Advertisement

ޔޫރަޕުގެ ވަރުގަދަ ތިން ލީޑަރުން ކިޔެވްއަށް ވަޑައިގެންފި

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން (މ)، ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒް (ކ) އަދި އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ ކިޔެވްއަށް ދަތުރު ކުރެއްވި ރޭލުގެ ތެރޭގައި. -- ފޮޓޯ: އޭއެފްޕީ


ޔޫރަޕުގެ ވަރުގަދަ ތިން ލީޑަރުން ކިޔެވްއަށް ވަޑައިގެންފި

ކިޔެވް، ޔޫކްރެއިން (ޖޫން 16) - ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އާއި ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒް އަދި އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ވަޑައިގެންފި އެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން އެ ތިން ލީޑަރުން ކިޔެވްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ތިން ލީޑަރުން ދަތުރު ފެއްޓެވީ ޕޮލޭންޑުން ހާއްސަ ރޭލެއްގަ އެވެ. އޭގެ ފަހުން ކިޔެވްގެ ރޭލު ސްޓޭޝަނުގެ ޕްލެޓްފޯމަކަށް ފައިބާވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.

މެކްރޯން ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރައްވައި "ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ސައިޓަކަށް" ޒިޔާރަތް ކުރާނެ ކަމަށެވެ.

ކިޔެވް ކައިރީގައިވާ އަވަށްތަކުގައި ރަޝިއާގެ ސިފައިން "ހަނގުރާމައިގެ ޖަރީމާ" ހިންގާފައިވާ ކަމަށް މެކްރޯން ތުހުމަތު ކުރެއްވި އެވެ.

ޔޫރަޕުގެ ތިން ލީޑަރުން ކިޔެވްއަށް ވަޑައިގެންފައިވާ އިރު، ޔޫކްރެއިނުން މަސައްކަތް ކުރަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފުރިހަމަ މެމްބަރަކަށް ވުމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޮމޭނިއާގެ ލީޑަރު ކްލައުސް ލޮހާނިސް ވެސް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކިޔެވްއަށް ވަޑައިގަންނަވާނެ އެވެ.

ހުޅަނގުގެ އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް މީގެ ކުރިން ކިޔެވްއަށް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވަ އެވެ.