Advertisement

ގުޅީފަޅު އިތުރަށް ހިއްކުމަށް 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

16 ޖޫން 2022 - 16:32 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ލޯނު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --


ގުޅީފަޅު އިތުރަށް ހިއްކުމަށް 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

16 ޖޫން 2022 - 16:32 0

މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރަން ހިންގާ މަޝްރޫއުގައި ހިމެނޭ ގުޅީފަޅު ހިއްކުމުގެ ދެ ވަނަ ފިޔަވަހި، ހިއްކުމަށް 1.6 ބިލިއަން ރުފިޔާ (101 މިލިއަން ޔޫރޯ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ގުޅީފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ޕޯޓަށް ބޭނުންވާ މުހިންމު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފަ އެވެ. އެކަމަކު, ގުޅީފަޅުން ހިއްކަން ބޭނުންވާ ވަރަށް އަދި ބިން ނުހިއްކެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި, 1.6 ބިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނެގީ ތިން ބޭންކެއް މެދުވެރިކޮށެވެ. އެއީ, އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކް އަދި އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކް މެދުވެރިކޮށެވެ.

މި ލޯނާ ގުޅޭ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި، ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓް ފެށީ އައިއެންޖީ ލޯނެއް ހަމަޖެހިގެން ބާކީ ބައި ވެސް ބޮސްކާލިސްއާ އެކު ހިއްކާ ގޮތަށެވެ. މީގެކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި, ގުޅީފަޅުގެ ދެވަނަ ފިޔަވައްސަށް ލޯނު ލިބުން ލަސްވީ ކޮވިޑް-19އާ ގުޅިގެންނެވެ.

ޕޯޓު ބަދަލުކުރަން ފުރަތަމަ ފިޔަވަހީގައި ޕްލޭންކޮށްފައި އޮތީ ހަ މިލިއަން ކިއުބިކް މީޓަރު ހިއްކާށެވެ.


މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މުޅި މަޝްރޫއަށް ގުޅިފަޅުން 192 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ.

ގުޅީފަޅު ހިއްކުމަށް ފަހު މާލޭ ނޯތު ހާބަރުގައި މިހާރު ހުރި ގުދަންތަކާއި ހޯލްސޭލް ފިހާރަތައް އެތަނަށް ބަދަލުކުރާނެ އެވެ. ގުޅިފަޅަކީ އާންމުކޮށް ހިއްކާ ފަޅުތަކަށް ވުރެ ފުން ފަޅެކެވެ. މިހެންކަމުން މަޝްރޫއަށަށް ހިނގާ ހަރަދު ބޮޑުވުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ.

ހަމައެހެންމެ ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ މީހުންގެ ނުރުހުން ވެސް މި މަޝްރޫއަށް ވަނީ އަމާޒުވެފަ އެވެ. މައިގަނޑު ސަބަބަކީ މި ސަރަހައްދު ހިއްކާއިރު، 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ނެތިގެންދާނެތީ އެވެ.

ގުޅިފަޅު މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތް ސިވިލް ކޯޓުގައި ކުރިޔަށް އެބަދެ އެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިވައްސަށް ސަރުކާރުން ލޯނެއް ނެގިއިރު, މި އަހަރު މިހާތަނަށް ސަރުކާރުން ވަނީ އިތުރު ދެ ލޯނެއް ވެސް ނަގާފައިވެ އެވެ. އެއީ, ބަޖެޓް ސަޕޯޓަށް ސީއެފްއެސްއައިޓީން ނެގި ލޯނަކާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން އެކިއެކި މަޝްރޫއުތަކަށް ފަންޑުކުރުމަށް ނެގި ލޯނެކެވެ.