16 ޖޫން 2022 - 14:49 0
ފާތިމަތު ސާޔާ އަހުމަދު
މިދިޔަ މަހު މެޓް ގާލާގައި ކިމް ކާޑޭޝިއަން، މެރިލިން މޮންރޯގެ ހެދުން ލައިގެން. -- ފޮޓޯ: އޭއެފްޕީ
16 ޖޫން 2022 - 14:49 0
ލޮސް އެންޖެލިސް، އެމެރިކާ (ޖޫން 16) - މިދިޔަ މަހު އޮތް މެޓް ގާލާއަށް ދިޔުމަށް ހޮލީވުޑްގެ އިހުގެ ރަން ތަރި، މެރިލިން މޮންރޯގެ އަގުހުރި ހެދުމެއް ކިމް ކާޑޭޝިއަން ބޭނުން ކުރުމުން އެ ހެދުން "ދާއިމަށް ހަލާކުވެއްޖެ" އެވެ.
މެރިލިން މޮންރޯގެ ރަން އިސްތަށިގަނޑުގެ ކުލައާ އެއް ގޮތަށް ކިމްގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށް މެޓް ގާލާގައި މެރިލިން މޮންރޯގެ މަޝްހޫރު ހެދުން ލުމުން، ގިނަ ބަޔެއްގެ ސަމާލުކަން ކިމްއަށް ލިބުނު ނަމަވެސް، އެކަމަށް ފާޑުކިޔާ މީހުން ވެސް އެހާ ގިނަ އެވެ.
އެ ހެދުމަކީ 1962 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ އުފަން ދުވަހާ ދިމާކޮށް އޮތް ހަފްލާގައި "ހެޕީ ބާތުޑޭ މިސްޓާ ޕްރެޒިޑެންޓް" ލަވަ ކިޔަމުން ދިޔަ އިރު، މެރިލިން މޮންރޯ ލައިގެން ހުރި އަގުހުރި ޖަވާހިރުން ޖަރީކޮށްފައިވާ ހެދުމެކެވެ.
މޮންރޯގެ އެ ހެދުން ރައްކާކޮށްފައި އޮންނަނީ ހާއްސަ މިޔުޒިއަމެއްގަ އެވެ. މޮންރޯއަށް ހާއްސަ ވެބްސައިޓެއް ހިންގާ އަދި މޮންރޯއާ ގުޅޭ ތަކެތި އެއް ކުރާ ސްކޮޓް ފޯޓްނާ ވަނީ އެ ހެދުމުގެ ކުރީގެ ފޮޓޯއަކާއި ކިމް ހެދުން ލުމަށް ފަހު ނަގާފައިވާ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.
ކިމް ހެދުން ލި ފަހުން ފޮޓޯތައް ނެގީ އެ ހެދުން ޑިސްޕްލޭކޮށްފައި ހުންނަ ރިޕްލީޒް ބިލީވް އިޓް އޯ ނޮޓް މިޔުޒިއަމަށް ދިޔަ ފޯޓްނާގެ އެކުވެރިއެކެވެ. އެ ހެދުމުގެ މިހާރުގެ ވެރި ފަރާތަކީ އެ މިޔުޒިއަމެވެ. ކިމް ހެދުން ލީ މިޔުޒިއމްގެ ހުއްދަ ހޯދައިގެންނެވެ.
ކިމް ހެދުން ލުމުގެ ކުރިން އަދި އޭގެ ފަހުން ނެގި ފޮޓޯތަކުން ފެންނަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. އޭގެ އިތުރުން ބައެއް ޖަވާހިރުތައް ނެއްޓިފައިވާ އިރު، އެހެން ޖަވާހިރުތައް ނެއްޓެން ކައިރިވެފައިވާ މަންޒަރު ފެނެ އެވެ.
ރިޕްލީޒް މިޔުޒިއަމުން އެ ހެދުން ގަތީ 4.8 މިލިއަން ޑޮލަރުގެ ރެކޯޑް އަދަދަކަށެވެ. ހޮލީވުޑްގެ ތާރީހުގައި މުހިއްމު އެ ހެދުމަށް ގެއްލުން ލިބިފައި ވާތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން މިޔުޒިއަމުން އަދި ކިމް ވެސް ވަކި އެއްޗެއް ނުބުނެ އެވެ. -- އޭއެފްޕީ --
Comment