Advertisement

އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ދިމާވާ ގާނޫނީ ހުރަސްތައް ނައްތާލަނީ

16 ޖޫން 2022 - 20:52 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

"އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި އިދިކޮޅު ސަޕޯޓަރެއް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ދިމާވާ ގާނޫނީ ހުރަސްތައް ނައްތާލަނީ

16 ޖޫން 2022 - 20:52 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިނަމަ، އެކަން ހައްލުކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ނިންމައިފި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ފުޅާ ދާއިރާއެއްގައި ބަލަން އެ ކޮމިޓީއަށް ހުށަހެޅުއްވީ ވެސް އެމަނިކުފާނެވެ.

މި މައްސަލަ ދިރާސާކުރުމަށް ފަހު، ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައި، ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި 24 ކަމެއް ވަނީ ހިމަނާފައިވެ އެވެ.

މި މައްސަލަ ކޮމިޓީން ދިރާސާކުރުމަށް ދައުލަތުގެ ކަމާ ގުޅޭ ގިނަ އިދާރާތަކެއްގެ ވެރިން ހާޒިރުކޮށްފައިވެ އެވެ. އެގޮތުން ފުލުހުންގެ އިދާރާ، އެމްއެންޑީއެފް، ހޯމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ހިމެނެ އެވެ.

ކޮމިޓީ ރިޕޯޓުގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ރާއްޖެއާއި އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަން އެނގޭ ކަމަށް ބުނެފައިވެ އެވެ.

އަދި، މި ކެމްޕެއިނުގެ ސަބަބުން ދެ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަން ފާހަގަކޮށްފައިވެ އެވެ. މިގޮތުން، މިކަމަކީ ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމުގައި ގަބޫލުކުރެވޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، ކޮޗިން އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ތިބި ފަރާތްތަކުން ދިވެހިންނަށް ނިސްބަތްކޮށް، "އިންޑިއާ އައުޓް ޕީޕަލް ކަމިން" ފަދަ ބަސްތަކުން މުހާތަބު ކޮށްފައިވެ އެވެ.

އަދި، އިންޑިއާއަށް ކުރި ދަތުރެއްގައި ޓެކްސީ ޑްރައިވަރަކު، އިންޑިއާއިން "މޯލްޑިވްސް އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު ކޮށްފައިވާކަން ބައެއް އާންމުން ކޮމިޓީއަށް ހިއްސާ ކުރި މައުލޫމާތުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް

ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ދެ ހުށަހެޅުމަށް ވަނީ ހުށަހަޅާފަ އެވެ. ކޮމިޓީން ހުށަހެޅި ހުށަހެޅުންތަކަކީ:

  1. ގާނޫނާ ގަވައިދުތަކުގައިވާ ގޮތުގެ މަތީން، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރުން
  2. ހަރަކާތް ހުއްޓުވުމަށް ގޮންޖެހުންތައް ކުރިމަތިވާނަމަ، އެ ހުރަސްތައް ނައްތާލުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހަށް ހުށަހެޅުން

"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި މި ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެ ކެމްޕެއިނު ރާއްޖޭގައި މަނާކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭޕްރީލް، 27، ގައި ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. އޭގެ ފަހުން ފުލުހުން ދިޔައީ "އިންޑިއާ އައުޓް" ބެނާއެއް މާލޭގައި ދެމިޔަސް އެތަކެތި އަތުލަމުންނެވެ. އަދި ފާރުތަކުގައި އެ ޝިއާރު ލިޔާ މީހުނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މީގެ ކުރިން ފުލުހުން ދީފައިވެ އެވެ.

އެގޮތަށް ރައީސް ނިންމެވީ އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި ކަނޑައެޅުއްވުމަށް ފަހުގަ އެވެ.

މި ރިޔާސީ ގަރާރު ބާތިލްކުރަން އިދިކޮޅުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އިދިކޮޅުން ދެކެނީ އެއީ ޣައިރު ގާނޫނީ ގަރާރެއްގެ ގޮތުގަ އެވެ. އެއީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ވެގެންދާތީ އެވެ.