Advertisement

ވޮޝިންޓަންގައި ސައުދީ އެމްބަސީ ހުންނަ މަގަށް ހަޝޮގްޖީގެ ނަމުން ނަން ދީފި

ޖަމާލް ހަޝޮގްޖީ މަރާލީ 2018 ވަނަ އަހަރު. -- ފޮޓޯ: އޭއެފްޕީ


ވޮޝިންޓަންގައި ސައުދީ އެމްބަސީ ހުންނަ މަގަށް ހަޝޮގްޖީގެ ނަމުން ނަން ދީފި

ވޮޝިންޓަން، އެމެރިކާ (ޖޫން 16) - ވޮޝިންޓަންގައި ސައުދީ އަރަބިއްޔާގެ އެމްބަސީ ހުންނަ މަގުގެ ނަން ބަދަލުކޮށް، ޖަމާލް ހަޝޮގްޖީ ވޭގެ ނަމުން ނަން ދީފި އެވެ.

އެމެރިކާގެ ވެރިރަށުގެ ސިޓީ ސަރުކާރުން އެ މަގުގެ ނަން ބަދަލުކޮށް، ރަސްމީކޮށް އިއުލާން ކުރީ ބުދަ ދުވަހު އެވެ. ސައުދީ އެމްބަސީ ކައިރީގައި އެ މަގުގެ އާ ނަން ފެންނަ ބޯޑެއް ވަނީ ހަރުކޮށްފަ އެވެ.

ޖަމާލް ހަޝޮގްޖީ މަރުވީ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންޒިއުލޭޓް ތެރޭގައި ބަޔަކު އޭނާގެ ކަރުގައި ހިފައި ނޭވާ ހާސް ކުރުމުންނެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކުރި އެވެ.

"މި މަގު ވާނީ އަބަދުވެސް ޖަމާލް ހަޝޮގްޖީގެ ހަނދާން އާ ކޮށްދޭ މަގަކަށް. އޭނާގެ ހަނދާން ފޮހެވިގެން ނުދާނެ ކަމުގެ ރަމްޒަކަށް،" ކޮލަމްބިއާ ކައުންސިލް ޑިސްޓްރިކްޓްގެ ރައީސް ފިލް މެންޑަސަން ވިދާޅުވި އެވެ.

އެމްބަސީ ހުންނަ މަގަށް ހަޝޮގްޖީގެ ނަމުން ނަން ދީފައިވާ އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީ އަރަބިއްޔާއަށް ވަޑައިގެން ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާނެކަން ބުދަ ދުވަހު އިއުލާނު ކުރި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި ހަޝޮގްޖީ މަރާލުމަށް އަމުރު ކުރެއްވީ ސައުދީ ވަލީ އަހުދެވެ. ނަމަވެސް އެމަނިކުފާނު އެކަން ދޮގުކުރައްވަ އެވެ.