Advertisement

ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ މަޝްވަރާ ތުރުކީގައި ބާއްވަން ހުށަހަޅައިފި

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ. -- ފޮޓޯ: އޭއޭ


ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ މަޝްވަރާ ތުރުކީގައި ބާއްވަން ހުށަހަޅައިފި

އިސްތަންބޫލް، ތުރުކީ (ޖޫން 16) - ބްލެކް ސީ ރޫޓުން ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ މަޝްވަރާ ރަޝިއާ އާއި ޔޫކްރެއިން އަދި އދ. ހިމެނޭ ގޮތަށް ތުރުކީގައި ކުރިއަށް ގެންދަން ތައްޔާރު ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އެތައް މިލިއަން ޓަންގެ ގޮދަން މި ވަގުތު ހުރީ ޔޫކްރެއިންގެ ބަނދަރުތަކުގައި ތާށިވެފަ އެވެ. އެ ތަކެތި އެކްސްޕޯޓް ކުރެވޭނެ ގޮތަކާ ގުޅޭ ކަރުދާހެއް އދ. އިން ތައްޔާރުކޮށްފައިވާ ކަމަށް ތުރުކީއިން ބުނެ އެވެ.

އެ ކަރުދާހުގައިވާ ގޮތުގެ ދަށުން ބްލެކް ސީ ސަރަހައްދުން މައިންތައް ނެގުމުގެ މަސައްކަތް ނުކޮށް، ރައްކާތެރި ރޫޓުތަކެއް ގާއިމްކޮށްގެން ޔޫކްރެއިނުން ގޮދަން އެކްސްޕޯޓް ކުރެވިދާނެ އެވެ.

"ރަޝިއާއިން ޕޮޒިޓިވް ޖަވާބެއް ދީފި ނަމަ، އިސްތަންބޫލްގައި ހަތަރު ފަޅި ބައިވެރިވާ ބައްދަލުވުމެއް ބޭއްވޭނެ،" ކަވުސޮގްލޫ ވިދާޅުވި އެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަނޭ ޑުޖަރިކް ވިދާޅުވީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ބިރު އޮތް މި މައްސަލަ ހައްލު ކުރުމުގައި ތުރުކީ ސަރުކާރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ތުރުކީގެ ކަމާ ބެހޭ ފަރާތްތަކާ އެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން. މިކަމުގައި ތުރުކީ ސިފައިންގެ ދައުރު ވެސް ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ކަވުސޮގްލޫ ވަނީ ތުރުކީގެ އަންކާރާގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވްއާ ބައްދަލުކުރައްވައި، ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ މަޝްވަރާ ކުރިއަށް ގެންގޮސްފަ އެވެ.

ހަނގުރާމައިގެ ކުރިން ޔޫކްރެއިނަކީ ގޮދަން، ޒުވާރި އަދި ސަންފްލާވާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރި އެއް ގައުމެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން އެ ތަކެތި އެކްސްޕޯޓް ކުރުން ހުއްޓި، ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފަ އެވެ.

ޔޫކްރެއިންގެ އެކްސްޕޯޓަށް އެންމެ ބޮޑަށް ބަރޯސާ ވަނީ މެދުއިރުމައްޗާއު އެފްރިކާގެ ގައުމުތަކެވެ.

އދ. ގެ އެދުމުގެ މަތިން، ތުރުކީއިން ވަނީ ބްލެކް ސީ ސަރަހައްދުގައި މައިންތައް ހުރި ނަމަވެސް، ޔޫކްރެއިންގެ ބަނދަރުން ތަކެތި އެކްސްޕޯޓް ކުރަން މަގުފަހި ކުރުމަށް އެހީ ވާން ހުށަހަޅާފަ އެވެ.

މިދިޔަ މާޗް މަހު ތުރުކީއިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރެއިނާއި ރަޝިއާގެ ފޮރިން މިނިސްޓަރުންގެ މެދުގައި މަޝްވަރާތައް ބާއްވާފަ އެވެ. ނަމަވެސް އެ މަޝްވަރާއިން ކުރިއެރުމެއް ނުލިބެ އެވެ. -- އޭއެފްޕީ --