ފުޅާވެފައިވާ އަދި ހަބަރުތައް ފަސޭހަކަމާއެކު ދައުރުކޮށްލުމަށް ބުރައެއް ތަކުލީފެއް އުފުލަންޖެހޭ ޒަމާނެއް ނޫނެވެ. ނޫސްތަކެވެ. ޓީވީތަކެވެ. ސޯޝަލްމީޑިއާ އެވެ. ފޭސްބުކާއި ވައިބާ އެވެ. ވަޓްސްއެޕާއި ޓްވީޓާ އެވެ. ކޮންމެވެސް މުހިންމު ނުވަތަ މުޖުތަމައުގައި ގަދަރެއް ހުރި މީހަކަށް ތުހުމަތެއް ރައްދުވާ ގޮތަށް ލިޔުމެއް ޖަހާލުމަކީ، ދާދި އަވަހަށް އެލިޔުމެއް ވައިގައި ހިފައި ގިނަ ބަޔަކު ހުޅުވާ ކިޔާ ހަދާނެ ލިޔުމަކަށްވުމަކީ އެކަން ހިނގާ ގޮތެވެ. އެކަމަކު އެލިޔުމުން އުފަންކުރުވާ ފާފައާއި، ގެއްލުމުގެ ބޮޑުކަމަކީ ވެސް އެޔާމެދު ޣާފިލުވުން ހެޔޮވާވަރުކަމެއް ނޫނެވެ.