Advertisement

އާރަށު މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން ފަށައިފި

16 ޖޫން 2022 - 20:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އާރަށު މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން ފަށައިފި

16 ޖޫން 2022 - 20:46 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ޔާމީނާއި ޔޫސުފް ނައީމަށް ކުރާ ދައުވާތައް ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސާލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ހެކިބަސް ދޭން ހާޒިރުވީ ސަޓަޑޭ ފޮރެންސިކްސް އިން ތިން އައިފޯނަކާއި ތިން ޕެންޑްރައިވްއެއް ތަހުލީލު ކުރި ފަހުން އެ ފޯނުތަކާއި ޕެންޑްރައިވް ތަހުލީލު ކުރި ފުލުސް އޮފިސަރެއްގެ ހެކިބަހެވެ. އެއީ ސަޓަޑޭ ފޮރެންސިކްސްގެ ތަހުލީލު ރަނގަޅުކަން ބުނެދޭން ވެގެން ހުށަހެޅި ހެކިވެރިއެކެވެ.

އޭނާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނި ގޮތުގައި އެ ފޯނުތައް ތަހުލީލުކޮށްގެން ފެނުނު ހޭޝްތަކާއި ތަކެއްޗަކީ މާގް އެންޑްރޭ ޒެގްބީ ވެސް އެ ފޯނުތައް ތަހުލީލުކޮށް އޭނާ ފުލުހަށް ދިން ބަޔާނުގައި ފާހަގަކޮށްފައިވާ ހޭޝްތަކާއި ތަކެތި ކަމަށެވެ.

އެ ތަކެތި ތަހުލީލު ކުރަން ފުލުހުންގެ ޑިޕާޓްމަންޓް އިން އޭނާއާ ހަވާލުކޮށްފައި ވަނީ ހަމައެކަނި އެ ފޯނުތަކުން ޔޫސުފް ނައީމްއާ ކޮށްފައިވާ މުއާސަލާތުތައް ހޯދުމަށެވެ. އެ ގޮތުގެ މަތިން ހަތަރު ކޯލް ލޮގްއާއި، އެއް އެސްއެމްއެސްއާއި އެއް ކޯލް އެލާޓް ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. ފެނުނު އެސްއެމްއެސްގައި ހިމެނެނީ "އެއްކަލަ އެތި ގެންދާނީ ކޮން އިރަކުންތޯ" އެކަނި ކަމަށެވެ.

ދައުވާ ރައްދުވާ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް ވަނީ އެ މެސެޖްތަކުން ޔާމީނާއި ޔޫސުފް ނައީމްއާ ދެެމެދު ރިޝްވަތުގެ މުއާމަލާތެއް ހިނގިކަން ފެންނަން އޮތްތޯ ސުވާލު ކޮށްފަ އެވެ. ނަމަވެސް އެ އޮފިސަރު ހެކިތައް ތަހުލީލު ކުރުމުގައި އެއިން ކަމެއް ބަލާފައި ނެތް ކަމަށް ބުނެފައިވެ އެވެ. އެ ހެކިވެރިޔާ ދައުލަތުން ހުށަހެޅީ އެ ކަން ސިދާ ސާބިތު ކުރަން ނޫން ކަމަށް ވާތީ އެ ސުވާލު ކުރަން ދައުލަތުން ވެސް އިއުތިރާޒް ކުރި އެވެ. އަދި ޝަރީއަތުން ވެސް ވަނީ ދައުލަތުގެ އެ އިއުތިރާޒް ބަލައިގެންފަ އެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ މިއަދުގެ އަޑުއެހުމުގައި އޮތީ އެ ހެކިވެރިޔާއާ ހަމައަށް ހެކިތައް އައިސްފައިވާ ގޮތް ނުވަތަ "ޗެއިން އޮފް ކަސްޓަޑީ" އާ މެދު ދިފާއުން ސުވާލު އުފައްދައި އަމާޒު ކުރެވުނު ސުވާލުތަކެވެ. އޭގެ ގިނަ ސުވާލުތައް ކުރުމަށް ދައުލަތުން އިއުތިރާޒް ކުރިއިރު، ޝަރީއަތުން ވެސް ވަނީ ދައުލަތުން ފާހަގަ ކުރި ގިނަ އިއުތިރާޒްތައް ބަލައިގެންފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު އެންމެ ފުރަތަމަ ދެ ހެކިންގެ ހެކިބަސް ނަގަން ޝަރީއަތުން ބޭނުންވި ނަމަވެސް ފުރަތަމަ ހެކިވެރިޔާއަށް މާ ގިނަ ވަގުތު ހޭދަވެގެން ދިއުމުން ދެން ހެކިބަސް ނަގަން އޮތް ހެކިވެރިޔާގެ ހެކިބަސް އެހެން ދުވަހަކަށް ނަގަން ނިންމާފައިވާ ކަމުގަ އެވެ.

ޝަރީއަތުން ގަސްތު ކުރަނީ ޖޫން މަހުގެ ތެރޭގައި ހެކިބަސްތައް ނެގުމަށެވެ. ހެކި ބަސް ނެގުމުގެ މަރުހަލާ ނިމިގެން ހެއްކާ ގުޅޭ ގޮތުން ވަކި އަޑުއެހުމެއް ބާއްވަން ވެސް ޝަރީއަތުން ނިންމި އެވެ. ޝަރީއަތުން ފުރަތަމަ ބޭނުންވީ ޖުލައި މަހު އެ އަޑުއެހުން ބޭއްވުމަށެވެ. އެކަމަކު ޖުލައި މަހު މި މައްސަލާގައި ހިމެނޭ ދައުލަތުގެ ވަކީލުން އަހަރީ ޗުއްޓީއަށް ދާތީ, އޮގަސްޓް މަހު ބާއްވަން ނިންމި އެވެ.

މީގެ އިތުރަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ވެސް އޮގަސްޓް މަހު ތެރޭގައި ބާއްވަން ނިންމި އެވެ. ހުލާސާ ބަޔާނަކީ މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިއަށް، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތަކަށް ހުލާސާ ގޮތެއްގައި ފާހަގަކުރެވުނު ކަންތައްތައް ބަޔާން ކުރަން ދޭ ފުރުސަތެކެވެ.

ޖިނާއީ އިޖުުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ހުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު ތެރޭ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ބައެއް ފަހަރު ދިމާވާ ކަންކަމުން 30 ދުވަހަށް ވުރެ ދިގު ދެމިގެން ވެސް ދެ އެވެ.

ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.